ފުރަތަމަ ޑިގްރީ (ބެޗްލާސް ޑިގްރީ) ހަދާ ދަރިވަރުންގެ ކޯސް ފީ ދައުލަތުން ދައްކާ ގޮތަށް ކުރީގެ ސަރުކާރުން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން މި އަހަރުގެ މިހާތަނަށް 85 މިލިއަން ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި އެ މިނިސްޓްރީން ބުނީ މި އަދަދަކީ ޖުލައި 10، އާ ހަމައަށް ދޫކޮށްފައިވާ އަދަދު ކަމަށެވެ. މިއާއެކު ޕްރޮގްރާމު ފެށުނު ފަހުން މިހާތަނަށް ޖުމްލަ 235 މިލިއަން ރުފިޔާ ދަރިވަރުންނަށް ދޫކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ހިލޭ ޑިގްރީއާ ގުޅޭގޮތުން މިނިސްޓްރީން އާންމުކުރި އެހެން ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރު މުޅިން އަލަށް 1،100 ދަރިވަރުން ވަނީ ޕްރޮގްރާމުގެ ދަށުން ކިޔަވަން ފަށާފަ އެވެ.
މި ސްކީމުގެ ދަށުން ކިޔެވި 2،068 ދަރިވަރުން ފުރަތަމަ ޑިގްރީ ނިންމާފައިވާ ކަމަށާއި މިހާރު ޑިގްރީއާ ހަމައަށް ސަރުކާރުގެ އެހީގައި ކިޔަވަމުންދަނީ 8،086 ދަރިވަރުން ކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ބުނެފައިވެ އެވެ.
ހިލޭ ޑިގްރީ ޕްރޮގްރާމަކީ މިދިޔަ ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރައްވާފައިވެ އެވެ.
ވެރިކަމުގެ ފަހު ދުވަސްކޮޅު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ހިލޭ ޑިގްރީ އާއި ސްކޮލާޝިޕް ސްކީމަކީ އޭގެ ސަބަބުން މުޅި ރާއްޖެ ބަދަލުކޮށްލާނެ މަޝްރޫއުތަކެއް ކަމަށެވެ.
"އޭގެ ތެރޭގައި ވެސް އަޅުގަނޑަށް އެންމެ ފާހަގަ ކުރެވޭ ދެތިން ކަމެއްގެ ތެރޭގައި ދަންނަވާނީ، ކުދިންނަށް މަތީ ތައުލީމު ހާސިލް ކުރުމަށް ހުޅުވާލި ފުރުސަތުތައް، ހިލޭ ޑިގްރީ އާއި ސްކޮލާޝިޕް ދިނުމަށް ސަަރުކާރުން ފެށި މަޝްރޫއު، އަޅުގަނޑު ހިތުން މިއީ މުޅި ރާއްޖެއަށް ވަރަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެއް. ރާއްޖެއަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް މި އަންނަނީ،" ސެޕްޓެމްބަރު 2، 2023 ގައި ސޯލިހު ވިދާޅުވި އެވެ.
ސަރުކާރުން ހިލޭ ޑިގްރީ އާއި ގުޅޭ މި ތަފުސީލު އާންމުކޮށްފައިވާއިރު މި އަހަރު ދޫކުރާ ސްޓޭންޑް ލޯނު ލިބޭ ދަރިވަރުންގެ މައުލޫމާތު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. މާޗު 26، ގައި ހުޅުވާލި ލޯނަށް ކުރިމަތިލުމުގެ ފުރުސަތުގައި އެޕްރީލް މަހުގެ ނިޔަލަށް 1،300 މީހުން ކުރިމަތިލި އެވެ. މި އަހަރު ދޭން ނިންމާފައިވަނީ 500 ލޯނެވެ.
ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން މި އަހަރު 85 މިލިއަން ރުފިޔާ ދޫކޮށްފި ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން މި އަހަރު 85 މިލިއަން ރުފިޔާ ދޫކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ