ފީނަނިކޮށް މަރުވި ލޫތު: މޫދަށް ގަދަ، އަޑިއަށް ފީނަން ދަންނަ ކުއްޖެއް

މާލޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު މަރުވި ޚަބަރާއެކު ކޮންމެ ދިވެއްސެއްގެ ހިތަށް ވެސް އަސަރުކުރިއެވެ. އެ ކުއްޖާގެ މަރުން ލިބުނު ސިހުމުން އަރައި ނުގަނެވެނީސް މިރޭ އިވުނީ އދ. މާމިގިލިން ހަމަ ފުރާވަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން އުޅޭ ޚަބަރެވެ. އެ ކުއްޖާ ރައްކާތެރިކަމާއެކު ފެންނާނެ ކަމަށް ދުއާކުރަން ތިއްބައި ލިބުނީ އިތުރު ހިތްދަތި ކަމެކެވެ. މާމިގިލި ކައިރިން ފީނަން އުޅެނިކޮށް މިއަދު ގެއްލި، މަރުވެފައި ވަނީ އެންމެ 15 އަހަރުގެ، އެ ރަށު ރޯޅި، ލޫތު އަހުމަދެވެ. ގުރޭޑު 10ގައި ތައުލީމު ހާސިލުކުރަމުން އައި ލޫތާ ގުޅޭ ގޮތުން ސުވާލުކުރުމުން، އެ ރަށުގެ މީހުން ފުރަތަމަ ވެސް ފާހަގަކުރަނީ އެއީ މޫދަށް ގަދަ ކުއްޖެއް ކަމެވެ. އެކުވެރިންނާއެކު ބޯވަ ނެގުމަށާއި މަސް ހިފުމަށް އާންމު ގޮތެއްގައި ގޮސް އުޅޭ ކުއްޖެއް ކަމެވެ. ހަމައެކަނި މޫދުގައެއް ނޫނެވެ. ލޫތަކީ ސްކޫލުގައި ކުޅޭ ކުޅިވަރާއި އާންމު ދިރިއުޅުމުގައި ވަރަށް ހަރަކާތްތެރި ކުއްޖެކެވެ. ފިޓް ކުއްޖެކެވެ. މިއަދު ވެސް ލޫތު މޫދަށް ދިޔައީ، މީގެ ކުރިން ވެސް އެކި ފަހަރު ގޮސްފައިވާ ފަދައިން ތިން އެކުވެރިއަކާއެކު ބޯވަ ނަގާށެވެ. ހަވީރު ހާއިރު މާމިގިލީ ކައިރީގައި ފީނާފައި، ދެން ތިބި ކުދިން އެއްގަމަށް އެރިއެވެ. ނަމަވެސް ލޫތެއް ނުފެނުނެވެ. މާމިގިލީ ސިއްހީ މަރުކަޒު ކައިރީގައި މީހުން އެއްވެފައި: ފީނަން އުޅެނިކޮށް ގެއްލުނު އެ ރަށުގެ 15 އަހަރުގެ ކުއްޖާ ފެނުނީ މަރުވެފައި އޮއްވައި -- އެ ތިން ކުދިން ވެގެން ފުރަތަމަ ލޫތު ފެނޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ގިނައިރުވެ، އިރު އޮއްސެމުން ވެސް ދިޔުމުން އެ ކުދިން އެއްގަމަށް އަރައި އެހީއަށް އެދުނީއެވެ. ފުލުހުން ބުނި ގޮތުގައި ލޫތު ގެއްލިގެން ރިޕޯޓުކުރީ 19:00ހާއިރެވެ. އެއިރު ވެސް ރަށު ރައްޔިތުން ވެގެން ކުއްޖާ ހޯދަން މަސައްކަތް ކުރަމުންދިޔައިރު ފުލުހުންނާއި އެމްއެންޑީއެފުން ވެސް އެ މަސައްކަތުގައި ބައިވެރިވިއެވެ. ރަށުގެ ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވެ، އެންމެން ވެސް އުއްމީދުކޮށްގެން ތިބީ، ފީނަން ހުޝިޔާރު ލޫތު ހެޔޮ ހާލުގައި ފެންނާނެ ކަމަށެވެ. ނަމަވެސް މާމިގިލީ ބޭރުން ފެނުނީ ލޫތުގެ ފުރާނަ ނެތް ހަށިގަނޑެވެ. ދެހާހުގެ އާބާދީއެއް އޮންނަ މާމިގިލީ ރައްޔިތުންނަށް ލިބުނު ބޮޑު ސިހުމެވެ. މޫދުން ނަގައިގެން ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް، ގިނަ ބަޔަކު ފަހަތުން ގޮސް، މަރުކަޒު ކައިރީ އެއްވެފައި ތިއްބެވެ. އާންމުކޮށް މޫދަށް އެރި އުޅޭ ލޫތަށް މިރޭވީ ގޮތެއް މިހާތަނަށް ކަށަވަރުވެފައިނުވެއެވެ. ނަމަވެސް އިތުރު ކުދިން ވެސް ތިބޭ، ލޫތުގެ އާއިލާއަށާއި މުޅި ރަށަށް ވެސް ވަނީ، ވަކި ޖަވާބަކުން ނުފުދޭ ވަރުގެ ފުން ހިތާމައެއް ކުރިމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ