ޒިބްރާ ކްރޮސް އިން މަގު ހުރަސް ކުރި މީހެއް ގައިގައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި ޒިބްރާ ކްރޮސް އިން މަގު ހުރަސް ކުރި މީހެއް ގައިގައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ބޮޑުތަކުރުފާނު މަގުގައި ހުންނަ މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި އޮންނަ ޒިބްރާ ކްރޮސް އިން މަގު ހުރަސް ކުރަނިކޮށް މީހެއް ގައިގައި ބާރަށް ދުއްވާފައި އައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ގާތްގަނޑަކަށް 8:10 ހާއިރު ހިނގި އެ ހާދިސާގައި ތިން މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެ އެވެ. އެއީ މަގު ހުރަސް ކުރި މީހާގެ އިތުރުން ސައިކަލުގައި އިން ދެ މީހުން ކަމަށް ބެލެވެ އެވެ. އޭގެ ތެރެއިން ދެ މީހަކަށް ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މަގު ހުރަސް ކުރި މީހާގެ ގައިގައި ޖެހުމުން ސައިކަލު ކޮންޓްރޯލުން ނެއްޓި ދެން އުރުނީ އެ ސަރަހައްދުން ދިޔަ ޕިކަޕަކަށް ކަމަށް ފުލުހުން ބުންޏެވެ.
އެ ސަރަހައްދުގައި ހުރި އަދަދު ގެ ނޫސްވެރިން ބުނީ މަގު ހުރަސް ކުރަން މަސައްކަތް ކުރީ ދުވަން ނުކުމެ އުޅުނު މީހެއް ކަމަށެވެ. ސައިކަލުން އައިސް އޭނާގެ ގައިގައި ޖެހުމުން އޭނާ ވެއްޓި ބޮަލަށް ވަރަށް ބޮޑު ޒަހަމެއް ލިބިފައިވާ ކަމަށް މި ނޫހުގެ ނޫސްވެރިން ބުންޏެވެ.
"މުޅި ސަރަހައްދުގައި އޮތީ އޭނާގެ ބޮލުން ފައިބާފައި އޮތް ލޭ. އޭނަ ހޮސްޕިޓަލަށް ގެންދިޔައީ ޕިކަޕަކަށް އަރުވައިގެން،" ނޫސްވެރިޔާ ބުންޏެވެ.
ސައިކަލު ދުއްވި ދެ މީހުންގެ ތެރެއިން އެކަކު ނެރުނީ ޕިކަޕުގެ އަޑިން ކަމަށް އެ ސަރަހައްދުގައި ތިބި މި ނޫހުގެ ނޫސްވެރިން ބުންޏެވެ. ޕިކަޕު ދަށުން ނެރުނު މީހާގެ ހާލު ވަރަށް ދެރަ ކަމަށް ނޫސްވެރިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ