ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފަށަން ތާރީޚެއް ނެތް، އަދިވެސް ފައިސާ ހޯދަނީ

މާލޭގައި ތަރައްގީކުރާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތަށް ބޭނުންވާ ޓެކްނިކަލް ކަންކަން ނިމިއްޖެ ކަމަށާއި، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ. މިރޭ ބޭއްވި "އަހާ ފޯރަމް"ގައި، ކެންސަރު ހޮސްޕިޓަލުގެ މަސައްކަތާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ އެކަމަށް "ކަރުދާހުގެ ލެވެލްގައި" ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމިއްޖެ ކަމަށެވެ. އެއީ ހޮސްޕިޓަލުގެ ކޮންސެޕްޓާއި ފީސިބިލިޓީ ފަދަ ޓެކްނިކަލް ކަންކަމެވެ. ނާޒިމް ވިދާޅުވީ ބޮޑެތި މަޝްރޫއުތައް ހިންގުމުގައި ބަރޯސާވާންޖެހެނީ އިންޓަނޭޝަނަލް ފައިނެންޝަން ޑޯނަރުންނާއި ބޭރު ގައުމަތަކާއެކު އޮންނަ ގުޅުންތަކުގެ މައްޗަށް ކަމަށެވެ. އެ ގޮތުން ކެންސަރު ހޮސްޕިޓަލު އެޅުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. "...ޓެކްނިކަލީ ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ، އިރާދަ ކުރެއްވިއްޔާ އަޅުގަނޑު ދިވެހި ރައްޔިތުންނަށް ދޭން އޮތް އުފާވެރި ޚަބަރަކީ، މާ ލަސްތަކެއް ނުވެ އޭގެ އަމަލީ މަސައްކަތްތައް [ފެށުން] ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށުނީމަ އޭގެ އަމަލީ މަސައްކަތް ފެށުން ކަމަށް އެއް މާނައެއްގައި ބެލެވޭނީ" ނާޒިމް ވިދާޅުވިއެވެ. ކެންސަރު ބައްޔަކީ ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް އާންމުވަމުންދާ ބައްޔަކެވެ. އެ ބަލި ޖެހުމުގައި ދިރިއުޅުމުގެ ވައްޓަފާޅީގެ ދައުރު ވަރަށް ބޮޑެވެ. އަދި އާއިލީ ގޮތުން ވާރުތަ ކުރުމުގެ ފުރުސަތު ވެސް އޮވެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖޭގެ 2020 ވަނަ އަހަރު ތަފާސްހިސާބުތަކުގެ މައްޗަށް އަންދާޒާކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައެވެ. ކެންސަރު ހޮސްޕިޓަލްގެ މަޝްރޫއަކީ މިދިޔަ ސަރުކާރުގައި ފެށި މަސައްކަތެކެވެ. އޭރުގެ ސަރުކާރުން ނިންމާފައި އޮތީ ލ. ގަމުގައި އެ ހޮސްޕިޓަލް ތަރައްގީކުރާށެވެ. އޭރުގެ ސަރުކާރުން ކެންސަރު ހޮސްޕިޓަލް ތަރައްގީކުރަން އުޅުނީ އަވަށްޓެރި އިންޑިއާގެ އެހީގައެވެ. ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭގެ ފަހުން، ހޮސްޕިޓަލްގެ މަސައްކަތްތައް ކުރުމަށް އިންޑިއާގެ ޓީމެއް ވެސް ވަނީ ރާއްޖެއަށް އައިސްފައެވެ. އެކަމަކު، ދައުރު ހަމަވިއިރު ވެސް އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ. މި ސަރުކާރުން ވަނީ ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކޮށް، ގަމުގައި ނަފުސާނީ ސިއްހަތުގެ ހޮސްޕޮޓަލް އަޅަން ނިންމައިފައެވެ. އެ މައްސަލައިގައި، މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިދިޔަ އަހަރުގެ އޭޕްރިލް 18ގައި މަޖިލީހަށް ހާޒިރުކުރުމުން ވިދާޅުވީ، މާލޭގައި ކެންސަރު ހޮސްޕިޓަލް އަޅަނީ އާ ފަންޑަކުން ކަމަށެވެ. ނަމަވެސް އެ ފަންޑުގެ ތަފުސީލެއް އެނާ ނުދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ