އެއާ އިންޑިއާ ބޯޓު ވެއްޓުން: ޕައިލެޓުންގެ މައްސަލައެއްތަ؟

އިންޑިއާގެ އަހުމަދުއާބާދުން އިނގިރޭސިވިލާތުގެ ލަންޑަނަށް މިދިޔަ މަހުގެ 12ގައި ނައްޓާލިތާ މާގިނައިރެއް ނުވެ ވެއްޓުނު އެއާ އިންޑިއާގެ ބޯޓުގެ ދެ އިންޖީނަށް ވެސް ތެޔޮ ފޮނުވާ ސުވިޗް، ބޯޓު ވެއްޓުމުގެ ކުރިން ނިއްވާލައިފައި ހުރި ކަމަށް ތަހުގީގުން ދައްކާ ކަމަށް އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ)ގެ ތަހުގީގީ ރިޕޯޓުން ހާމަވީ މި މަހުގެ 12 ވަނަ ދުވަހެވެ. ކޮކްޕިޓްގެ ވޮއިސް ރެކޯޑަރުން ހާމަވާ ގޮތުގައި، ސްވިޗް ބަދަލުވުމުން، އެއް ޕައިލެޓު އަނެއް ޕައިލެޓު ކައިރީގައި، ތެޔޮ ކަނޑާލީ ކީއްވެތޯ އަހައެވެ. ނަމަވެސް އަނެއް ޕައިލެޓް އެކަން އެގޮތަށް ނުކުރާ ކަމަށް ޖަވާބު ދީފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. އެ ސުވާލު ކުރީ ކެޕްޓަންކަން ނުވަތަ ކޯ ޕައިލެޓް ކަމެއް އިންޑިއާގެ އޭއޭއައިބީގެ އެ ރިޕޯޓުން ސާފެއް ނޫނެވެ. ރިޕޯޓްގައިވަނީ އޭގެ ފަހުން ބޯޓު ތިރިވާން ފެށި ކަމަށާއި އެއާއެކު ފިއުލް ސްވިޗް އަނެއްކާވެސް "ރަން" އަށް ބަދަލުވި ކަމަށާއި ދެން ބޯޓުގެ ސްޕީޑް މަތިވާން ފެށި ނަމަވެސް އެއް ޕައިލެޓަކު ނުރައްކާގެ ސިގްނަލް، "މޭޑޭ މޭޑޭ މޭޑޭ" ގޮވައި، ކަމެއް ގޯސްވެގެން އުޅޭކަން އެއާ ޓްރެފިކް ކޮންޓްރޯލަށް އެންގި ކަމަށެވެ. އެއާ ޓްރެފިކް ކޮންޓްރޯލުން ވަނީ ވީ ކިހިނެއްތޯ އަހާފައި ކަމަށާއި ނަމަވެސް ހަމަ އެ ވަގުތު ބޯޓު ވެއްޓުނީ ކަމަށް ރިޕޯޓްގައިވެއެވެ. ބޯޓު ނައްޓާލި ވަގުތު ދުއްވަން އިނީ ކޯ ޕައިލެޓެވެ. ކެޕްޓަން ދިޔައީ މޮނިޓާ ކުރަމުންނެވެ. ތަހުގީގު ކުރާ ފަރާތްތަކުން ދަނީ ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ބޯޓު ވެއްޓުނު ސަބަބުން ދެނެގަތުމަށް ކޮކްޕިޓް ރެކޯޑަރުތައް ބަލައި، އެނޫންވެސް ގޮތްގޮތުން ތަހުގީގު ކުރަމުންނެވެ. އުޑުމަތި ސާފު ދުވަހެއްގައި ބޯޓު ވެއްޓުނީ 625 ފޫޓު މައްޗަށް އުދުހުނު ފަހުން ކަމަށް ފްލައިޓްރާޑާ24 ވެބްސައިޓުން ބުނެއެވެ. ނަމަވެސް ބޮއިންގް އާއި ޖެނެރަލް އިލެކްޓްރިކް، އެއާ އިންޑިއާ، އިންޑިއާގެ ރެގިއުލޭޓަރުންނާއި އެމެރިކާ އާއި އިނގިރޭސިވިލާތުގެ ބައިވެރިންނާ އެކު އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ތަހުގީގަށް ފަހު ނެރުނު އިބްތިދާއީ ރިޕޯޓުގައި ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް އެބަހުއްޓެވެ. މި ފަދަ ހާދިސާތައް ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިންޖީނަށް ތެޔޮ ފޮނުވާދޭ ސްވިޗްތަކަކީ 1950ގެ އަހަރުތަކުން ފެށިގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޯޓުތަކުގައި ހަރުކޮށްފައިވާ ސްވިޗްތަކެކެވެ. އެ ސްވިޗްތަކަކީ ލޮކް ކޮށްފައިވާ ސްވިޗްތަކެއް ކަމަށާއި އަންލޮކް ކުރެވޭނީ މައްޗަށް ދަމާލައިގެން ކަމަށް އެ ފަރާތްތާކާ ހަވާލާދީ ބީބީސީން ބުނެއެވެ. "އެއް އަތުން ދެ ސްވިޗް އަންލޮކް ކުރުމަށް މައްޗަށް ދަމާލުމަކީ ކުރެވޭނެ ކަމެއް ނޫން. އެހެންވެ މިއީ ގަސްދުގައި ކުރިކަމެއް ނޫނެކޭ ބުނެވޭކަށް ނެތް." ނަން ނުޖެހުމަށް ޝަރުތުކޮށް ވައިގެ އެކްސިޑެންޓްތައް ތަހުގީގު ކުރާ މީހަކު ބީބީސީއަށް ބުންޏެވެ. "ގަސްތުގައި ވިޔަސް ނުވަތަ ނޫން ކަމަށް ވިޔަސް ޕައިލެޓުންގެ ތެރެއިން އެކަކު ސްވިޗްތައް ނިއްވާލުމުގެ ޒިންމާ އުފުލަން ޖެހޭނަމަ، ސުވާލަކީ ކީއްވެހޭ؟." އޮހައިއޯ ސްޓޭޓް ޔުނިވާސިޓީގެ އޭވިއޭޝަން މާހިރު، އަދި އެކްސިޑެންޓުތައް ކުރިން ތަހުގީގު ކުރާ ފަރާތެއް ކަމަށްވާ ޝޯން ޕްރޫޗްނިކީ ބުންޏެވެ. "އެއީ ގަސްތުގައި، ނޫނީ އޮޅުމަކުން ވީ ކަމެއް ތޯ؟ ނަމަވެސް އޮޅުމަކުން ވެދާނެހެނެއް ހިޔެއް ނުވޭ. އާދަޔާޚިލާފު އެއްވެސް ކަމެއް ޕައިލެޓުން ފާހަގަކޮށްފައެއް ނުވޭ." ގިނަ ފަހަރު ކޮކްޕިޓްގެ ކުއްލި ހާލަތްތަކުގައި ޕައިލެޓުން ގޯސް އެ ބަޓަންތަކަށް ފިތާ ނަމަވެސް މި އެކްސިޑެންޓުގައި އެފަދަ ހާލަތެއް އޮތް ކަމުގެ އެއްވެސް އިޝާރާތެއް ނެތް ކަމަށް ޕްރޫޗްނިކީ ބުންޏެވެ. އަދި ތެޔޮ ފޮނުވާ ސްވިޗް އޮފްކޮށްފައި ވަނީ އޮޅިގެން ކަމަކަށްވެސް ނުބުނެވޭ ކަމަށް އޭނާ ބުންޏެވެ. އެމެރިކާގެ އެންޓީއެސްބީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޕީޓާ ގޯއެލްޒް ވިދާޅުވި ގޮތުގައި ބޯޓު ނައްޓާލިތަނާ މާ ގިނައިރު ނުވަނީސް އިންޖީނަށް ތެޔޮ ފޮނުވާދޭ ސުވިޗް ޕައިލެޓަކު އޮފް ކޮށްލީއޭ އެ ބުނާ ބުނުމަކީ ވަރަށް ބިރުވެރި ކަމެކެވެ. "ތަހުގީގު ރިޕޯޓުގައި ބުނެފައިވާ އެއްޗަކަށް ވުރެ ކޮކްޕިޓް ވޮއިސް ރެކޯޑަރުގައި ގިނަ ކަންތައްތަކެއް ހުރުމަކީ އެކަށީގެންވާ ކަމެއް. ހަމައެކަނި ސްވިޗް ކަނޑާލީ ކީއްވެތޯ އެހުމުން ނުފުދޭ." އޭނާ ވިދާޅުވިއެވެ. "އާ ތަފްސީލުތަކުން އެނގެނީ ކޮކްޕިޓްގައި ހުރި މީހަކު އެ ވަލްވްތައް ބަންދުކުރީ ކަމަށް. ސުވާލަކީ ކާކު، އަދި ކީއްވެ؟ ދެ ސްވިޗް ވެސް ނިއްވާލުމަށްފަހު ސިކުންތުކޮޅެއްގެ ތެރޭގައި އަލުން ސްޓާޓް ކުރީ. ވޮއިސް ރެކޯޑަރުން އިތުރަށް ހާމަވާނެ. އިންޖީނު އަލުން ސްޓާޓް ކުރަން އުޅުނީ ދުއްވަން އިން ކޯ ޕައިލެޓް ހޭ ނުވަތަ މޮނިޓާ ކުރައިން އިން ޕައިލެޓް ތޯ." ތަހުގީގު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެ ސުވާލުތަކަށް ޖަވާބު ލިބޭނީ ޕައިލެޓުންގެ މައިކްރޯފޯނާއި ރޭޑިއޯ ކޯލްތަކާއި ބެކްގްރައުންޑް ކޮކްޕިޓްގެ އަޑުތަކުން އޯޑިއޯ ނަގާ ކޮކްޕިޓް ވޮއިސް ރެކޯޑަރުންނެވެ. "އެމީހުންނަށް އަދި އަޑުތައް ދެނެގަނެވިފައެއް ނުވޭ. އެއީ ވަރަށް މުހިންމު ކަމެއް. އާންމުކޮށް ވޮއިސް ރެކޯޑަރު ރިވިއު ކުރާއިރު، އަޑު ދެނެގަތުމަށް ޕައިލެޓުންނާ ގާތް މީހުން ތިބޭނެ." ގޯއެލްޒް ވިދާޅުވިއެވެ. މިއީ ކޮކްޕިޓް ވީޑިއޯ ރެކޯޑަރުގެ ބޭނުންތެރިކަން ހާމަކޮށްދޭ ކަމެއް ކަމަށާއި އެ ވީޑިއޯއިން، ސްވިޗް ކަނޑާލި މީހާގެ އަތް ފެންނާނެ ކަމަށްވެސް ތަހުގީގު ކުރާ ފަރާތްތަކުން ބުނެއެވެ. އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ)ގެ ކުރީގެ އިންވެސްޓިގޭޓާ ކެޕްޓަން ކިޝޯރު ޗިންޓާ ވިދާޅުވީ އެ ސްވިޗްތައް ބަދަލުވީ އެއާކްރާފްޓްގެ އިލެކްޓްރޯނިކް ކޮންޓްރޯލް ޔުނިޓަށް ދިމާވި މައްސަލައެއްގެ ސަބަބުންތޯވެސް ސުވާލު އުފެދެއެވެ. "ޕައިލެޓް އެއްވެސް ކަމެއް ނުކޮށް ބޯޓުގެ އިލެކްޓްރޯނިކް ކޮންޓްރޯލް ޔުނިޓުން އިންޖީނަށް ތެޔޮ ފޮނުވާ ސްވިޗްތައް އިލެކްޓްރޯނިކްކޮށް ބަދަލުވީތޯ؟ އެހެން ވެއްޖެނަމަ، އެއީ ކަންބޮޑުވާން ޖެހޭ ކަމެއް." ކިޝޯރު ބީބީސީއަށް ވިދާޅުވިއެވެ. ރިޕޯޓުގައި ބުނެފައި ވަނީ އިންޖީނުގެ ތެޔޮ ޓޭންކުތަކުން ނަގާފައިވާ ތެލުގެ ސާމްޕަލްތަކަކީ ރަނގަޅު ސާމްޕަލްތަކެއް ކަމަށެވެ. ބޯޓު ވެއްޓެން މެދުވެރިވީ ތެޔޮ ތަޣައްޔަރުވުމުގެ ސަބަބުން ދެ އިންޖީނު ފެއިލްވެގެން ކަމަށްވުން އެކަށީގެންވާ ކަމަށް މީގެ ކުރިން ތަޖުރިބާކާރުން ބުނެފައިވެއެވެ. ފާހަގަކޮށްލެވޭ ކަމަކީ ތަހުގީގުގެ މި މަރުހަލާގައި ބޮއިންގް 787-8 އަދި/ނުވަތަ ޖީއީ ޖީއެންއެކްސް-1ބީ އިންޖީނު އޮޕަރޭޓަރުންނާއި އުފައްދާ ފަރާތްތަކުގެ އެއްވެސް މައްސަލައެއް އޮތް ކަމަކަށް ރިޕޯޓުގައި ބުނެފައިނުވާކަމެވެ. ހާދިސާ ހިނގިތާ މަހެއް ވާން އުޅެނިކޮށް ނިންމި އެ ރިޕޯޓާ ގުޅިގެން ބޮއިންގުން މިހާތަނަށް އެއްޗެއް ބުނެފައެއްނުވެއެވެ. އެ ބޯޓު ވެއްޓުނީ މީހުން ދިރިއުޅޭ މެގަނީ ނަގަރު ނަމަކަށް ކިޔާ ސަރަހައްދަކަށެވެ. އެ ހާދިސާގައި އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ 19 މީހުން ހިމެނޭހެން ޖުމްލަ 260 މީހުން މަރުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ