ފެނުނީ ބިރުވެރި މަންޒަރެއް؛ މުޅި ތަން އޮތީ ލެއިން ކަޅިވެފައި

އއ. މާޅޮހު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަލީ ނަދީމަށް ރޭ ދަންވަރު ލިބިވަޑައިގެންނެވީ ކައުންސިލްގެ ރައީސްގެ ފޯނުކޯލެކެވެ. އެދިވަޑައިގެންނެވީ، ވީ އެންމެ އަވަހަކަށް ރަށުގެ ސިއްހީ މަރުކަޒަށް ގޮސްދިނުމަށެވެ.
ދަންވަރު 2 ޖެހުމާ ކައިރިވެފައި ވަނިކޮށް، އެ ފަދަ ކޯލެއް އަންނާނީ ކަމެއް ވަރަށް ގޯސްވީމާ ކަމަށް އޭނާއަށް އެނގިވަޑައިގެންނެވި އެވެ. އެކަމަކު ސައިކަލުގައި ބާރު ސްޕީޑުގައި ގޮސް، ސިއްހީ މަރުކަޒަށް ވަދެވުމާއެކު އޭނާއަށް ފެނިވަޑައިގަތީ، އުއްމީދު ވެސް ނުކުރާ ފަދަ ބިރުވެރި މަންޒަރެކެވެ.
"އޭރު އޭނާ އޮތީ [މަރުކަޒު]ގެ އެނދެއްގެ މަތީގައި ބާއްވާފައި. ނިއްކުރިމަތި ފަޅައިގެން ގޮސް ހޯސްލާފައި ލޭ އާދޭ. ލޯމަތި ކަޅުވެ، ލޯ އެއްކޮށް ނުވެސް ފެނޭ. ކަންފަތުން ވެސް ލޭ އަންނަމުން ދިޔައިއިރު ބޮލުގެ ފުއްކިބައިން ވެސް އެއްޗެހިތަކެއް ފައިބަމުންދޭ،" ފެނުނު މަންޒަރު ސިފަ ކޮށްދެއްވަމުން ނަދީމު ވިދާޅުވި އެވެ.
"އެނދުމަތީ ބާއްވާފައި އޮތްއިރު، އެއްކޮށް މުޅިތަން އެއްކޮށް އޮތީ ލެއިންކަޅިވެފައި."
އަބްދުއްރަހްމާން އާދަމް، 65، އޯކިޑުމާގޭ/މާޅޮހާ ގުޅޭ ގޮތުން އެ ރަށުގެ އެކި މީހުން ދައްކާ ވާހަކަތައް ތަފާތެވެ. 'ދައުރު'އާ ވާހަކަ ދެއްކި ބައެއް މީހުންގެ ނަޒަރުގައި އެއީ މީހުންނާ ގުޅޭ، ހީސަމާސާކޮށް އުޅޭ މަސްވެރިއެކެވެ. ރުޅިވެރިކަމެއް އޮވެގެން، މީހަކާ ޒުވާބު ކުރި ކަމެއް އެނގޭކަށް ނެތެވެ. ގެއްލުމެއް ދޭނެ ކަމަށް ބުނެ މީހަކު އޭނާއަށް އިންޒާރެއް ނުދެ އެވެ. އެކަމަކު މާޅޮހަށް މިއަދު އިރު އަރައިގެން އައީ، އާއްމުކޮށް ރަށުގެ ބަނދަރުމަތީގައި އެ އުމުރުގެ މީހުންނާ އެކު ތާސްބައި ކުޅެން އިންނަ ތަން ފެންނަ އަބްދުއްރަހްމާނަށް ރަހުމުކުޑަ އަނިޔާތަކެއްދީ އަދި އެ އަނިޔާތަކުގައި އޭނާ މަރުވި ކަމުގެ ހަބަރާ އެކު އެވެ.
ހިބަރުގެ މަސްވެރިކަމުގައި އއ. އުކުޅަހުގައި އުޅެފައި އަބްދުއްރަހުމާނު މާޅޮހަށް ދިޔަތާ އަދިވީ ދެ ދުވަހެވެ. އޭނާއަށް ހަމަލާދީފައިވަނީ ރޭ ދަންވަރު 1:15ހާއިރު ގޭގައި ނިދާފައި އޮއްވަ އެވެ. ތިން ދަރިން ތިބި ނަމަވެސް އެއިން އެކަކު ވެސް ރަށުގައި ދިރިނޫޅޭތީ، އެ ގޭގައި އުޅެނީ އެ ދެމަފިރިން އެކަންޏެވެ. އެރޭ އެ މީހުން ނިދާފައި ތިބީ ވެސް ދެ ކޮޓަރިއެއްގަ އެވެ.
ނަދީމް ވިދާޅުވި ގޮތުގައި، އަބްދުއްރަހްމާނަށް ހަމަލާދިންކަން އެނގުނީ މީހަކު ކުކުރާ ކަހަލަ އަޑެއް އިވިގެން އޭނާގެ އަންހެނުންނަށް އެ ވަގުތު ހޭލެވުމުންނެވެ. އެ ކޮޓަރިއަށް ދިޔައިރު އޭނާއަށް ފެނުނީ، ފިރިމީހާ އެނދުމަތީގައި ލެއިން ފޯވެފައި އޮއްވަ އެވެ.
ދަގަނޑު ގަނޑެއް ކަހަލަ އެއްޗަކުން ޖަހައި ބޮލުގެ ފުއްކިބަ އާއެކު ތިން ތަނެއް ފަޅާލާފައި ހުރި އިރު، އެ ތަންތަނުން ހޯސްލާފައި ލޭ އަންނަނީ އެވެ.
"ދެން އޭނާ އަވަހަށް ގުޅީ ދަރިއަކަށް. ސިއްހީ މަރުކަޒަށް އެކަން އެންގީ ދަރިފުޅު. އެމްބިއުލާންސްގައި އެ ތަނަށް ގެންދިޔައީ ވެސް،" ނަދީމް ވިދާޅުވި އެވެ.
އަބްދުއްރަހްމާން މަރުވީ ސިއްހީ މަރުކަޒަށް ގެންދިޔަތާ ހަތަރު ވަރަކަށް ގަޑިއިރު ފަހުން، ފަތިހު އެވެ. އޭރު އޭނާ ދިޔައީ މާލެ ފޮނުވާލެވޭތޯ ބަލަމުންނެވެ.
ނަދީމް ވިދާޅުވީ އަބްދުއްރަހްމާންގެ މަރުން މުޅި މާޅޮހަށް ކުއްލި ސިހުމެއް ލިބިފައިވާ ކަމަށެވެ. އެ ރަށަކީ މާރާމާރީތައް އެއްގޮތަކަށް ވެސް ނުހިނގާ ރަށަކަށް ވެފައި، ކުއްލިއަކަށް މީހަކަށް މި ފަދަ ރަހުމުކުޑަކޮށް ހަމަލާދިނުން އެކަކަށް ވެސް ގަބޫލެއް ނުކުރެވެ އެވެ.
އެ މީހުން އެންމެ ހައިރާން ވަނީ އެ ފަދަ އަނިޔާއެއް ދިނުމުގެ ސަބަބެއް ނުވިސްނޭތީ އެވެ. 'ދައުރު'އާ ވާހަކަ ދެއްކި ބައެއް މީހުން އެކަމާ ގުޅުވާލީ އޭނާއަކީ ސިހުރުވެރިއެއް ކަމަށް ތުހުމަތު ކުރަމުންނެވެ. އެކަމަކު އެ ފަދަ އަނިޔާވެރިކަމެއް ރަށުން ފެނިދާނެ ކަމަކަށް އެ މީހުންނަކަށް އަދިވެސް ގަބޫލެއް ނުކުރެވެ އެވެ.
"ހަމަ އެއްގޮތަކަށް ވެސް އަދި ބުނާކަށް ނޭނގެ ކީއްވެ ދިން ހަމަލާއެއް ކަމެއް މިއީ. އަޅުގަނޑުމެން މި ތިބީ އަދިވެސް ވަރަށް ބޮޑު ޝޮކެއްގައި،" ނަދީމް ވިދާޅުވި އެވެ.
ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ކައިރި ރަށްރަށުގައި ތިބޭ ފުލުހުންނާއި މާލޭން ފުލުހުންގެ ޓީމެއް މިހާރު އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ނަދީމް ވިދާޅުވި ގޮތުގައި، އެ މަރުގެ ހަގީގަތް އެނގޭނީ ތަހުގީގަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ