ރިސޯޓް ލީގު: ބ އަތޮޅުގެ ފައިނަލުގައި ފިނޮޅާއި އަނަންތަރާގެ ކުރިމަތިލުމެއް ރިސޯޓް ލީގު: ބ އަތޮޅުގެ ފައިނަލުގައި ފިނޮޅާއި އަނަންތަރާގެ ކުރިމަތިލުމެއް

ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ރިސޯޓް ލީގު 2025 ގެ އެންމެ ފޯރިގަދަ އެއް ޒޯން ކަމަށްވާ ބ. އަތޮޅުގެ މުބާރާތުގެ ސެމީ ފައިނަލް މެޗުތަކުން މޮޅުވެ، އެންމެ ފަހުގެ ދެ ޗެމްޕިއަނުން އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާސް އާއި ފިނޮޅު މޯލްޑިވްސް އިން މި ފަހަރުގެ ފައިނަލުގައި ބައްދަލުކުރަން ޖެހިއްޖެ އެވެ.
މި ފަހަރުގެ ސެމީ ފައިނަލުގައި ވެސް ފެނިގެންދިޔައީ މިދިޔަ އަހަރުގެ ސެމީގައި ފެނުނު މެޗުތަކެވެެ. އެ ގޮތުން، އެންމެ ފަހުގެ ޗެމްޕިއަން، އަނަންތަރާ އިން ވަނީ ފަހު ވަގުތު ވައްދާލި ލަނޑުން 4-3 އިން މިލައިދޫ މޯލްޑިވްސް ބަލިކޮށްފަ އެވެ. އަދި، 2023 ވަނަ އަހަރުގެ ޗެމްޕިއަން ފިނޮޅުން ވަނީ މިދިޔަ ފަހަރުގެ ރަނަރަޕް، ފޯ ސީޒަން ރިސޯޓް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރު އަތުން 6-0 އިން މޮޅުވެފަ އެވެ.
އަވަނި+ފަރެސްގައި ހޯސްޓްކުރާ ބ. އަތޮޅުގެ މެޗުތަކުގައި މިއަދު ފުރަތަމަ ކުޅުނު ސެމީގައި، އަނަންތަރާ އިން ވަނީ، ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މެޗުގައި ހެޓްރިކެއް ހެދި، އަނަންތަރާގެ ރަޝާދު އަބްދުލް މަތީން (ރޭޑިއޯ) ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އަހުމަދު ސާޖިދު އޭރިއާބޭރުން ޖެހި ގޯލުން އަނަންތަރާ އިން ލީޑުފުޅާކުރިއިރު، މިލައިދޫން ވަނީ އާދަމް ނަސީމް ޖެހި ގޯލުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަރަގު ކުޑަކޮށްފަ އެވެ. ދެ ވަނަ ހާފު ފެށުނުތަނާ ހުސެއިން ހަނާން (ޖޯ) ދިން ބޯޅައަކުން، ރަޝާދު ވަނީ ގޯލެއް ޖަހައި އަލުން އަނަންތަރާ އަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.
މިލައިދޫން އެއްވަރުކުރީ، އޭރިއާބޭރުން ޖެހި ދެ ގޯލުންނެވެ. އެ ގޮތުން، އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ، މުހައްމަދު އަޖުފާން (އަޖޭ) އެވެ. އަދި، މިލައިދޫގެ ކެޕްޓަން، އުނައިސް ޒުބެއިރު (އުނޭ) ވަނީ ގޯލު ޖަހައި، އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، އިތުރު ވަގުުތުގައި، ރަޝާދު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކުރި ގޯލު ޖަހައި، އަނަންތަރާ އަށް ފައިނަލްގެ ޖާގަ ހޯދައިދީފަ އެވެ.
ފޯ ސީޒަން އާއި ފިނޮޅު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ
ދެ ވަނަ ސެމީ ފައިނަލުގައި، ފޯ ސީޒަނަށް އެއްވެސް ފުރުސަތެއް ނުދީ، ފިނޮޅުން ވަނީ މެޗުން މޮޅުވެފަ އެވެ. ފުރަތަމަ ހާފުގައި ވެސް ފިނޮޅުން ވަނީ ތިން ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، އަލީ ޝަހީދު އާއި ހަސަން ޝާމްގެ އިތުރުން، ބަދަލަކަށް ކުޅެން އަރައި، އާދަމް އިމްޖާދު އެވެ.
ދެ ވަނަ ހާފުގައި، ފިނޮޅުގެ އިބްރާހިމް ނާފިޒު ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ، އިބްރާހިމް އަފްލާހު އެވެ.
މުހުތާރު ނަސީރު (ޓޫކިލޯ) ކޯޗުކޮށްދޭ ފިނޮޅާއި މުހައްމަދު ފުހައިދު (ޓޯޑް) އިރުޝާދުދެމުން އަންނަ އަނަންތަރާ ކުޅޭ ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހު ހަވީރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ