ދަރަވަންދޫން ހާލުބޮޑު ބަލި މީހަކު ގޮވައިގެން އޭދަފުއްޓަށް ދަތުރު ކުރި ފުލުހުންގެ ލޯންޗެއް ފަރަކަށް އަރައިފި

ބ. ދަރަވަންދޫން ހާލުބޮޑު ބަލި މީހަކު ގޮވައިގެން ރޭ ދަންވަރު އެ އަތޮޅު އޭދަފުއްޓަށް ދަތުރުކުރި ފުލުހުންގެ ލޯންޗެއް ސޮނެވާފުށީ ފަރަށް އަރައިފި އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ނުވަ މީހުންނާ އެކު ދަތުރު ކުރި އެ ލޯންޗް ސޮނެވާފުށީ ފަރަށް އަރާފައި ވަނީ މޫސޫމް ގޯސްވެ ކަނޑުގަދަވެގެން ލޯންޗްގެ ސްޕީޑު މަޑުކުރި ވަގުތު އިންޖީނު ހުއްޓިގެންނެވެ. ލޯންޗްގެ އިންޖީނު ހުއްޓުނު ވަގުތު ކަނޑުގަދަވުމުގެ ސަބަބުން އޮޔާއެކު ލޯންޗް ސޮނެވާފުށީ ފަރަށް އެރީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ލޯންޗް ފަރަށް އެރުމުން ހާލު ބޮޑު އަންހެން މިހާ އާއި އިތުރު މީހުން ސަލާމަތްކޮށްގެން އޭދަފުއްޓަށް ވަނީ ގެންގޮސްފަ އެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި ލޯންޗް ފަރަށް އަރައި މާ ބޮޑު ގެއްލުންތަކެއް ނުލިބުނު ނަމަވެސް ލޯންޗްގެ ދެ އިންޖީނު ވަނީ ހަލާކުވެފަ އެވެ. އެ ލޯންޗް ފުންކޮށްގެން މިހާރު ވަނީ އޭދަފުއްޓަށް ގެންގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ