ޖާންވީ އާއި ސިދާތުގެ ފިލްމު މި މަހު ރިލީޒް ނުކުރާނެ
ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ސިދާތް މަލްހޯތުރާ އާއި ޖާންވީ ކަޕޫރުގެ އޮން ސްކްރީން ކެމިސްޓްރީ ބަލަން ބޭނުންވާ ބެލުންތެރިން އެކަމަށް ކުޑަ އިންތިޒާރީއެއް ކުރަން ޖެހިއްޖެއެވެ. މި މަހުގެ 25 ގައި ޖާންވީ އާއި ސިދާތު އެކީގައި ފެންނަ ފިލްމު "ޕަރަމް ސުންދަރީ" ސިނަމާތަކަށް ގެންނަން ނިންމި ނަމަވެސް ފިލްމު ރިލީޒްކުރުން ވަނީ އަންނަ މަހަށް ފަސްކޮށްފައެވެ. މި ފިލްމުގެ ފުރަތަމަ ޓީޒާ ދައްކާލުމާ އެކު ވަރަށް ގިނަ ބަޔަކަށް ފިލްމުގައި ގެނެސްދޭ ވާހަކަ ކަމުގޮސް ފިލްމު ރިލީޒްކުރާނެ ތާރީޚަކަށް އިންތިޒާރުކުރެވޭ ކަމަށް ވަނީ ބުނެފައެވެ. އިންޑިއާގެ ކެރެލާގެ ހިތްގައިމު މަންޒަރުތައް ފެނިގެންދާ މި ފިލްމަކީ މުޅިން ތަފާތު ދެ ސަޤާފަތަކާއި ތަފާތު އާދަކާދަތަކާ އެކު ދިރިއުޅުން ހޭދަކުރަމުން އައި ދެ ޒުވާނުންގެ މެދުގައި އުފެދޭ ލޯބީގެ ގުޅުން ދައްކުވައިދޭ ފިލްމެކެވެ. ސިދާތު އަދި ޖާންވީ ފިލްމު "ޕަރަމް ސުންދަރީ"ގެ މަންޒަރެއްގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް ތުޝާރު ޖަލޯޓާ ޑައިރެކްޓްކޮށް މެޑްޑޮކް ފިލްމްސްއިން ދިނޭޝް ވީޖަން ޕްރޮޑިއުސްކޮށް ގެނެސްދޭ މި ފިލްމު ރިލީޒްކުރާ ތާރީޚު ފަސްކުރެވުނީ އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު "ސަން އޮފް ސަރުދާރު 2" ވެސް 25 ޖުލައިގައި ރިލީޒްކުރާނެކަން އިއުލާނުކުރުމާ ގުޅިގެންނެވެ. ފިލްމު "ޕަރަމް ސުންދަރީ" ރިލީޒްކުރާ ތާރީޚު ފަސްކުރެވުނު ނަމަވެސް ފިލްމު ސިނަމާތަކަށް ގެންނަނީ ކޮން ތާރީޚެއްގައި ކަމެއް އަދި އިއުލާނެއް ނުކުރެއެވެ. އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމްގެ ލަވައެއް މި ފިލްމުގައި ހިމެނޭއިރު ފިލްމުގެ ޓީޒާއިން ސޯނޫގެ އަޑު އިވުމުން ގިނަ ބަޔަކު ވަނީ އެތައް ދުވަހަކަށްފަހު ސޯނޫގެ ލަވައެއް އަޑުއިވުނީތީ އެކަމާ އުފާވާ ކަމަށް ވެސް ބުނެފައެވެ. ޖާންވީ އާއި ސިދާތު ފުރަތަމަ ފަހަރަށް މަސައްކަތްކުރާ މި ފިލްމުގެ މުހިއްމު ރޯލްއިން ފިލްމީތަރިން ކަމަށްވާ ރާޖީވް ކަންދެލްވާލް އަދި އާކާޝް ދަހިޔާ ވެސް ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ