ޕާމާ ތަފާތު ދައްކައި ޗެލްސީން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި ޕާމާ ތަފާތު ދައްކައި ޗެލްސީން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 14) - ފީފާ އިން މުޅިން އާ ފޯމެޓަކަށް ކުރިއަށްގެންދިޔަ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، ކޯލް ޕާމާގެ މޮޅު ކުޅުމާ އެކު، ޗެލްސީން ހޯދައިފި އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ޕީއެސްޖީ އަތުން، ޔުއެފާ ކޮންފަރެންސް ލީގުގެ ތަށި އުފުލާލި، ޗެލްސީ މޮޅުވީ 3-0 އިންނެވެ.
މެޓްލައިފް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ޗެލްސީން ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރުު، ޕީއެސްޖީން ވެސް ލިބޭ ފުރުސަތުގައި އެޓޭކް ކުރެވޭތޯ ބަލަމުންދިޔަ އެވެ. އެ ގޮތުން، ޗެލްސީގެ ޑެޒީރޭ ޑޫއޭ އަށް ލިބިގެންދިޔަ ފުރުސަތުގައި ބޭނުން ނުކުރެވިދިޔައިރު، ޑޫއޭ ޖެހި ބޯޅައެއް ޗެލްސީގެ ކީޕަރު، ރޮބާޓް ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ.
ޗެލްސީން ފުރަތަމަ ހާފު ނިންމާލީ ހައިރާންކުރަނިވި ތިން ގޯލުގެ ލީޑަކާ އެކު އެވެ. މީގެ ކްރެޑިޓް ހައްގުވަނީ ޕާމާ އަށެވެ. އެ ގޮތުން، ފުރަތަމަ ޕާމާ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯލަށް ސީދާނުވެ ދިޔަ ނަމަވެސް، 22 ވަނަ މިނިޓްގައި، އޭރިއާތެރެއިން ޕާމާ އަށް ލިބުނު ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ. އަދި، އޭގެ ހަތް މިނިޓް ފަހުން، ޕާމާ އަށް ލިބުނު ބޯޅައިގައި ހަމަޖެހިފައި، ރަނގަޅު ވަގުތު ލިބެންދެން މަޑުކުރުމަށް ފަހު ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ލަނޑެއް ޖެހޭތޯ ޕީއެސްޖީން ކުރިއަށް ޖެހިގެން ކުޅެމުންދަނިކޮށް ޗެލްސީން ތިން ވަަނަ ލަނޑު ޖެހީ، ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް، ޖޮއާއޯ ޕެޑްރޯ އެވެ. ޗެލްސީއާ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ގުޅުނު ޖޮއާއޯ ޕެޑްރޯ ވަނީ ސެމީ ފައިނަލުގައި، ފްލުމިނެންސޭ ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. ފައިނަލް މެޗުގެ 43 ވަަނަ މިނިޓްގައި ގޯލު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ، ޕާމާ އެވެ.
ޗެލްސީގެ ޖޮއާއޯ ޕެޑްރޯ ގޯލު ޖެހުމަށް ފަހު އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.
ދެ ވަނަ ހާފުގައި ކުޅެން ފަށައިގެން، ޕީއެސްޖީން ކުރިއަށް ޖެހިގެން ކުޅެ އަވަހަށް އެޓޭކްތަކެއްކޮށް ގޯލެއް ޖެހޭތޯ ބެލި އެވެ. އެ ގޮތުން، ޕީއެސްޖީގެ ކްވިޗާ ކްވަރަޝްކޭލިއާ ފޮނުވާލި ބޯޅައިގެ އިތުރުން، ކުޑަ އޭރިއާ ރޮނގުމަތިން އޮސްމާން ޑެމްބޭލޭ ޖެހި ޝޮޓް ކީޕަރު، ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ.
ޗެލްސީން ބަދަލަކަށް ކުޅެން އެރި އިނގިރޭސި ފޯވާޑް ލިއަމް ޑެލަޕް ފޮނުވާލި ބޯޅަ ވެސް ޕީއެސްޖީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހަމަލާ އޭރިއާ ރޮނގުކައިރިން ފޮނުވާލިއިރު، ދެ ވަނަ ބޯޅަ ގޯލާ އަމާޒުކޮށްލީ އޭރިއާތެރެއިންނެވެ. ދެ ފަހަރު ވެސް ޑޮނަރުންމާގެ ހުށިޔާރުކަން ފެނިގެންދިޔަ އެވެ.
ޕީއެސްޖީން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، މެޗުގެ 85 ވަަނަ މިނިޓްގައި، އެ ޓީމުގެ މިޑްފީލްޑަރު، ޖޮއާއޯ ނެވޭސް އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ޗެލްސީގެ މާކް ކުކުރޭއާ އަށް ބޯޅަ ނެތިސް ހަމަލާ ދިން ނަމަވެސް، ނެވޭސް އަށް ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އެންގުމުން، ދަނޑުކައިރީގައި ހުރި މޮނީޓަރުން ބެލިއިރު، ކުކުރޭއާގެ އިސްތަށިގަނޑުގައި ނެވޭސް ހިފާފައިވުމުން، ރެފްރީ ނިންމީ ރަތް ކާޑަކަށް ނިންމުން ބަދަލުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ