އަބްދުއްރަހްމާނުގެ މަރު: މިހާތަނަށް މީހަކު ހައްޔަރެއް ނުކުރޭ، ހަތިޔާރެއް ވެސް އަދި ނުފެނޭ އަބްދުއްރަހްމާނުގެ މަރު: މިހާތަނަށް މީހަކު ހައްޔަރެއް ނުކުރޭ، ހަތިޔާރެއް ވެސް އަދި ނުފެނޭ

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަހްމާން އާދަމް، 65، ގެ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
އަބްދުއްރަހްމާން މަރުވީ އޭނާ ނިދާފައި އޮއްވައި، ގޮތް ނޭނގޭ މީހަކު އޭނާގެ ބޮލަށް ދިން އަނިޔާވެރި ހަމަލާގެ ސަބަބުންނެވެ. އަބްދުއްރަހްމާން މަރުވީ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެނިކޮށެވެ. އޭނާގެ ބޮލުގެ ދެތިން ތަނަކަށް ހަމަލާދީފައި ހުރި ކަމަށް ބެލެވެ އެވެ.
މާޅޮހުގައި ހުރި އަދަދު ގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ބުނީ، އެ ރަށުގައި ފުލުހުންގެ ފޮރެންސިން އަދި ތަހުގީގީ ހާއްސަ ޓީމެއް ހަރަކާތްތެރިވަމުންދިޔަ ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި އަބްދުއްރަހްމާން މަރާލަން ބޭނުން ކުރި ހަތިޔާރު ފެނުނު ކަމަށް ނުބެލެވޭ ކަމަށް ވެސް ޝަހުޒާން ބުންޏެވެ.
"މިހާތަނަށް މި ރަށުން މީހަކު ހައްޔަރެއް ނުކުރޭ. ފުލުހުން ދަނީ ރަށުގެ އެކި ސަރަހައްދުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުން. މާހިޔާ [އަބްދުއްރަހްމާނުގެ ގެ] ކައިރި ސަރަހައްދު އޮތީ އެއްކޮށް ބަންދުކޮށްފަ. ހަތިޔާރު ފެނުނު ކަމަށް ވެސް އަދި ނުބެލެވޭ،" ޝަހުޒާން ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން އަދި ފުލުހުންގެ ރަސްމީ ބަހެއް ނުލިބެ އެވެ. ނަމަވެސް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަބްދުއްރަހްމާނުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމަށް މިއަދުގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފަ އެވެ. އަދި ތަހުގީގުގެ ބޭނުމަށް، ރަށަށް އަރައިފައިބާ މީހުން މޮނީޓާ ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އާބާދީގައި ގާތްގަނޑަކަށް 500 އުޅޭ މާޅޮހަކީ ކުށް ކުރުން މަދު، އަމާން ރަށެއް ކަމަށް އެ ރަށު މީހުންނާ ހަވާލާދީ މި ނޫހުގެ ނޫސްވެރިޔާ ބުންޏެވެ. އެރަށުގެ ގެތައް ރޭގަނޑު ވެސް އާންމުކޮށް ތަޅުނުލާ ކަމަށް ރަށު މީހުން ބުނެ އެވެ. އެހެންވެ، ރޭ ދަންވަރު ހިނގައިދިޔަ އަނިޔާވެރި ގަތުލުގެ ސަބަބުން މުޅި ރަށަށް ޝޮކެއް ލިބިފައިވާ ކަމަށް މި ނޫހުގެ ނޫސްވެރިޔާ ބުންޏެވެ.
އަބްދުއްރަހްމާން ދިރިއުޅުނު މާހިޔާގައި އުޅުނީ އޭނާ އާއި އޭނާގެ އަނބިމީހާ އެކަންޏެވެ. އެ ގެ ހުންނަނީ ރަށުގެ ދެކުނު ފަރާތުގަ އެވެ. އެއީ އެއްގޮތަކަށް ވެސް ތަޅުލެވޭ ގެއެއް ނޫން ކަމަށް އެ ރަށު މީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ