އާ ޓާމިނަލްއާ ގުޅިފައިވާ ހުރި ތާރީހީ ކަންކަމުގެ ތެރެއިން މުހިންމު ބައެއް މިއަދު ވީއައިއޭގައި ނިމިއްޖެ އެވެ: ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއިރޯބްރިޖަކުން މަތިންދާބޯޓާ ގުޅާލުމެވެ.
ވީ ކިހިނެއް؟ - އާ ޓާމިނަލް 26 ޖުލައިގައި ހުޅުވަން އެމްއޭސީއެލްއިން ވަމުން އަންނަ ތައްޔާރީތަކުގެ ތެރޭގައި ހިމެނޭ އެއިރޯބްރިޖް ބޭނުންކުރަން ފެށުމުގެ ޓެސްޓްތަކުގައި ބައިވެރިކުރީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ ދެ މަތިންދާބޯޓެވެ.
ތަފްސީލް - ރާއްޖޭގައި މިހާތަނަށް ސަރުކާރުން ހިންގި އެންމެ ބޮޑު މަޝްރޫއު ކަމަށްވާ އާ އިންޓަނޭޝަނަލް ޓާމިނަލް އޮގަސްޓް މަހުގެ މެދުތެރެއާ ހަމައަށް ބޭނުންކުރާނީ ހަމައެކަނި މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ފްލައިޓްތަކެވެ.
އެއިރޯބްރިޖަކީ އާ ޓާމިނަލްއިން ދަތުރުވެރިންނަށް ލިބޭނެ އެންމެ ބޮޑު އެއް ފަސޭހަ ވެސް މެ އެވެ. މިއީ ރާއްޖޭގައި އެއިރޯބްރިޖް ހަރުކުރި ފުރަތަމަ ފަހަރެވެ. އެގޮތުން އާ ޓާމިނަލްގައި ޖުމްލަ 12 އެއިރޯބްރިޖް ހިމެނެ އެވެ.
އެމްއޭސީއެލްއިން ބުނީ މޯލްޑިވިއަންގެ ވައިޑްބޮޑީ އޭ330 އާއި އެއަށް ވުރެ ކުޑަ އޭ220 ބޯޓު ބޭނުންކޮށްގެން ކުރި ޓެސްޓްތައް ކާމިޔާބު ކަމަށެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ވިދާޅުވީ މިއީ އެ ކުންފުންޏާއި ރާއްޖޭގެ ހަޔާތުގައި ވެސް މުހިންމު ދުވަހެއް ކަމަށެވެ. އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޮޑު އުފަލެއް ލިބުނު ދުވަހެއް ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޯޑިން ބްރިޖަކުން ފަސިންޖަރުން ޓާމިނަލަށް ބޭލޭނެ ގޮތް ކަށަވަރު ކުރި ދުވަހެވެ.
އިއްޔެގެ ޓެސްޓްތަކުގައި ބޭނުންކުރީ އާ ޓާމިނަލްގައި ހިމެނޭ ޖުމްލަ 12 އެއިރޯބްރިޖްގެ ތެރެއިން ދެ ބްރިޖެވެ.
އެމްއޭސީއެލްއިން ބުނީ އާ ޓާމިނަލްއާ އެކު ބޭނުންކުރަން ފަށާ އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑިން ސިސްޓަމް (އޭވީޑީޖީއެސް) ވެސް އިއްޔެ ރަނގަޅަށް ޓެސްޓްކުރި ކަމަށެވެ. މިއީ މަތިންދާބޯޓު ޖެއްސުމަށް ފަހު ބޯޓު ޕާކްކުރަން ޖެހޭ ތަނަށް ގެންދަން ޕައިލެޓުންނަށް މަގު ދައްކައިދޭ ނިޒާމެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި ވީއައިއޭގައި ގާއިމްކުރީ ވައިގެ ދަތުރުފަތުރުގައި އެންމެ ކުރީގައި އުޅޭ ދުބާއީ އާއި ސިންގަޕޫރު އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގެ އެއާޕޯޓްތަކުގައި ވެސް ބޭނުންކުރާ އެންމެ އެޑްވާންސް ސިސްޓަމެވެ.
މަސައްކަތް ފެށިތާ އަށް އަހަރު ފަހުން އާ ޓާމިނަލް ނިމި ހުޅުވާއިރު އެ މަޝްރޫއުގެ އަގު މަދުވެގެން 430 މިލިއަން ޑޮލަރު (6.6 ބިލިއަން ރުފިޔާ)އަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
އާ ޓާމިނަލްގެ އެއިރޯބްރިޖާ މަތިންދާބޯޓު ފުރަތަމަ ފަހަރަށް ގުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ