ހުކުމް ކުރި ދުވަހު އެމްޕީ ސިނާނަށް ހުކުމް ލިބުނު، އެކަމަކު ބުނީ އެ ދުވަހު ހުކުމް ނުކިޔާ ކަމަށް ހުކުމް ކުރި ދުވަހު އެމްޕީ ސިނާނަށް ހުކުމް ލިބުނު، އެކަމަކު ބުނީ އެ ދުވަހު ހުކުމް ނުކިޔާ ކަމަށް

ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގައި, އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓުން ހުކުމް ކުރި ދުވަހު ވައިބާގެ ޒަރިއްޔާއިން ސިނާނަށް ހުކުމް ލިބި، ހުކުމް ލިބުނު ކަން ޔަގީންކޮށްދިން ކަން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުން ހާމަވެއްޖެ އެވެ.
ސިނާނުގެ ގޮނޑި ގެއްލުނު ކަމަށް ބުނެ މައްސަލައެއް ހުށަހެޅީ، ސިނާން އާއި އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައިގައި ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މައްސަލައެއް ފެންމަތިވުމުންނެވެ. މި މައްސަލައިގައި ހިތަދޫ ކޯޓުން މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ހުކުމް ކުރީ ހަ މަހަށް ބަހާލައިގެން 2.5 މިލިއަން ރުފިޔާ ދެއްކުމަށެވެ.
މި މައްސަލައިގައި ފުރަތަމަ ބޭއްވި އަޑުއެހުމުގައި މެންބަރު ސިނާނު ވަނީ މި މައްސަލައިގައި ހުކުމް ކުރި ކަމާއި ތަންފީޒީ މައްސަލަ ހުށަހެޅިކަން ނޭނގޭ ކަމަށް ބުނެ ދިފާއު ނަންގަވާފަ އެވެ. މިއަދު ބޭއްވި އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ބަހުސްކުރެވުނީ ހުކުމް ކުރި ކަން ނޭނގޭ ކަމަށް ބުނާ ބުނުމާ ގުޅިގެންނެވެ.
ސިނާނުގެ ފަރާތުން ކޯޓަށް ފޮނުއްވި ސިޓީގައި، ސިނާނުގެ ވަކީލު މޫސާ އާލިމް ވިދާޅުވީ، މި މައްސަލައިގައި ހުކުމް ކުރި ކަން ސިނާނަށް އެނގުނީ މި އަހަރުގެ ޖެނުއަރީ 22، ގައި ކަމަށެވެ. އަދި، މި ހުކުމް ކުރި ކަން އެނގުމާ އެކު މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާ މުއާމަލާތްކޮށް، ފައިސާ ދައްކާނެ ގޮތަކާ މެދު އެއްބަސްވުމަކަށް އައިސް، އެ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ކޯޓަށް މައުލޫމާތު ދީފައި ވެ އެވެ.
މިހެން ނަމަވެސް، ހުކުމް ކުރި ދުވަހު އެމްއައިބީން ވަނީ ސިނާނަށް އެ ހުކުމް ވައިބާއިން ފޮނުވާފަ އެވެ. އެމްއައިބީން ހުކުމާ އެކީ ފޮނުވި މެސެޖުގައި ވަނީ "މޯލްޑިވްސް އިސްލާމިކް ބޭންކް އިން ދައުވާކުރި މައްސަލަ ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާތީ ޝަރީއަތް ނިމުނު ގޮތް ފޮނުވިން" މިހެން ލިޔެ، މެސެޖު ލިބުނުކަން ހިއްސާކޮށްދޭން އެދިފަ އެވެ. މި މެސެޖު ފޮނުވިތާ ގަޑިއިރެއް ނުވަނީސް ސިނާން ވަނީ "ގޮޓް ތެންކް ޔޫ" ޖަހާފައި މި މެސެޖަށް ރިޕްލައިކޮށްފަ އެވެ.
ސިނާނުގެ ގޮނޑި ގެއްލުނު މައްސަލަ ކޯޓަށް ހުށަހެޅި، ގާލިބު ސަލީމުގެ ވަކީލު، އިބްރާހިމް ޝިޔާން ވަނީ މި މުއާމަލާތުން އެކަނި ވެސް ހުކުމް ކުރި ކަން ނޭނގޭ ކަމަށް ބުނާ ވާހަކަ ދޮގުކުރެވޭ ކަމަށެވެ. އަދި ވައިބާ މެދުވެރިކޮށް ލިޔެކިޔުން ރައްދުކުރުމަކީ މަދަނީ އިޖުރާއަތުގެ ގާނޫނު ތަންދޭ ކަމެއް ކަމުން، ހުކުމް ލިބުނުކަން ޔަގީންކުރަން މި ވަރު ފުދޭ ކަމަށް އޭނޭ ވިދާޅުވި އެވެ.
ރައްދުގައި ސިނާންގެ ވަކީލު، އާލިމް، ވިދާޅުވީ ހުކުން އޮތް މެސެޖު ބެލި ނަމަވެސް، އެ މެސެޖާ އެކީ އޮތް ހުކުމް މެންބަރު އެ ދުވަހު ވިދާޅެއް ނުވެ އެވެ. އެހެންކަމުން، އެ މެސެޖު ލިބުނު ކަމަށް ބުނި ނަމަވެސް އޭގައި އޮތް އެއްޗެއް މެންބަރަށް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވައިބާއިން މެސެޖުކުރި ފަހުން ވެސް އެމްއައިބީން ވަނީ ސިޓީ އާއި އީމެއިލްގެ ޒަރިއްޔާއިން މި މައްސަލައިގައި ސިނާނާ މުއާމަލާތު ކޮށްފަ އެވެ. މި ލިޔުންތަކާ އެކީ ވެސް ހުކުމް ހިމަނައި، ހުކުމުގައި ހުރި އިބާރާތް ވެސް ނަކަލުކޮށްފައި ވެ އެވެ. ސިނާނު ވިދާޅުވަނީ މި އީމެއިލްތައް ބެލީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ފަހުން، އެ ލިޔުންތައް ފޮނުވާފައި ވާނެ ކަމަށް ބޭންކުން ބުނުމުންނެވެ.
މި މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. މި މައްސަލަ ސިނާނާ ދެކޮޅަށް ސާބިތުވެއްޖެ ނަމަ އޭނާ ވެގެން ދާނީ ސާބިތު ދަރަންޏެއްގެ މައްސަލަ ސާބިތުވެ ގޮނޑި ގެއްލޭ ދެ ވަނަ މެންބަރަށެވެ. މިގޮތަށް ކުރިން ގޮނޑި ގެއްލުނީ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތޮފާގެ އެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ، އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މަޖިލީހުގެ މެންބަރު ކަމަށް ވާދަ ވެސް ނުކުރެވޭނެ ކަމަށާއި މެންބަރެއްގެ ގޮތުގައި ހުއްޓައި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ