ރޭ ދަންވަރު މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނީ މަގުމަތީގައި ވަޅުލާފައި އޮތް ކޭބަލެއް ހަލާކުވެގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކަރަންޓު ކެނޑުނީ ކޭބަލެއް ހަލާކު ވެގެން ކަމަށެވެ. އަދި ތަފުސީލު ފަހުން ދެއްވާނެ ކަމަށެވެ.
ވީއެފްޕީއަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ކަރަންޓު ކެނޑުނީ ހެންވޭރު މާލެ ހިޔާ ސަރަހައްދުގައި މިހާރު ކޮންނަމުންދާއިރު އެސަރަހައްދުގައި ވަޅުލާފައި އޮތް ހައިވޯލްޓެޖު ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކޭބަލުގެ ތެރެއަށް ފެން އެޅިގެންނެވެ.
"ކޭބަލުގައި އުނދަލިން ޖެހިފައި ފަޅައިގެން ގޮސްފައި ހުރީ. ވާރޭ ވެހި އެއަށް ފެން އެޅުމުން ކަރަންޓު ކެނޑުނީ،" މައުލޫމާތު އެނގޭ މީހަކު ވީއެފްޕީއަށް ބުންޏެވެ.
އެމީހާ ވީއެފްޕީއަށް ބުނި ގޮތުގައި ކަރަންޓު ކެނޑުނީ އެކޭބަލުގައި އެހެން މައްސަލަތަކެއް ވެސް ހުރުމުން އެ ކޭބަލު ބަދަލު ކުރުމުގެ މަސައްކަތް ވެސް ކުރަމުން ދަނިކޮށެވެ.
ރޭ ކަރަންޓު ކެނޑުނު ސަރަހައްދުތަކުގެ ތެރޭގައި މާފަންނު، މަޖީދީ މަގުން ދެކުނާއި އުތުރުގެ ސަރަހައްދުތަކާއި މައްޗަންގޮޅި ބައެއް ސަރަހައްދުތަކާއި ހެންވޭރާއި ގަލޮޅުގެ ދެކުނާއި އުތުރުގެ ސަރަހައްދުތައް ހިމެނެއެވެ.
މާލެއިން ކަރަންޓު ކެނޑުނީ ވަޅުލާފައި އޮތް ކޭބަލެއް ހަލާކުވެގެން: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ