ވައިގެ އުނދަގުލަކީ އާންމުކޮން އެންމެންނަށްވެސް ކުރިމަތިވާ ކަމެކެވެ. ވައިގެ އުނދަގޫ ތަހައްމަލު ކުރަން ޖެހެނީ ބަނޑުތެރޭގައިވާ ފަށަލައެއް ދުޅަވުމާއި ގުޅިގެންކަމަށް ބުނެވެއެވެ. އޭގެ ސަބަބުން ބަނޑަށް ތަދުވުމާއި، ވައި ލެވުމާއި، މޭއެންދުމާއި، މޭނުބައިކޮށް ހޮނޑުލެވުމާއި، ކާއެއްޗެހި ހަޖަމްކޮށްނުދިނުން ހިމެނެއެވެ. އަދި މީގެ އިތުރުން ބައެއް ބޭފުޅުންނަށް އުކުނޑި ކޮށްޓުމާއި ބަނޑު ފާރު ހެދުން ފަދަ ކަންތަކާއިވެސް ކުރިމަތިލާން ޖެހެއެވެ.
ބައެއް ބޭފުޅުންނަސް ވައިގެ ސަބަބުން ވަރަށް އުނދަގޫ ތަހައްމަލު ކުރަންޖެހެއެވެ. މިހެން މިކަން ދިމާވަނީ ބައެއް ބޭފުޅުންނަށް ކެއުމުގެ ވައްޓަފާޅިއާއި ދިރިއުޅުމުގެ ބައެއް ކަންތައްތައް ބެހެއްޓޭ ގޮތުންކަމަށް ކަމާބެހޭ ތަޖުރިބާކާރުން ވިދާޅުވެއެވެ. އެގޮތުން މާގިނައިން ކެވުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި، ރާބުއިމާއި، މާގިނައިން ނުވަތަ މާމަދުން ނިދުމާއި، ކުނޑި ކެއުން ކެއުމާއި، ސްޓްރެސްވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ބުރަކޮށް އުޅެމުން ވައިގެ އުނދަގޫވާ ކޮންމެ ފަހަރަކު ޑޮކްޓަރަށް ދައްކަން ދިއުމަކީ އެއްވެސް ބޭފުޅަކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. މި ލިޔުމުގައި ވައިގެ އުނދަގޫވާ ބޭފުޅުންނަށް ވައިގެ ސަބަބުން ކުރިމަތިވާ އުނދަގޫ ކުޑަ ކުރުމަށްޓަކައި ގޭގައި ކުރެވިދާނެ ބައެއް ކަންތައްތައް ގެނެސްދެވޭތޯ މަސައްކަތްކޮށްލާނަމެވެ.
ކެއުމުގައި ލޮނުމެދު ބޭނުންކުރުން:
ލޮނުމެދަކީ ތަފާތު ގިނަ ޖަރާސީމުތަކާއި ދެކޮޅަށް މަސައްކަތް ކުރާ ބާވަތަކެވެ. ހެލިކޮބެކްޓަރ ޕައިލޯރީ ބެކްޓީރިއާއެކީ ގޭސްޓްރިޓިސް އަށް މަގުފަހިކުރުވާ ބެކްޓީރިއާއެކެވެ. ކުރެވުނު ދިރާސާއެއްގައި ވައިގެ އުދަނގޫ ތަހައްމަލު ކުރަމުންދާ މީހުންނަށް ދުވާލަކު 2 އިރު މެދު މިނުގެ 2 ލޮނުމެދު ދެވުނެވެ. މީގެ ސަބަބުން ހެލިކޮބެކްޓަރ ޕައިލޯރީގެ ހަރަކާތް ދަންވެގެންދިޔައެވެ. ލޮނުމެދު ފޮޅި ކޮށްލައިގެން ބަތް ކާއިރުވެސް ބޭނުން ކުރެވިދާނެއެވެ.
ކެއުމުގައި އިނގުރު ބޭނުންކުރުން:
ލޮނުމެދުގެ އިތުރުން އިނގުރަކީވެސް ވައިގެ އުނދަގޫ ތަހައްމަލު ކުރަމުންދާ މީހުން ކެއުމަށް ރަނގަޅު ބާވަތެކެވެ. ފާއިތުވި ޒަމާނުގައި ބަނޑުގެ ރިހުމަށާއި ވައިގެ އުނދަގުލަށް އިނގުރު ބޭނުންކޮށްފައި ވެއެވެ. އިނގުރުގައި ދުޅަކަން ކުޑަކޮށްދޭ ބާވަތެއް ވެއެވެ. މީގެ ސަބަބުން ބަނޑު ރަނގަޅުކޮށްދީ ބަނޑުގެ ފަށަލައިގައިވާ ދުޅަކަން ކުޑަކޮށްދީ، ބަނޑުގެ ތަދު ކުޑަކޮށްދީ އަދި ވައިގެ ސަބަބުން ކުރިމަތިކުރުވާ އުނދަގޫ ކުޑަކޮށްދެއެވެ. އިނގުރު ކެއުމުގައި ހިމަނާލުމަށްޓަކައި ކާއެއްޗެހި ތައްޔާރުކުރާއިރު އިނގުރު އަޅައިގެން ހެދިދާނެއެވެ. ނޫނީ ހޫނު ފެން ތައްޓެއްގެ ތެރއަށް ދެތިން ފޮތި ތާޒާ އިނގުރު އަޅާލާ ކުޑައިރުކޮޅަކު ބަހައްޓާލާށެވެ. ބޮވޭވަރަށް ހިހޫވުމުން ދުވާލު ދެއިރު ނުވަތަ ތިން އިރު މިފެން ބޭނުން ކުރެވިދާނެއެވެ.
މާމުއި ބޭނުންކުރުން:
ބައެއް ކަހަލަ ކާއެއްތި ކެއުމުން ވައިގެ އުނދަގޫއަށް މަގުފަހިކުރުވާ ބެކްޓީރިއާގެ އުދަގުލުން ސަލާމަތްކޮށްދޭ ކަމަށް ދިރާސާއަކުން ދައްކައެވެ. މީގެ ތެރެއިން އެއް ބާވަތަކީ މާމުޔެވެ. އެގޮތުން ކުރެވުނު ދިރާސާއެއްގައި މަދުވެގެން ހަފްތާއަކު އެއްފަހަރު މާމުއި ބޭނުންކުރި މީހުންގެ ބަނޑުގައި ކުރިން ބަޔާން ކުރެވުނު ބެކްޓީރިއާ ފެތުރޭ މިންވަރު މަދުކަމަށް ދައްކައެވެ.
ވައިގެ އުނދަގޫގެ އިތުރުން ގިނަ ކަންކަމަށް މާމުޔަކީ ރަނގަޅު އެއްޗެކެވެ. އަޅުގަނޑުމެންގެ ދީނުގައިވެސް މާމުއީގައި ބަލިތަކަށް ޝިފާއެއްވާ ކަމަށް ބަޔާންކޮށްފައިވެއެވެ. ނަހްލް ސޫރަތުގެ 69 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ.
"ދެން ހުރިހާ ވައްތަރެއްގެ މޭވާއިން ކައިހަދާށެވެ! އަދި ތިބާގެ ربّ ގެ ކިޔަމަންތެރިކުރެވިފައިވާ މަގުތައް إختيار ކޮށް އެމަގުތަކުން ދަތުރުކުރާށެވެ. އަދި އެމާމުއި ކުޅަނދުރުގެ ބަނޑުން ތަފާތު ކުލަކުލައިގެ ބުއިމެއް (މާމުއި) ނުކުންނާނެއެވެ. އެމާމުއިގައި މީސްތަކުންގެ ބަލީގެ شفاء އެއްވެއެވެ. ބަލީގެ ބޭހަކަށްވެއެވެ. ހަމަކަށަވަރުން ކަންކަމަށް ފިކުރުކޮށް ވިސްނާބަޔަކަށް އެކަމުގައި دليل ވާކަންކަށަވަރެވެ"
ވީމާ ކޮންމެ ދުވަހަކު މާމުއި ސަމްސަލެއް ބޯލުން ރަނގަޅެވެ.
ޕްރޮބަޔޮޓިކްސް ހިމެނޭ ކާއެއްޗެހި ބޭނުންކުރުން:
ޕްރޮބަޔޮޓިކްސް ނެގުމުން ބަނޑުގައިވާ ގެންލުދެނިވި ބެކްޓީރިއާތަކާއި ދެކޮޅަށް މަސައްކަތް ކުރެއެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ޕްރޮބަޔޮޓިކްސްއިން ވައިގެ އުނދަގޫ އިތުރަށް ގޯސްވުމުން ސަލާމަތް ކޮށްދެއެވެ. ( ބެކްޓީރިއާއި ދެކޮޅަށް މަސައްކަތްކުރާތީ ) މީގެ ސަބަބުން ބަނޑުގައިވާ ފަށަލައިގެ ދުޅަކަން ކުޑަކޮށްދެއެވެ. ޕްރޮބަޔޮޓިކްސް އެންމެ ގިނައިން ހުންނަކަމަށްވަނީ ޔޯގަޓްގައެވެ. އާދައިގެ ޕްލޭން ޔޯގަޓްގެ ޖޯޑެއް ކޮންމެ ދުވަހަކު ކެއުމުގައި ހިމަނާލެވިދާނެއެވެ.
ވައިގެ އުނދަގޫ މާބޮޑަށް ކުރާނަމަ ބައެއް ކަހަލަ ކާއެއްޗެހި ކެއުމާއި ދުރުހެލިވާން ޖެހެއެވެ. އެގޮތުން ކުޅި ކޮށް ކެއުމާއި، ތެލުލި އެއްޗެހި ކެއުމާއި، ހަވާދުގެ ބާވަތްތައް ބޭނުންކުރުން ހުއްޓާލަން ޖެހޭނެއެވެ. އަދި އެއެއްޗެއް ކެއުމުން ވައިގެ އުނދަގޫ ބޮޑުވެގެންދާ ކަމަށް ފާހަގަ ކުރެވޭ ކޮންމެ އެއްޗެއް ކެއުން ހުއްޓާލަން އެދެވިގެންވެއެވެ.
ގިނައިން ފެންބުއިމާއި ތިމާ ސްޓްރެސް ކުރުވާ ކަންތައްތަކުން ދުރުހެލިވާންޖެހެއެވެ. އަދި މީގެ އިތުރުން ހިނގާލުމާއި އެއްފަހަރާއި މާގިނައިން ނުކެއުމާއި ދެކެއުން ދެމެދު މާގިނައިރު ނުކައި ނުހުރުމާއި މަދު އެތި ކޮޅުން އަވަސް އަވަހަށް ކާންވާނެއެވެ.
މިގޮތަށް ކަންތައް ކުރުމުންވެސް ވައިގެ އުނދަގޫއަށް ލުޔެއް ނުލިބޭނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދާލަން ވާނެއެވެ. ވިސްނާލުން މުހިއްމު ނުކުތާއަކީ މަތީގައި ބަޔާން ކުރެވުނު އެއްޗެހި ކެއުމުން ބައެއް ބޭފުޅުންނަށް ވައިގެ އުނދަގޫ އިތުރަށް ގޯސްވެދާނެކަމެވެ. ބައެއް ބޭފުޅުން މި ތަކެއްޗައް އެލާޖިކްވުންވެސް އެކަށީގެންވެއެވެ. އެކި މީހުންގެ ހަށިގަނޑު މަސައްކަތްކުރަނީ އެކި ގޮތަށެވެ. އާންމުކޮށް މަތީގައި ބަޔާން ކުރެވުން އެއްޗައްސަކީ ގިނަ މީހުންނައި ގުޅޭ އެއްޗެއްސެވެ. މިތަކެތި ބޭނުންކުރުމުން ވައިގެ އުނދަގޫ ބޮޑުވާކަމަށް ލަފާ ކުރެއްވެއްޖެނަމަ، އަވަހަށް ކެއުން ހުއްޓާލާށެވެ.
ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމްވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާފަރާތްތަކުންދޭ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫނެވެ.
- އުންމު ނަވާރު
Khan, Dr.A.M. (2023) 9 home remedies for Gastritis & Tips to prevent it, eMediHealth. Available at: https://www.emedihealth.com/digestive-health/health-conditions/home-remedies-gastritis-relief.
Kukde, I. (2023) 5 instant home remedies for Gastric Problem, PharmEasy Blog. Available at: https://pharmeasy.in/blog/5-instant-home-remedies-for-gastric-problem/.
Quick relief from gastric pain and gas troubles: Proven home remedies (2023) Malla Reddy Narayana Multispeciality Hospital - Best Hospital In Telangana. Available at: https://mallareddynarayana.com/blogs/say-goodbye-to-gastric-pain-and-gas-troubles-proven-home-remedies-for-quick-relief-and-prevention/.
.
ހަށިގަނޑުގަ ވައިގެ އުނދަގޫތައް ހުންނަނަމަ ފަރުވާ ހޯދަން އަމިއްލައަށް ކުރެވިދާނެ ކަންކަން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ