ކާވާ ޗެމްޕިއަންސް ލީގަށް ކަޒަކިސްތާނުގެ ޒައިކް ވީސީ ރާއްޖެއަށް

އަންނަ ބުރާސްފަތި ދުވަހު ރާއްޖޭގައި ފަށާ, މެދުތެރޭ އޭޝިއާގެ ފިރިހެން ވޮލީ ކުލަބުތަކުގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ކާވާ ޗެމްޕިއަންސް ލީގުގައި ވާދަކުރުމަށް ކަޒަކިސްތާނުގެ ޗެމްޕިއަން ޒައިކް ވީސީ ރާއްޖެ އަތުވެއްޖެއެވެ. މިރޭ ރާއްޖެއައި ޒައިކް ވީސީ ޓީމުގައި ޓީމުގެ 18 މެމްބަރުން ހިމެނެއެވެ. މީގެތެރޭގައި ޓީމުގެ ތިން އޮފިޝަލުން ހިމެނެއެވެ. މިމަހުގެ 17އިން 23ގެ ނިޔަލަށް މާލޭގެ ސޯޝަލް ސެންޓަރުގެ އެތެރޭ ހޯލުގައި ކުރިއަށްގެންދާ މި މުބާރާތުގައި ޒައިކް ވީސީ ކުޅޭ ފުރަތަމަ މެޗުގައި 17 ވަނަ ދުވަހުގެ 13:30 ގައި ބައްދަލުކުރާނީ ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީ ޓީމާއެވެ. މުބާރާތުގައި ވާދަކުރުމަށް ކަޒަކިސްތާނުގެ ޓީމު ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ: ސަން ރާއްޖޭގެ ދެ ޓީމު ހިމެނޭގޮތަށް ޖުމްލަ ހަ ޓީމު މި މުބާރާތުގައި ވާދަކުރެއެވެ. ރާއްޖެއިން ވާދަކުރާ ދެ ޓީމަކީ ގައުމީ މުބާރާތާއި އެސޯސިއޭޝަން ކަޕުގެ ފައިނަލުގައި ކުޅުނު ކުލަބު އެޗްޑީސީ އާއި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އެވެ. ދެން މި މުބާރާތުގައި ވާދަކުރާނީ ކަޒަކިސްތާނުގެ ޒައިކް ވީސީގެ އިތުރުން ކިރްގިސްތާނުގެ ބިޝްކެކް، އަދި ނޭޕާލުގެ ޗެމްޕިއަން ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި ލަންކާގެ ޗެމްޕިއަން ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީއެވެ. ލީގު އުސޫލުން ކުރިއަށްގެންދާ މި މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ލިބޭ ދެ ޓީމެއް ފައިނަލުން ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން ތިންވަނަ އާއި ހަތަރުވަނަ ޓީމުގެ މެދުގައި ރޭންކިން މެޗެއް ކުޅޭއިރު، ފަސްވަނަ އަދި ހަވަނަ ޓީމުގެ މެދުގައިވެސް ޕްލޭއޮފް މެޗެއް ކުޅޭނެއެވެ. ޖުމްލަ 18 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ކޮންމެ ދުވަހަކު ވެސް ތިން މެޗު ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. އެއީ މެންދުރުފަހު 13:30، 16:30 އަދި 20:45 އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. މުބާރާތުގެ ހުރިހާ މެޗެއް އެސްއެސްޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިއަހަރު ކާވާއިން ރާއްޖޭގައި ބާއްވަން ނިންމާފައިވާ ބައިނަލްއަގުވާމީ ހަތަރު މުބާރާތުގެ ތެރެއިން ފުރަތަމަ މުބާރާތެވެ. އެއަށްފަހު އަންނަ އޯގަސްޓު މަހު މާލެއާއި އައްޑޫސިޓީގައި ބީޗު ވޮލީބޯޅަ ދެ މުބާރާތެއް ބާއްވަން ތާވަލުކޮށްފައިވާއިރު، މިއަހަރުގެ ޑިސެމްބަރު މަހު ކާވާ ވިމެންސް ނޭޝަންސް ކަޕް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ