އަޅުގަނޑުމެން ދެމަފިރިން ދިރިއުޅުނީ ތަނަވަސް ނޫން ނަމަވެސް ފުދިގެންނެވެ. އެހެންވެ ދަރިން ގެއަށް ގެންނަ އެކުވެރިންނަށްވެސް ހެޔޮކޮށް ހިތައި ކާންދީ ހަދަމެވެ. އެއީ ދެމަފިރިންނަށްވެސް ވަރަށް ހިތްހަމަޖެހުން ލިބޭވެސް ކަމެކެވެ. އަތުގައި އޮތް މިންވަރަކުން އެހެން މީހުންނަށް ހެޔޮކޮށް ހިތަން ބޭނުންވާތީއެވެ.
ފިރިމީހާ ނިޔާވީ އަޅުގަނޑުގެ ޢުމުރުން 50 އަހަރުގައެވެ. ތިބީ 2 ދަރިން ކަމަށްވުމުން ފިރިމިހާގެ ގެއާއި މުދަލުން ލިބުނު ބައިވެސް 2 ދަރިންނަށް ހަދިޔާކުރީ މަންމައަށް ވަރަށް ހެޔޮކޮށް ހިތާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ކަންކަން މެދުވެރިވީ އެގޮތަކަށް ނޫނެވެ. ގެއިން ނުކުންނާކަށް ނުބުނެއެވެ. ނަމަވެސް ވަރަށް ރަނގަޅަށް ބާކީކޮށްލީއެވެ. އެމީހުންގެ ބައިވެރިންގެ ބަހަށެވެ.
ކެތްނުކުރެވިގެން އެންމެފަހުން ދައްތަގެ ގާތުގައި އުޅެން އެގެއަށް ބަދަލުވީ އަމިއްލައަށެވެ. ދައްތައަކީ ތަނަވަސް މީހެއް ނޫނެވެ. އެހެންވެ ޤަޞްދުކުރީ ހެދިކާ ހަދާށެވެ. ހިތްވަރުކޮށްފައި މަސައްކަތްފެށީމެވެ. ލިބޭ އޯޑަރުތަކަށް އެއްޗެތި ހިފައިގެންދަނީވެސް އަމިއްލައަށެވެ.
އެއްދުވަހަކު ހޮޓަލަކށް އެއްޗެތި ހިފައިގެން ދެވުނުއިރު ކައުންޓަރުގައި އިނީ ފިރިހެން ދަރިފުޅާއިއެކު ގެއަށް އައިސް އުޅުނު ކުއްޖެކެވެ. ފެނުމާއިއެކު ތެދުވެ ސަލާންކޮށްފައި ޙާލުގެ ވާހަކައިން ސުވާލުކުރުމުން ރޮވިއްޖެއެވެ.
އޭނާ އަޅުގަނޑުގެ އަތުން ދޫވެސްނުކޮށް ގޮވައިގެންވަނީ އެތެރޭގައި ހުރި ބައަކަށެވެ. ގޮނޑިއެއްގައި ބައިންދާފައި ސުވާލުކުރީމާ ކަންކަން މެދުވެރިވި ގޮތް ކިޔައިދިނީމެވެ.
އޭނާ ބުންޏެވެ. "މަންމާއެވެ. މިއަދު އަހުރެންނަކީ ފުދިގެން ހުރި މީހަކީމެވެ. މިޢިމާރާތަކީވެސް އަހުރެންގެ ތަނެކެވެ. ދިގު މުއްދަތަކަށް ކުއްޔަށް ބިން ނަގައިގެން ކޮށްފައިވާ ޢިމާރާތެކެވެ. އަހުރެންނާއިއެކު މަންމަ އަންނާށެވެ!"
ބޭރަށް ނުކުމެ އެހެން ދޮރަކުން ވަދެ ލިފްޓަކަށް އަރުވައިގެން ގެންގޮސް 1 ކޮޓަރީގެ ފްލެޓެއް ހުޅުވާފައި ބުންޏެވެ. "މިއީ ކުއްޔަސްދޭ ތަނެކެވެ. އެކަމަކު އެކަން މިނިމުނީއެވެ. މިތަނުގައި މަންމަ އިންނާށެވެ! އެއްވެސް މަސައްކަތެއް ކުރާނެ ކަމެއް ނެތެވެ. ކުރިމަތީގައި މިހުރީ އަހުރެން އުޅޭ ފްލެޓެވެ. ބަރާބަރަށް ކާން ލިބޭނެއެވެ. ހުރިހާ ބޭނުންތަކެއްވެސް ފުއްދައިދޭނަމެވެ."
އެހިސާބުން އެތަނުގައި އުޅެންފެށީއެވެ. ފޫހިފިލުވަން ހެދިކާ ހަދަމެވެ. ލަނީ އެދަރިފުޅުގެ ހޮޓަލަށެވެ. ދިވެހި ރަހަލާތީ އޮންނަނީ ނުހެދިފައެވެ. އެހެންވެ ފަހުން ހަދާ ގޮތަކީ ތަކެތި ތައްޔާރުކޮށް ބަދިގޭ މީހުންނާ ޙަވާލުކުރަނީއެވެ. އެއިން ހެދިކާ ހަދަނީ އެމީހުންނެވެ. އެގޮތަށް ކަންތައް ކުރީމާ މާގިނައިން ހެދޭތީއެވެ.
އެދަރިންގެ ގާތުގައި އިންނަތާ 15 އަހަރުޥީއެވެ. އެދެމަފިރިންވެސް އަޅުގަނޑަށް ކަންތައް ކޮށްދެނީ ވަރަށް ލޯބިންނެވެ. އަމިއްލަ މަންމައަށްވެސް ކަންތައް ކޮށްދޭނެ ގޮތަށެވެ. ބަލިވިޔަސް ހީވާނީ އެހެންކަމެއްހެންނެވެ. ގަދަކަމުންވެސް ޑޮކްޓަރަށް ގެންދާނެއެވެ.
އަޅުގަނޑުގެ މިވާހަކަކޮޅު މިއަދުނޫހަށް ޙިއްޞާމިކުރީ ވަރަށް ބޮޑު ބޭނުމަކުއެވެ. އެއީ އެހީތެރިވެދޭ ހުރިހާ އެންމެން އެއްގޮތް ނުވިޔަސް ޙާލެއްގައި ޖެހޭ ދުވަހު އަޅުގަނޑަށްވެސް މިލުބުނު ފަދައިން އެހީތެރިވެދޭނެ މީހަކުވުމަކީ ވަރަށް ގާތުގައި އޮތްކަމެއް ކަމަށް ބުނާށެވެ. މީހަކަށް އެހީތެރިވެގެން ހަމަޤައިމުވެސް ދެރައެއް ނުލިބޭނެއެވެ. ކުރާނީ ފައިދާއެވެ.
- ޢާއިޝަތު މަނިކެ؟ މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ޥާހަކަ
އަމިއްލަ ދަރިން އެއްލައިލި ދުވަހު ކުޑައިރު އެހީތެރިވެދެވިފައިވާ ކުއްޖެއްގެ ފަރާތުން ލިބުނު ލޯތްބާ އަޅައިލުން މާބޮޑުކަން ތަޖުރިބާކުރެވުނު އަންހެނެއްގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ