އަބްދުއްރަހްމާންގެ މަރު: ބައެއް މީހުންގެ ފުޓްޕްރިންޓާއި ޑީއެންއޭ ސާމްޕަލް ނަގަން ފަށައިފި އަބްދުއްރަހްމާންގެ މަރު: ބައެއް މީހުންގެ ފުޓްޕްރިންޓާއި ޑީއެންއޭ ސާމްޕަލް ނަގަން ފަށައިފި

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަހްމާން އާދަމް، 65، ގެ މަރުގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގަށް މި ރަށު ބައެއް މީހުންގެ ފުޓްޕްރިންޓާއި ކުޅުގެ ސާމްޕަލް ފުލުހުން ނަގަން ފަށައިފި އެވެ.
އަބްދުއްރަހްމާން މަރުވީ ހޮނިހިރު ދުވަހުގެ ރޭ އޭނާ ނިދާފައި އޮއްވައި، ގޮތް ނޭނގޭ މީހަކު އޭނާގެ ބޮލަށް ދިން އަނިޔާވެރި ހަމަލާގެ ސަބަބުންނެވެ. އަބްދުއްރަހްމާން މަރުވީ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެނިކޮށެވެ.
އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް މާޅޮހުގެ ބައެއް މީހުންގެ ސާމްޕަލް ފުލުހުން ނަގަމުން ދަނީ މާޅޮހު ކައުންސިލަށް އެމީހުން ގެންގޮސްގެންނެވެ.
ކައުންސިލަށް ހާޒިރު ކުރި ޒުވާނަކު އަދަދު އަށް ބުނީ އެ މީހުން ނެގީ ފައިގެ ޕްރިންޓާއި ކުޅުގެ ސާމްޕަލް ކަމަށެވެ.
"އަނގައިން ނެގީ، ދެން ނެގީ އަތުގެ ފިންގާ ޕްރިންޓު، ދެން ފައިތިލައިގެ ނިޝާން ނެގީ އެ މީހުން އެ ނަގާ ވައްތަރުގެ ގަނޑަކަށް،" މި ނޫހަށް މައުލޫމާތު ދިން ޒުވާނާ ބުންޏެވެ.
ފުލުހުން ސާމްޕަލް ނެގި މީހުންގެ ތެރޭގައި ހިމެނެނީ އަބްދުއްރަހްމާންއަށް އެހީވުމަށް އެރޭ އެތަނަށް ދިޔަ މީހުންނެވެ.
އޭގެއިތުރުން ފުލުހުން ދަނީ އަބްދުއްރަހްމާން ދިރިއުޅެމުންދިޔަ، މާހިޔާ ގެއާ ކައިރި ހިސާބުތަކުގައި ހުރި ގޭގެއަށް ވަދެ އެކި މީސްމީހުންނާ ވެސް ސުވާލު ކުރަމުންނެވެ.
ފުލުހުން ސުވާލު ކުރި މީހަކު އަދަދު އަށް ބުނީ ތަހުގީގު ޓީމުން އެހީ އާންމު ސުވާލުތަކެއް ކަމަށެވެ. ވަކި މީހެއްގެ ނަމެއް ނުވަތަ ވަކި މީހަކާ ގުޅުވައި އެއްވެސް މައުލޫމާތެއް ސާފު ނުކުރާ ކަމަށް އޭނާ ބުންޏެވެ.
"އެހީ ޝައްކު ކުރެވޭ މީހަކު އެބަހުރިހެއްޔޭ، ދެން އެރޭ އެއްވެސް ކަމެއް ފާހަގަވި ހެއްޔޭ، އެކަހަލަ ސުވާލުތަކެއް އެމީހުން ކުރީ،" މި ނޫހަށް މައުލޫމާތު ދިން ޒުވާނާ ބުންޏެވެ.
ބައެއް ގޭގެއަށް ވަދެ މީހުންނާ ސުވާލު ކުރަން ފުލުހުން ފަށާފައިވާއިރު، މިއަދު މެންދުރާ ހަމައަށް ވެސް މި ރަށުގެ މީހުންނާ އާންމުކޮށް ސުވާލުކޮށް ނުހަދާތީ މި ރަށުގެ ބައެއް މީހުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނީ އަބްދުއްރަހްމާންގެ މަރާ ގުޅިގެން މި ރަށު މީހުން ތުހުމަތު ކުރާ އެއްވެސް މީހަކު ނެތް ކަމަށެވެ. އެހެންކަމުން މި އަނިޔާވެރި މަރާ ގުޅޭގޮތުން ފުލުހުން ކޮންމެވެސް މައުލޫމާތެއް އެއް ދުވަސް ވާއިރު ހާމަކުރަން ޖެހޭނެ ކަމަށް އެމީހުން ބުންޏެވެ.
އެ މައުލޫގައި މި ނޫހާ ވާހަކަދެއްކި މި ރަށު ޒުވާނަކު ބުނީ މާޅޮހު ރައްޔިތުންނަކީ މިފަދަ ކަމެއް މީގެ ކުރިން ދުވަހަކު ވެސް ތަޖުރިބާ ކޮށްފައި ނުވާ ބަޔަކަށް ވާތީ އަބްދުއްރަހްމާންގެ މަރާ ގުޅިގެން ރަށުގައި ބިރުވެރިކަމެއް އުފެދިފައިވާ ކަމަށެވެ.
"ހަމަ ހަގީގަތަށް މި ބުނީ، ރޭގައި އަހަރެން ހަޔާތުގައި ވެސް އަލަށް ބިރުގަތް ގޭ ބޭރުގައި ސިނގިރޭޓެއް ބޯން އެކަނި ހުންނަން،" އެ ޒުވާނާ ބުންޏެވެ.
އަބްދުއްރަހްމާންގެ މަރާ ގުޅިގެން މިހައިތަނަށް ފުލުހުން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.
އަބްދުއްރަހްމާނުގެ ހަށިގަނޑުގެ އިތުރު ތަހުލީލުތައް ހެދުމަށް އިއްޔެ ހަވީރު ވަނީ މާލެ ގެންގޮސްފަ އެވެ. ފުލުހުން ބުނީ އަބްދުއްރަހްމާންގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.
މާޅޮހުގައި ހަރަކާތްތެރިވާ ފުލުހުން ދަނީ ތަހުގީގުގެ ބޭނުމަށް، ރަށަށް އަރައިފައިބާ މީހުން މޮނީޓާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ