ނައިޖީރިއާގެ ކުރީގެ ރައީސް މުހައްމަދު ބުހާރީ އަވަހާރަ ވެއްޖެ

ނައިޖީރިއާގެ ކުރީގެ ރައީސް މުހައްމަދު ބުހާރީ އުމުރުން 82 އަހަރުގައި އަވަހާރަވެއްޖެ އެވެ.
އެކަން އެ ގައުމުގެ ސަރުކާރުން ވަނީ އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ހާމަކޮށްފަ އެވެ. އެ ބަޔާނުގައި ވަނީ ދިގު މުއްދަތަކަށް އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ކުރީގެ ރައީސް ބުހާރީ ލަންޑަނުގައި އަވަހާރަވެފައިވާ ކަމަށެވެ.
އަވަހާރަވީ އިނގިރޭސިވިލާތުގެ ގަޑިން ހަވީރު 4:39 ހާއިރު ކަމަށެވެ.
ބުހާރީ އަވަހާރަވުމާއި ގުޅިގެން ރައީސް އަހްމަދު ޓިނޫބޫ ވަނީ ބުހާރީގެ އަނބިކަނބަލުންނަށް ތައުޒިޔާ ފޮނުއްވާފަ އެވެ. އަދި ބުހާރީގެ ހަށިކޮޅު ގައުމަށް ގެންނެވުމަށް ނިންމާ އެކަމުގެ އިންތިޒާމުތައް ކުރެއްވުމަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ނާއިބު ރައީސަށް އަމުރުކުރެއްވި އެވެ.
އެތައް ފަހަރެއްގެ ބޮޑު ނާކާމިޔާބަށް ފަހު އިންތިޚާބުން ކާމިޔާބު ހޯއްދަވާ ނައިޖީރިއާގެ ވެރިކަމަށް ބުހާރީ ވަޑައިގެންނެވީ 2015 ވަނަ އަހަރު އެވެ. އެ ގައުމުގައި އޮތް ބޯކޯހަރާމްގެ ހަނގުރާމަވެރީންގެ ނުރައްކަލުން ގައުމު ސަލާމަތް ކުރެއްވުމަށް ބުހާރީ ގެންގުޅުއްވި ހަރުދަނާ އަދި ހަރުކަށި ސިޔާސަތަކަށް އާންމުންގެ ބޮޑު ތާއީދެެއް ލިބުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ