އެކްސިޑެންޓުގައި މަރުވީ މުހައްމަދު އަބްދުލްގަނީ އާއި އަޝްފާގެ ހަމައެކަނި ދަރިފުޅު

މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި 17 އަހަރުގެ ކުއްޖަކީ ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްގަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާގެ ދަރިފުރު ޔޫސުފް އަލްސަން ކަމަށް އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - ބޮޑުތަކުރުފާނު މަގު، މާފަންނު ބަސް ސްޓޭޝަން ކުރިމަތިން ހިނގި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި އެވެ. އެކްސިޑެންޓެއް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަގު ހުރަސްކުރި މީހެއްގެ އިތުރުން އެ މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ.
ތަފްސީލް - ފުލުހުން ބުނީ މިރޭގެ އެކްސިޑެންޓުގައި މަރުވި 17 އަހަރުގެ ކުއްޖާ އަކީ އެކްސިޑެންޓުވި ސައިކަލުގައި އިން ކުއްޖެއް ކަމަށެވެ. އަލްސަންއާ އެކު ދެން ސައިކަލުގައި އިނީ 16 އަހަރުގެ ކުއްޖެކެވެ.
އަލްސަން އަކީ މުހައްމަދު އަބްދުލްގަނީ އާއި އަޝްފާގެ ހަމައެކަނި ދަރިފުޅެވެ.
އެކްސިޑެންޓުގައި ދެން އަނިޔާވީ، އެ ވަގުތު ކަފިހިހުރަސް މަތިން ދުވެފައި ދިޔަ 40 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އަނިޔާވި ދެ މީހުންގެ ވެސް ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންނަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.
މަންޒަރު ދުށް މީހަކާ ހަވާލާދީ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ހުރި 'ދައުރު'ގެ ނޫސްވެރިޔަކު ބުނީ އެކްސިޑެންްޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލު ނުވެ، އެ ވަގުތު މަގު ހުރަސްކުރި މީހާގެ ގައިގައި ޖެހިގެން ކަމަށެވެ. ސައިކަލު ގައި އިން އެކަކު، އެވަގުތު އެ މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގެ ދަށުވީ ކަމަށް ވެސް ނޫސްވެރިޔާ ބުންޏެވެ.
'ދައުރު'އަށް ލިބިފައިވާ ވީޑިއޯއިން ފެންނަނީ އެކްސިޑެންޓުގައި ދެ މީހެއްގެ ބޯ ވަރަށް ބޮޑަށް ފެޅިފައިވާ ތަނެވެ. އޭގެ ތެރެއިން އެކެއްގެ ބޮލުގެ ފުށްކިބަ ވަރަށް ބޮޑަށް ގޭނި، ވަރަށް ގިނައިން ލޭ ފައިބައިފައި ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ