އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ފްރާންސްގެ ޕީއެސްޖީ އާއި އިނގިރޭސިވިލާތު ޗެލްސީ ވާދަކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެލްސީ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
ޕީއެސްޖީ މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި ރެއާލް މެޑްރިޑް 4-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ޗެލްސީ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގަައި 2-0 ގެ ނަތީޖާއަކުން ފްލެމިނެންސް ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ފަރާތުން ތަފާތު މޮޅު ކައުންޓާ އެޓޭކިން ގޭމެއް ފެނިގެންދިޔައިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން މިޑްފީލްޑަރު ކޯލް ޕާމާއެވެ. އަދި އޭގެ އަށް މިނެޓްފަހުން ޕާމާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
ޗެލްސީގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިމުބާރާތުގެ ތެރެއިން އެޓީމާއި ގުޅުނު ބްރެޒިލްގެ ފޯވާޑް ޖޮއާއު ޕެޑްރޯ އެވެ. މިއީ ޕާމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މެޗުގެ 84 ވަނަ މިނެޓުގައި ޕީއެސްޖީގެ ޖޮއާއު ނެވޭސް ކުޅުމުން ބޭރުގައި ޗެލްސީގެ ޑިފެންޑަރު މާކް ކުކުރޭލާއަށް ކުރިފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއްދައްކައި ދަނޑުން ފޮނުވާލާފައެވެ.
މިއާއެކު މެޗުގެ ބާކީބައި ޕީއެސްޖީ އިން ފުރިހަމަކުރީ އެއްކުޅުންތެރިޔަކު މަދުކޮށެވެ. އަދި މެޗުގެ ކުޅުންނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
ޔޫރަޕްގެ ޗެންޕިއަން ޕީއެސްޖީ ބަލިކޮށް ޗެލްސީ އިން ކުލަބު ވޯލްޑްކަޕް ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ