މި އަހަރުގެ ފުރަތަމަ ހަ މަހު މާލެ ސަރަހައްދުގައި 1،101 އެކްސިޑެންޓު، އެންމެ އާންމީ ކާރާއި ސައިކަލު ޖެހުން މި އަހަރުގެ ފުރަތަމަ ހަ މަހު މާލެ ސަރަހައްދުގައި 1،101 އެކްސިޑެންޓު، އެންމެ އާންމީ ކާރާއި ސައިކަލު ޖެހުން

މި އަހަރުގެ ފުރަތަމަ ހަ މަހު މާލެ ސަރަހައްދުގައި 1،101 މަގުމަތީ އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުން ބުނެ، އެ އެކްސިޑެންޓުތަކުގެ ތަފާސްހިސާބުތައް ފުލުހުން އާންމުކޮށްފި އެވެ.
މިއަދު އާންމުކުރި މި ތަފާސްހިސާބުތަކުގައި ހިމެނެނީ ޖެނުއަރީ 1، އިން ޖޫން 30، އާއި ހަމައަށް މާލެ ސިޓީ، ސިނަމާލެ ބުރިޖު، އަދި މާލެ، ހުޅުލެ، އަދި ހުޅުމާލެއާއި ދެމެދު އޮންނަ ހައިވޭގައި ހިންގާފައިވާ އެކްސިޑެންޓުތަކެވެ.
މީގެތެރެއިން އެންމެ ގިނައީ ކާރާއި ސައިކަލު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓުތަކެވެ. އެއީ 295 އެކްސިޑެންޓެވެ. ދެވަނައަށް އެންމެ ގިނައީ ދެ ސައިކަލު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓެވެ. އެއީ 267 އެކްސިޑެންޓެވެ.
އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ 91 ހާދިސާއެއް ވެސް ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ. ސައިކަލަކުން ހިނގާފައި ދިޔަ މީހެއް ގައިގައި ޖެހިފައިވަނީ 20 ފަހަރެވެ.
މި އެކްސިޑެންޓުތަކުގައި 1،107 އުޅަނދަކަށް ގެއްލުންވެ 121 މީހަކަށް އަނިޔާވެފައިވެ އެވެ. އޭގެތެރެއިން 61 އިންސައްތަ މީހުންނަށް ސީރިއަސް އަނިޔާތަކެއް ވެފައިވާއިރު މަރުވި މީހުންގެ އަދަދެއް ފުލުހުން ނުބުނެ އެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މާލެ މި އަހަރުގެ ފުރަތަމަ ހަ މަހު މާލެ ސަރަހައްދުގައި ހިނގި އެކްސިޑެންޓުތަކުގެ 68 އިންސައްތަ ހިނގާފައިވަނީ ދުވާލު ގަޑީގަ އެވެ. ބުރިޖާއި ހައިވޭގައި ހިނގާފައިވަނީ އެންމެ 17 އިންސައްތަ އެކްސިޑެންޓެވެ.
މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތަކުގެ ތަފްސީލީ ތަފާސްހިސާބުތަކެއް ފުލުހުން އާންމުކޮށްފައިވަނީ ރޭ މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވަނިކޮށެވެ.
ބާރަށް ދުއްވި ސައިކަލަކުން މަގު ހުރަސް ކުރަން މަސައްކަތް ކުރި މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި 17 އަހަރުގެ ކުއްޖަކު ނިޔާވެ 16 އަހަރުގެ ކުއްޖަކަށާއި 40 އަހަރުގެ މީހަކަށް ދަނީ ފަރުވާދެމުންނެވެ. އެ ދެ މީހުންގެ ހާލު ސީރިއަސް ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެ އެވެ.
މަރުވީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ އާއި މަރިޔަމް އަޝްފާގެ ދަރިފުޅު އަލްސަން، 17، އެވެ.
އެ އެކްސިޑެންޓު ހިނގި މަންޒަރުގެ ސީސީޓީވީ ފުޓޭޖެއް ރޭ ވަނީ އާންމުވެފަ އެވެ. އޭގެން ފެންނަނީ ދުވަން ނުކުމެ އުޅުނު މީހާ ޒިބްރާ ކްރޮސްއަށް އެރި ފަހުން ސައިކަލު ބާރަށް އައިސް އޭނާގެ ގައިގައި ޖެހޭ މަންޒަރެވެ. ސައިކަލުން ނެއްޓެންވެގެން ތަންކޮޅެއް ބާރަށް ކުރިއަށްދާން އޭނާ މަސައްކަތް ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ