ރިޕޯޓު އާންމުކުރިތާ މަހެއްހާ ދުވަސް ފަހުން، ޔުމްނުގެ މައްސަލަ ބެލި ކޮމިޝަން އުވާލައްވައިފި

މިދިޔަ އޭޕްރީލް މަހުގެ 18ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުވާލައްވައިފިއެވެ. ރައީށް އޮފީހުން ބުނީ، އެ ހާދިސާ ތަހުގީގުކުރަން އުފެއްދެވި ކޮމިޓީ ރައީސް ވަނީ ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ ދަށުން ނެރުއްވި ގަރާރަކުން އުވާލައްވައިފައެވެ. ރައީސް އެ ކޮމިޝަން އުފެއްދެވީ، އެޕްރީލު މަހުގެ 27ގައެވެ. އެ ކޮމިޝަނާ މަތިކުރެއްވީ އެ މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށެވެ. އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެއްކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ. އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓު ޢާންމުކުރައްވާފައިވަނީ މިދިޔަ މަހުގެ 17 ގައެވެ. އެއާއެކު އެ ރިޕޯޓު އާންމުކުރަން ރައީސް އެންގެވިއެވެ. https://sun.mv/207422 ރިޔާސީ ކޮމިޝަނުން ނިންމައިފައިވަނީ ޔުމްނު ވައްޓާލީ ކަމަށް ނުބެލެވޭ ކަމަށާއި އެކަމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ވަނީ، ކޮމިޝަނަށް ފާހަގަވި ކަންކަން ބަޔާންކޮށް އެކަންކަން ރަނގަޅު ކުރުމަށް ލަފާދީފައެވެ. އެގޮތުން ކޮމިޝަނުން ފުލުހުންގެ މައްސަލަތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ: ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް، މައްސަލަ ތަހުގީގުކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުން. އެހެންކަމުން ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެވަގުތު ހޯދިފައިނުވުން ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރިއިރު، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވުން އަދި ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލައިފައިވުން މައްސަލައިގައި އެންމެ މުހިންމު އެއް ތަންކަމުގައިވާ ޔުމްނު އޮތް މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ކުރެވިފައި ނުވުމާއި، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައެޅިފައި ނެތުމާއި، ކުށުގެ ވެށި ރައްކައުތެރިކުރެވިފައި ނުވުން ރިޕޯޓުގައި އައިޖީއެމްއެޗްގެ މައްސަލަތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަން: ޔުމްނުއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޓަކައި އައިޖީއެމްއެޗްގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)އިން، އައިޖީއެމްއެޗްގެ އެފްޕީޔޫއަށް އެންގުމަށްފަހު، އެފްޕީޔޫގެ މުވައްޒަފު އެޓެންޑުނުވުމުން އެކަން ނުކޮށް ދޫކޮށްލައިފައިވުން މީގެ އިތުރުން އެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ތުހުމަތުތައް ކުރެވުނުއިރު އެކަންކަމަށް ވެސް ތަހުގީގުގައި ރިއާޔަތްކޮށްފައިވެއެވެ. އެގޮތުން ތަހުގީގު ކުރިއަށްދަނިކޮށް އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ގުޅުއްވުމަކީ ބަލައިގަންނަން ދަތި ކަމެއް ކަމަށާއި ނަމަވެސް އޭގެ ސަބަބުން ތަހުގީގަށް އަސަރު ނުކުރާ ކަމަށް ރިޕޯޓުގައިވެއެވެ. ރައީސް ވަނީ، ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ހޯމް މިނިސްޓްރީއަށާއި ހެލްތު މިނިސްޓްރީއަށް އަންގަވައިފައެވެ. އެ މައްސަލައިގައި އަށް މީހަކު ޕާސްޕޯޓު ހިފެހެއްޓި ނަމަވެސް، ހައްޔަރުކޮށް ދައުވާކޮށްފައިވަނީ ޔުމްނުއާއެކު އެންމެ ފަހުން އުޅުނު ރައުދު އަހުމަދު ޒިލާލްގެ މައްޗަށް އެކަންޏެވެ. ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަފުތާއެއްހާ ދުވަސް ފަހުން އޭޕްރިލް 24ގައެވެ. އެއަށްފަހު އޭނާގެ ބަންދު އިތުރުކުރަމުން ދަނިކޮށް، މިދިޔަ މަހުގެ 26ގައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިރުޝާދުގެ ދަށުން އޭނާ ވަނީ ދޫކޮށްލައިފައެވެ. ޕީޖީ އޮފީހުން ބުނީ އޭނާ ދޫކޮށްލީ އޭނާއަށް ކުރާ ދައުވާގެ އަދަބަށްވުރެ ބަންދު އިތުރުވުމުން ކަމަށެވެ. https://sun.mv/208130 އެ މައްސަލައިގައި ރައުދުގެ މައްޗަށް އުފުލީ، އެހީތެރިކަން ބޭނުންވެފައިވާ މީހަކަށް އެހީނުވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ޔުމްނުގެ ހައްގުގައި ސިލްސިލާކޮށް ކުރިއަށްގެންދިޔަ މުޒާހަރާތަކެއްގައި ޒުވާނުން ވަނީ އެ މައްސަލައިގެ ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށާއި ފުލުހުންނަށް އިތުބާރު ނުކުރެވޭ ކަމަށެވެ. އެ މުޒާހަރާތަކުގައި އުޅުނު ދެ މީހަކަށް ދައުވާކޮށްފައިވާއިރު، އެކަން އިދިކޮޅުން ވަނީ ކުށްވެރިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ