ފ. މަގޫދޫގައި ތަރައްގީކުރާ އެއާޕޯޓަށް ރޭ ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މަގޫދޫ އެއާޕޯޓުގެ ފަޔާ ސްޓޭޝަން ގާއިމުކޮށްފައިވާ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް އިއްޔެ ތަޅާލާފައިވާ މައްސަލަ ހުށަހެޅީ އެމްޓީސީސީ މަގޫދޫ ސައިޓުން ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން ފަޔާ އިމާރާތުގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރުން އަލިފާން ރޯކޮށްލުމަށް ވެސް މަސައްކަތް ކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
މަގޫދޫ ކައުންސިލް މެންބަރު އަބްދުލްހަމީދު މޫސާ އަދަދު އަށް ވިދާޅުވީ އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ފަޔާ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް ތަޅާލުމުން ކަމަށެވެ. އޭނާ ވިދާޅުވީ ޕްލާސްޓިކް ގޮނޑިއެއްގައި ރޯކޮށްލުމަށްފަހު ސީލިންގައި ބޭއްވި ކަމުގެ ނިޝާންތަކެއް ފެންނަން ހުރި ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން އެ އިމާރާތުގައި ރޯވެފައި ނުވާ ކަމަށެވެ.
ހަމީދު އިތުރަށް ވިދާޅުވީ އެއާޕޯޓް ސައިޓަކީ ތަޅުލާފައި ހުންނަ ތަނެއް ކަމަށެވެ. އެކަމަކު އެތަނުގައި އެއްވެސް ކަހަލަ ސެކިއުރިޓީއެއް ނުހުންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 231.5 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި މަގޫދޫ އެއާޕޯޓުގެ މަސައްކަތް މި ސަރުކާރު އައުމާއެކު އޮތީ ހުއްޓިފަ އެވެ. އެއާޕޯޓުގެ މަސައްކަތް ހުއްޓިފައި އޮންނާތީ މަގޫދޫ ރައްޔިތުން މުޒާހަރާ ވެސް ކުރި އެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބާ ދިމާކޮށް މިސަރުކާރުން ވަނީ މަގޫދޫއާ ކައިރީގައި އޮންނަ އެ އަތޮޅު ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ނިންމައި އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
ފ. މަގޫދޫގައި ތަރައްގީކުރާ އެއާޕޯޓަށް ގެއްލުން ދިން މައްސަލައެއް ބަލަން ފަށައިފި ފ. މަގޫދޫގައި ތަރައްގީކުރާ އެއާޕޯޓަށް ގެއްލުން ދިން މައްސަލައެއް ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ