ބޮއިންގެ މަތިންދާބޯޓުތަކުގައި ހުންނަ ތެޔޮ ސްވިޗު ތަޅުލުމަކީ ރައްކާތެރި ކަމެއް ކަމަށް އެމެރިކާގެ މަތިންދާބޯޓު އުފައްދާ ކުންފުނި، ބޮއިންގް އާއި އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން (އެފްއޭއޭޭ) ނެރުނު އިއުލާނެއްގައި ބުނެފި އެވެ.
އެ މައުލޫމާތު އެނގޭ ހަތަރު މީހަކާ ހަވާލާދީ ރޮއިޓާސް އިން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
މި މަހުގެ 11 ވަނަ ދުވަހު އެފްއޭއޭ އިން ނެރުނު އެއާވާދިނަސް ނޮޓިފިކޭޝަނަކީ އެއާ އިންޑިއާގެ ބޮއިން 787-8 މަރުކާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާގެ އިބްތިދާއީ ރިޕޯޓަކާ ގުޅިގެން ނެރުނު ނޯޓިސްއެެކެވެ. މިދިޔަ މަހު އެއާ އިންޑިއާގެ ބޯޓެއް ވެއްޓި، 260 މީހުން މަރުވި ހާދިސާގައި އިންޖީނުގެ ތެޔޮ ހުޅުވައި ލައްޕާ ސްވިޗުތަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
އެފްއޭއޭގެ ބަޔާނުގައި ބުނެފައި ވަނީ، ތަޅުލާ ފީޗާ ހިމެނޭ ތެޔޮ ކޮންޓްރޯލް ސްވިޗުގެ ޑިޒައިނަކީ ބޮއިންގް ބޯޓުފަހަރުގެ އެކި މޮޑެލްތަކުގައި އެއްގޮތް ޑިޒައިނެއް ކަމަށެވެ. އަދި މޮޑެލް 787 ހިމެނޭ ގޮތަށް ބޮއިންގްގެ ބޯޓުތަކުގެ އެއްވެސް މޮޑެލްއަކަށް އެއާވާދިނަސް ނިންމުމަށް ބަދަލު ގެންނަން ޖެހިދާނެ ފަދަ ނުރައްކާތެރި ހާލަތެއްގެ ގޮތުގައި އެފްއޭއޭ އިން ނުދެކޭ ކަމަށެވެ.
އެފްއޭއޭ އިން ބުނީ އެ ބަޔާނުގެ އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށެވެ.
ބޮއިންގް އިން ވެސް އެއާލައިންތަކަށް ފޮނުވި މެސެޖެއްގައި އެފްއޭއޭގެ ބަޔާން ވަނީ ތަކުރާރުކޮށްފަ އެވެ. އަދި މަތިންދާބޯޓު އުފައްދާ ކުންފުނިން އެއްވެސް ފިޔަވަޅެއް އެޅުމަށް އިރުޝާދު ދީފައެއް ނުވެ އެވެ.
އިންޑިއާގެ މަތިންދާބޯޓު އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން ވަނީ، ބޯޓު ވެއްޓުނު ހާދިސާއާ ގުޅޭ އިބްތިދާއީ ތަހުގީގީ ރިޕޯޓުގައި 2018 ވަނަ އަހަރު އެފްއޭއޭގެ ލަފައެއް ހިމަނައިފަ އެވެ. އެ ލަފާގައި އެދިފައި ވަނީ ތެޔޮ ބަންދުކޮށް ހުޅުވާ ސްވިޗުތަކުގެ ތަޅުލުމުގެ މެކޭނިޒަމް ޕައިލެޓުން ފާރަވެރިވުމަށެވެ. އޭގެ ތެރޭގައި 787 ފަދަ އެކިއެކި ބޮއިންގް މޮޑެލްތަކުގެ ބޯޓުތައް ވެސް ހިމެނެ އެވެ. އަދި އެ ސްވިޗުތައް އޮޅުމަކުން ބަންދުކުރުމުގެ މެކޭނިޒަމް ޕައިލެޓުން ކަށަވަރު ކުރުމަށް ވަނީ ލަފާދީފަ އެވެ.
އެފްއޭއޭ އިން 2018 ވަނަ އަހަރު ނެރުނު ލަފާގައި ތެޔޮ ބަންދުކޮށް ހުޅުވާ ސްވިޗުތައް ތަޅުލުން މަޖުބޫރު ނުވާކަން އެއާ އިންޑިއާ އިން ބުނެފައިވާކަން އެ ރިޕޯޓުގައި އިޝާރާތްކޮށްފައިވެ އެވެ. ނަމަވެސް ތެޔޮ ސްވިޗުތައް ހިމެނޭ ތްރޮޓްލް ކޮންޓްރޯލް މޮޑިއުލް 2019 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ހާދިސާތަކަށް ފަހު ބަދަލުކޮށްފައިވާކަން މެއިންޓެނެންސް ރެކޯޑުތަކުން އެނގޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުން، އޭގެ އިންޖީނުތަކަށް އެއާވާދިނަސްގެ އެންމެހާ އެންގުންތަކާއި އެލާޓް ހިދުމަތް ބުލެޓިންތަކަށް އަމަލުކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މޮންޓްރިއަލްގައި ހުންނަ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެއާލައިން ޕައިލެޓްސް އެސޯސިއޭޝަންތަކުގައި އިންޑިއާގެ ޕައިލެޓުން ތަމްސީލުކުރާ އެލްޕީއޭ އިންޑިއާ އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޕައިލެޓުންގެ ކުށެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށާއި އިންސާފުވެރި، ހަގީގަތުގެ މައްޗަށް މިނިވަން ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ.
އެލްޕީއޭ އިންޑިއާގެ ރައީސް ސޭމް ތޯމަސް އިއްޔެ ރޮއިޓާސްއަށް ވިދާޅުވީ ޕައިލެޓުންގެ ޖަމާއަތްތައް މިހާރު ތަހުގީގުގައި ހިމަނަން ޖެހޭ ކަމަށާއި އެންމެ ކުޑަމިނުން އޮބްޒާވަރުންގެ ހައިސިއްޔަތު ދޭން ޖެހޭ ކަމަށެވެ.
އެލްޕީއޭ އިންޑިއާ އިން އެކްސްގައި ހިއްސާކުރި ބަޔާނެއްގައި ބުނެފައި ވަނީ ތެޔޮ ކޮންޓްރޯލް ސްވިޗު ގޭޓާ ގުޅޭ ގޮތުން 2018 ވަނަ އަހަރު އެފްއޭއޭ އިން ނެރުނު އެޑްވައިޒަރީއަށް އިބްތިދާއީ ތަހުގީގީ ރިޕޯޓުގައި އިޝާރާތްކޮށްފައިވާ ކަމަށާއި އެއީ އިކުއިޕްމަންޓް ފެއިލްވެދާނެ ކަމަށް ލަފާކުރެވޭ ކަމެއް ކަމަށެވެ.
ފްލައިޓުގެ އެންމެ ފަހު ވަގުތުތަކުގެ ވޮއިސް ރެކޯޑްތަކުން އެނގޭ ގޮތުގައި އެއް ޕައިލެޓް އަނެއް ޕައިލެޓު ކައިރީ ތެޔޮ ސަޕްލައި ކުރުން ހުއްޓާލީ ކީއްވެތޯ ސުވާލުކުރިކަން އެނގެ އެވެ. ނަމަވެސް އޭނާގެ ޖަވާބަކީ އޭނާ އެކަން ކޮށްފައި ނުވާ ކަމަށެވެ.
ތަހުގީގުން އެނގޭ ގޮތުގައި ފްލައިޓް އުދުއްސާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ތެޔޮ ސްވިޗުތައް ގާތްގަނޑަކަށް އެއްފަހަރާ ނިއްވާލެވުނެވެ. އެކަން އެގޮތަށް ހިނގީ ކީއްވެގެންކަން އެނގޭކަށް ނެތެވެ.
އިންޑިއާގެ އެލްޕީއޭ އިން އެދުމުން އެމެރިކާގެ ސަލާމަތީ ދެ ތަޖުރިބާކާރުން ހޮނިހިރު ދުވަހު ވަނީ ތަހުގީގުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ތަހުގީގީ ރިޕޯޓަށް ޕައިލެޓުންގެ އިހުމާލެއް އޮތްކަމަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާފައިނުވާކަން ފާހަގަކޮށްފައިވެ އެވެ.
ޕައިލެޓް އަދި އޭއެލްޕީއޭ އެމެރިކާގެ ކުރީގެ މަންދޫބު ޖޯން ކޮކްސް ވިދާޅުވީ އޭއޭއައިބީގެ ރިޕޯޓަކީ އިންސާފުވެރި ރިޕޯޓެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.
ތެޔޮ ސްވިޗު ތަޅުލުން ރައްކާތެރި ކަމަށް ބޮއިންގްއިން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ