ޢިބްރަތްތެރި ވާހަކަ: ލޯބިވުމުގެ ނަމުގަ ޑްރާމާކުޅޭ މީހުން ލަދުގަންނަންޖެހޭވަރުގެ ވަރުގަދަ، ޘާބިތު ދެލޯބިވެރިން 10 އަހަރު ކެތްތެރިވެ ރަންދުނިޔެއެއް ހޯދިގޮތުގެ ވާހަކަ-

އެއީ ދެ ޒުވާނުންނެވެ. އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް ކައިވެނި ކުރެވޭނެ ގޮތް ނުވީއެވެ. ޒުވާނާ ފަޤީރުކަމުން އަންހެން ކުއްޖާގެ މައިންބަފައިން ޤަބޫލުނުވީތީއެވެ. އެދުވަހުން ފެށިގެން ޒުވާނާ މަސައްކަތްކުރަމުން އައީ ތަނަވަސް މީހަކަށް ވުމަށެވެ. އެހެންވެ ރަށްދޫކޮށްލާފައި އައީ މާލެއެވެ.  
10 އަހަރު ފަހެވެ. ޒުވާނާ ކައިގެން ރެސްޓޯރަންޓަކުން ނުކުމެވުނީ ލޯބޮިވެރިޔާގެ ކުރިމައްޗަށެވެ. ހުރީ 11 އަހަރުގެ އަނހެންކުއްޖަކު ގޮވައިގެންނެވެ. ވިސްނުނީ ލޯބިވެރިޔާ ކައިވެނިކޮށް ދަރިއަކު ހޯދީކަމަށެވެ. އެގޮތަށް ވިސްނުމުންގެ ލޯބިވެރިޔާގެ ކުރިމަތީގައި ހުއްޓި ވާހަކަދައްކަން ފެށިއެވެ. ދެމައިންނަށް ދަޢުވަތުދީގެން ގޮވައިގެން ރެސްޓޯރަންޓަށް ވަނެވެ.  
މޭޒުދޮށުގައި ތިބެގެން ކޮންމެ މީހަކުވެސް އެމީހެއްގެ 10 އަހަރުގެ މާޒީ ކިޔައިދިނެވެ. ޒުވާނާ ބުންޏެވެ. "އެއިރު އަހުރެން ހުރި ޙާލުގެ ވާހަކަ ދައްކާކަށް ނެތީމެވެ. ނަމަވެސް މިއަދު އަހުރެންނަކީ ހިންގާ 2 ފިހާރައިން ަމހަކު ތިންލައްކަ ރުފިޔާވަރު ލިބޭ ވިޔަފާރިއެއްކުރާ މީހަކީމެވެ. ރަށަށް ދާން ބޭނުންވެފައި ހުންނަތާވެސް ކިތަންމެ ދުވަހެކެވެ. އެކަމަކު ކަލާ ކައިވެނިކޮށްގެން އުޅޭތަން ދުށުމުގެ ކުޅަދާނަކަމާ ހިތްވަރު އަދިވެސް ނެތީމައި ހުރީއެވެ. ހުރީ މިދަރިފުޅު އެކަނިހެއްޔެވެ؟ ފިރިމިހާ ކޮބައި ހެއްޔެވެ؟"  
ލޯބިވެރިޔާ ބުންޏެވެ. "ފިރިމީހާ އޮތީ ހަމައެކަނި ހިތުގައެވެ. ދަރިފުޅުގެ ބައްޕަ އެނގެން ބޭނުންވާނަމަ ޑީއެންއޭ ހަދައިލާށެވެ! ޔަޤީންވާކަމަކީ ޙަޤީޤަތް ބަލައިފިނަމަ ކަލާގެ ދަރިއަކާއި މިދަރިއަށް ކައިވެނިނުކުރެވޭނެކަމެވެ. ފާއިތުވި 11 އަހަރު އެންމެ ކުޑަމިނުން މިއަތުކުރީގައި ހިފާލެވުނު އަދި މިމޫނަށް ދޮނެއް ދެވުނު އެއްވެސް ފިރިހެނަކު ނުހުންނާނެއެވެ. މަރުވަން ބޭނުންވަނީވެސް އެގޮތުގައެވެ. އެއީ ކިތަންމެ ބޮޑު މޮޔަކަމަކަށްވީނަމަވެސްމެއެވެ."  
ޒުވާނާ ބުންޏެވެ. "ޤަބޫލުކުރަން އުނދަގޫވިޔަސް އަދި ޤަބޫލު ނުކުރިޔަސް އަހުރެންވެސް މިހުރީ ހަމަ ތިއަގޮތުގައެވެ. އަވަހަށް ގޮށްޖަހައި ނިންމަމާ ހިނގާށެވެ! މިތަނުން ނުކުމެގެން ދާންވާނީވެސް އަހުރެންގެ ފްލެޓަށެވެ'. ދެން ކަލާގެވެސް ފްލެޓަށެވެ."  
ނުކުމެގެން ދިއައީ އެފްލެޓަށެވެ. 12 އަހަރުވީއެވެ. އަދިވެސް މިއިނީ ހަމައެފްލެޓުގައެވެ. ދިރިއުޅެމުން މިދަނީ އެންމެ އުފަލުގައެވެ.  
ވާހަކައެއް ގޮތަށް މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ހަޔާތުގެ ވާހަކައެވެ. ލޯބީގައި ދެމީހުންވެސް ތެދުވެރިވެއްޖެނަމަ ތަރިބާލާނީއެއް ނޫނެވެ. ދެމީހުން އެކުގައި ތަރިއަށް އެރޭނެ ދުވަހެއް އަންނާނެއެވެ.
 
- އަނީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ