ގާތިލެއްގެ އަނިޔާވެރިކަމުން "އަމާން މާޅޮސް" އަދިވެސް ހައިރާންކަމުގައި! ގާތިލެއްގެ އަނިޔާވެރިކަމުން "އަމާން މާޅޮސް" އަދިވެސް ހައިރާންކަމުގައި!

އެކު ޖުމުލަ 500 އެއްހައި މީހުން ދިރިއުޅޭ އއ. މާޅޮހުގައި، މީހުން މަދުވުމުގެ އިތުރުން ކުށް ކުރުމާއި ވިޔާނުދާ ބާވަތުގެ ކަންކަން ވެސް މަދެވެ.
މި ރަށު މީހުންގެ ހަނދާނުގައި ވެސް ބޮޑު ހަމަނުޖެހުމެއް ނުވަތަ މާރާމާރީއެއް ހިނގި ދުވަހެއް ނެތެވެ.
"މި މަގު ކޮޅުގައި އަދިވެސް އެބައިން އެ އައިނު، އެއީ މީގެ ދެތިން ދުވަސް ކުރިން އެތަނުގައި އޮއްވައި ފެނުނު [އަވި] އައިނެއް، [ރަށު ވައިބާ] ގްރޫޕުގައި ޖަހާފައި އެތަނުގައި ގަހެއްގައި އެޅުވި ގޮތަށް އެ އިނީ،" ރަށުގައި ކުށްކުރުން މަދުކަމުގެ މިސާލެއް ދައްކަމުން އަލީ ވަސީމް، 32، ބުންޏެވެ.
މިއީ އޭނާގެ ވާހަކަ އެކަންޏެއް ނޫނެވެ. މާޅޮހަށް އުފަން ކޮންމެ މީހަކު ވެސް ދައްކަނީ މި ވާހަކަ އެވެ. މާޅޮހުގައި ކުށްވެރިން ނޫޅޭ ވާހަކަ އެވެ. މާޅޮހުގައި ހަމަނުޖެހުން ނުހިނގާ ވާހަކަ އެވެ. މާޅޮހުގައި ވައްކަން ނުކުރާ ވާހަކަ އެވެ.
ނަމަވެސް އެ ހުރިހާ ވާހަކައެއްގެ ފަހަތަށް ކޮންމެ މީހަކު ވެސް އުފައްދަނީ އެއް ސުވާލެކެވެ. ނިދީގައި އޮތް މީހަކަށް އަނިޔާވެރި ހަމަލާއެއްދީ މަރާލާނީ މި ރަށު ކާކު ހެއްޔެވެ؟ މި ރަށު މީހަކު އެފަދަ ކަމެއް ކޮށްފާނެ ބާ އެވެ؟
ހޮނިހިރު ދުވަހުގެ ރޭ އއ. މާޅޮސް، މާހިޔާ ގޭގައި ނިދާފައި އޮތް އަބްދުއްރަހްމާން އާދަމް، 65، އަށް ހަމަލާދީ މަރާލި ހާދިސާއާ ގުޅިގެން އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންދާއިރު، މި ރަށުގެ އެންމެ ގިނަ މީހުން އުފައްދާ ސުވާލުތަކަކީ މިއީ އެވެ.
މާޅޮހުގެ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އަބްދުއްރަހްމާންގެ ފުރާނަ ދުއްވާލުމަށް އޭނާގެ ބޮލުގައި މި ރަށު މީހެއްގެ އަތަކުން ނުޖަހާނެ އެވެ. އެވަރުގެ ކަމެއް މި ރަށުގެ މީހަކު ކޮށްފާނެ ކަމަށް އެމީހުންނަށް ގަބޫލެއް ވެސް ނުކުރެވެ އެވެ.
"މި ރަށުގައި އެވަރުގެ ކަމެއް ކޮށްފާނެހެން ހީވާ މީހަކު ހިޔާލަކަށް ނާދޭ، މި ރަށުގައި، ހިއެއް ނުވޭ އެވަރުގެ ކަމެއް ކުރާނެ މީހަކު ހުންނާނެހެންނެއް،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މި ރަށު މީހަކު ބުންޏެވެ.
އޭނާ ބުނީ މި ރަށުގައި ފުލުހުން ގާއިމުވެ ނުތިބޭއިރު ވެސް ކުށްކުރުން އިންތިހާއަށް މަދުވުމަކީ އޭގެ އަލިގަދަ ހެއްކެއް ކަމަށެވެ.
އއ. މާޅޮހަކީ މި އަތޮޅުގައި މީހުން ދިރިއުޅޭ އަށް ރަށުގެ ތެރެއިން ފުލުހުންގެ މަރުކަޒެއް ނުވަތަ ޕޯސްޓެއް ގާއިމު ކޮށްފައި ނުހުންނަ ހަމައެކަނި ދެ ރަށުގެ ތެރެއިން އެއް ރަށެވެ. އއ. އަތޮޅުގައި ފުލުހުންގެ ޕޯސްޓެއް ގާއިމު ކޮށްފައި ނުހުންނަ އަނެއް ރަށަކީ މި އަތޮޅު ފެރިދޫ އެވެ.
"ދުވަހަކު ވެސް ހަމަނުޖެހުމެއް ހިނގި ރަށެއް ނޫން މިއީ. ވަރަށް އަމާން ރަށެއް މިއީ، ވަރަށް އެކުވެރިކޮށް މި ރަށު ރައްޔިތުން އުޅެނީ،" މާޅޮހު ސްކޫލްގައި ޓީޗަރެއްގެ ވަޒީފާ އަދާކުރާ އަހުމަދު ޝާން، 31، ބުންޏެވެ.
މާޅޮހުގައި ކުށަށް އަރައިގަންނަ މީހުން މަދުކަމަށް މި ރަށު މީހުން ވަކާލާތު ކުރާ އަނެއް ސަބަބަކީ މި ރަށުގައި ވައްކަން ފަދަ ކުދި ކުށް ކުރާ މީހުން ވެސް ނެތުމެވެ.
މާޅޮހު މީހުން ބުނާ ގޮތުން މި ރަށު ގޭގެއިން ވައްކަން ކޮށްފާނެކަމުގެ ބިރަށް ދޮރާށިތައް ތަޅުލާކަށް ނުޖެހެ އެވެ. ސައިކަލު ވަގަށް ގެންގޮސްފާނެތީ ތަޅުދަނޑު ފޮރުވާކަށް ނުޖެހެ އެވެ. ފޯނު ގެއްލިދާނެ ކަމަށް ބަލައިގެން އެކަމަށް ސަމާލުވެގެން އުޅޭކަށް ނުޖެހެ އެވެ.
"މި ރަށު ބަނދަރު މަތީގައި އެ ހުރީ މަސައްކަތް ކުރަން ގެންގުޅޭ ސާމާނުތައް، މީހަކު ނުގެންދާނެ، މިއޮތް މަގުގެ އެއްކޮޅުން އަނެއްކޮޅަށް ދޭބަލަ ހިނގާލަން، ވަގަށް ގެންދަންޏާ ގެންދާނެ ސާމާނު ހުންނާނެ ލައްކައަކަށްވުރެ އަގުބޮޑު،" ޝާން ބުންޏެވެ.
މީހެއްގެ ފުރާނަ ދުއްވާލާނެ ވަރުގެ ނުލަފާކަމެއް ހުރި ހަމަ އެކަކުވެސް މާޅޮހުގައި ނުހުންނާނެ ކަމަށް މި ރަށު މީހުން ބުނަނީ މި ސަބަބުތަކުގެ މައްޗަށް ކުރާ ބުއްދިންނެވެ.
އަނިިޔާވެރިކަމާއެކު އަބްދުއްރަހްމާންގެ ފުރާނަ ދުއްވާލުމާ ހަމައަށް ވެސް އޭނާއާ މެދު އެފަދަ ނަޒަރަކުން ދެކޭނެ މީހަކު މި ރަށުގައި ހުރެދާނެ ކަމަށް މާޅޮހު ރައްޔިތުން ގަބޫލެއް ނުކުރެ އެވެ.
މި ރަށުން އަދަދު އާ ވާހަކަދެއްކި މީހުން ބުނީ އަބްދުއްރަހްމާންއާ އެއްވެސް މީހަކާ މައްސަލައެއް ޖެހި ނުވަތަ ދެބަސްވުމެއް ހިނގިކަން އެނގިފައި ނުވާ ކަމަށެވެ.
އެކަމަށް ބާރުލިބެނީ އަބްދުއްރަހްމާނަކީ އާންމުކޮށް މާޅޮހުގައި ދިރިއުޅޭ މީހަކަށް ނުވާތީ އެވެ. އާމްދަނީ ހޯދުމަށް އަބްދުއްރަހްމާން ކުރަނީ ހިބަރުގެ މަސްވެރިކަމެވެ. މަހަށް ދަނީ އުކުޅަހު ބަޔަކާއެކު އެ ރަށުގައި ހުރެގެންނެވެ.
އަބްދުއްރަހްމާން މާޅޮހަށް މިދިޔަ ހޮނިހިރު ދުވަހު ގެނައީ އޭނާގެ ދެވަނަ ދަރިފުޅު ނިމާލް އެވެ.
"މަންމަ އެކަނި ހުންނާނެތީ އަޅުގަނޑު ބައްޕަ ގެނައީ މި ރަށަށް މިދިޔަ ހޮނިހިރު ދުވަހު. އަޅުގަނޑު ލަންކާއަށް ދަތުރެއްގައި ދާން ޖެހިގެން،" ނިމާލް ބުންޏެވެ.
މި ރަށުން ވާހަކަދެއްކި އަބްދުއްރަހްމާން ދަންނަ އެއްވެސް މީހަކު އޭނާއާ ގުޅޭ ގޮތުން ބަދުބަހެއް ނުބުނެ އެވެ. ހުރިހާ އެންމެން ވެސް އޭނާ ސިފަ ކުރީ މީހުންނާ ގުޅޭ އެކުވެރި މިޒާޖެއްގެ މީހެއްގެ ގޮތުގަ އެވެ.
"[އަބްދުއްރަހްމާން] އަކީ މީހުންނާ ގުޅޭ މީހެއް. މި އަތޮޅުގައި ވެސް ގިނަ މީހުންނަށް ހަމަ އެނގޭނެ، އެންމެންނާ ވެސް ގުޅޭ މީހެއް އެއީ،" އަބްދުއްރަހްމާންއާ އާއިލީ ގުޅުން އޮންނަ މީހަކު ބުންޏެވެ.
އޭނާގެ އިތުރުން މި ރަށު އުމުރުން ދުވަސްވީ މީހުން ވެސް ބުނަނީ އަބްދުއްރަހްމާންގެ ކިބައިން މީހަކު އެހާ ރުޅި އަންނަންޖެހޭ ކަހަލަ ސިފައެއް ފާހަގަ ނުވާ ކަމަށެވެ.
"އަޅުގަނޑަށް ދަންނަވާކަށް ނުކެރޭނެ އަބްދުއްރަހްމާން އަކީ ނުބައި މީހެކޭ، އޭނާގެ ނުބައި ސިފައެއް އަޅުގަނޑަކަށް ނުފެނޭ،" މާޅޮހުގައި މިވަގުތު ހުރި އެންމެ އުމުރުން ދުވަސްވީ އެކަކު ކަމުގައިވާ، ހަސަން އަބްދުالله، 91، ބުންޏެވެ.
އޭނާ ބުނީ އިއްޔެ ހަވީރު ވެސް އަބްދުއްރަހްމާން އާ ދިމާވި ކަމަށާއި އޭރު ވެސް އޭނާ މަސްއޫލުވެ އުޅުނީ އިނގުރައިދޫ ބަޔަކަށް ސައި ދިނުމުގައި ކަމަށެވެ.
"އިއްޔެ ހަވީރު ވެސް އަޅުގަނޑާ ދިމާވި، އޭނާ އުޅުނީ އިނގުރައިދޫ މީހުންތަކަކަށް ސައި ދޭންވެގެން، އަޅުގަނޑާ ވެސް ބައްދަލުވި، އެކަމަކު ނޭނގޭނެތާ މީހެއްގެ މަރު އައިސް ޖެހޭނީ ކޮން ވަގުތަކު ކަމެއް،" ހަސަން ބުންޏެވެ.
އަބްދުއްރަހްމާންގެ މަރާ ގުޅޭ ގޮތުން މާޅޮހުން ވާހަކަދެއްކި ގިނަ މީހުން ބުނީ އެ ހަބަރު ލިބުމުން ފުރަތަމަ ގަބޫލު ކުރަން ވެސް ދަތިވި ކަމަށެވެ،
"ފަތިހު 5:30 ހާއިރު ފުރަތަމަ ހަބަރު ލިބުނީ، ހިތަށް އެރި ހަމަ ހަގީގަތުގައި ވެސް މި ރަށުގައި ހިނގި ކަމެއް ބާވައޭ،" ޝާން ބުންޏެވެ.
އަބްދުއްރަހްމާންގެ މަރާ ގުޅިގެން މުޅި މާޅޮހަށް ހައިރާންކަން ގެނުވާފައި ވަނީ މި ސަބަބުތަކާ ހުރެ އެވެ. އަނިޔާވެރި އެ މަރަށް 24 ގަޑިއިރު ފާއިތުވެގެން ދިޔައިރު ވެސް ތުހުމަތުގެ އިނގިލި ދިއްކުރާންވީ ކާކަށް ކަމެއް މާޅޮހު ރައްޔިތުންނަކަށް ނޭނގެ އެވެ.
އެ މީހުންގެ ދުލު ކުރީގައި މިއަދު ވެސް އޮތީ މި ރަށު މީހަކު އެފަދަ ކަމެއް ކޮށްފާނެތޯ އަހައި ކުރާ ސުވާލެވެ. އެ ސުވާލުގެ ޖަވާބު ލިބޭނީ ފުލުހުން ހިންގަމުންދާ ތަހުގީގު ކޮޅެއްގައި ޖެހުމުންނެވެ. އެ ވަގުތާ ހަމައަށް އަބްދުއްރަހްމާންގެ ގާތިލު ހަމަ ކޮންމެވެސް ބައެއްގެ ތެރޭގައި އާންމު ދިރިއުޅުމުގައި އުޅެމުންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ