އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލަކަށް މިފަހަރުވެސް ތަމޫހު

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އައު ސެކްރެޓަރީ ޖެނެރަލްގެ ދެވަނަ ދައުރަކަށް ތަމޫހު އަހުމަދު ސައީދު (ތަމޫ) އައްޔަނުކޮށްފިއެވެ. އޮޮލިމްޕިކް ކޮމިޓީން ރޭ މިކަން އިޢުލާނުކޮށްފައިވާއިރު، މިއީ ޖެހިޖެހިގެން އޭނާ އެ މަގާމު އަދާކުރައްވާނެ ދެވަނަ ދައުރެވެ. އެހެންކަމުން 2025 އިން 2029އަށް އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާނީ ތަމޫހެވެ. އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލަކަށް ތަމޫހު އައްޔަނުކުރިއިރު، އޮލިމްޕިކް ކޮމިޓީގެ އިންތިޚާބު ކާމިޔާބުކުރައްވައި، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވަނީ އިތުރު ދައުރަކަށް ރައީސްގެ މަގާމަށް އިންތިޚާބުވެފައެވެ. މި އިންތިޚާބު ބާއްވާފައިވަނީ މިދިޔަ މަހު ދެވަނަ ދުވަހެވެ. ސްޕޯޓްސް އެޑްމިނިސްޓްރޭޝަނުގެ އިތުރުން ތަމޫހު ބޮޑަށް ވިދާލީ ޓޭބަލް ޓެނިހުންނެވެ. މީގެ ހަތަރު އަހަރުކުރިން އޭނާ އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވިއިރު، އޮލިމްޕިކް ކޮމިޓީގެ ގިނަ މަސައްކަތްތަކެއްގެ ފަހަތުގައި ތަމޫހު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެެ އިތުރުން އެމްއޯސީގެ ފައިނޭންޝިއަލް ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ، ކުރިން އެ މަގާމުގައި ހުރި، އިބްރާހިމް އަޒޫރެވެ. އަޒޫރު އެ މަގާމަށް ކުރިން ހަމަޖެއްސީ ހުސެއިން ރަޝީދު މަގާމުން ވަކިވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ