މާޅޮހު ގާތިލު އަދިވެސް ނުހޯދޭ

އއ. މާޅޮހުގައި އިއްޔެ ރޭ ރަހުމުކުޑަގޮތަކަށް މީހަކު މަރާލި މައްސަލައިގައި، ތުހުމަތު ކުރެވޭ މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
ވީ ކިހިނެއް؟- އަމިއްލަ ގޭގައި ނިދާފައި އޮއްވާ އިއްޔެ ރޭ ދަންވަރު ބޮޑެތި ޒަހަމްތަކެއް ދީފައިވަނީ، އެ ރަށު އަބްދުއްރަހްމާން އާދަމް،65 އަށެވެ. އޭނާ މަރުވީ، ޒަހަމްތަކަށް ފަރުވާ ދެމުންދަނިކޮށް، އޭގެ ގަޑިއިރުތަކެއް ފަހުން އެ ރަށު ސިއްހީ މަރުކަޒުގަ އެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް، މާލެއިންނާއި ކައިރި ރަށްރަށުގައި ތިބޭ ފުލުހުން ހަރަކާތްތެރިވި ނަމަވެސް، 'ދައުރު'އަށް މިއަދު ފުލުހުން ބުނިގޮތުގައި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
"އަދިވެސް ތަހުގީގު ކުރިއަށް ދަނީ،" ފުލުހުންގެ އޮފިޝަލަކު ބުންޏެވެ.
ދަގަނޑު ކަހަލަ އެއްޗަކުން އަބްދުއްރަހްމާންގެ ބޮލުގެ ތިން ތަނަކަށް ހަމަލާދީ ވަރަށް ބޮޑަށް ފަޅާލާފައި ވެ އެވެ. އޭރު ދެން ގޭގައި ނިދާފައި އޮތީ، އޭނާގެ އަންހެނުންނެވެ. އެކަމަކު އޭނާ އޮތީ އެހެން ކޮޓަރިއެއްގަ އެވެ.
މި މައްސަލައިގައި ތަހުގީގަށް، އެ ރަށަށް އަރާ ފައިބާ މީހުން މިހާރު ފުލުހުން ދަނީ މޮނީޓާ ކުރަމުންނެވެ.
މާޅޮހުގައި މަސްވެރިކަން ކުރާ އަބްދުއްރަހްމާނަށް މި ފަދަ ރަހުމުކުޑަ ހަމަލާއެއް ދޭން ޖެހޭ ސަބަބު ނޭނގޭ ކަމަށް އެ ރަށުގެ ގިނަ ބަޔަކު ބުނެ އެވެ. ބައެއް މީހުން އޭނާއަށް ސިހުރު ހަދާކަމުގެ ތުހުމަތު ކުރިޔަސް، އެކަމާ ގުޅޭގޮތުން އެ ރަށު މީހުންގެ ހިޔާލު އޮތީ ދެބައިވެފަ އެވެ. އެހެންވެ، މަސްވެރިޔާގެ އެ މަރާއެކު، މާޅޮހަށް ލިބިފައި އޮތީ ކުއްލި ސިހުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ