ބީބީސީ: ވ. އަތޮޅުގައި ހިނގި ހިތާމަވެރި ޑައިވިން ހާދިސާއެއްގައި އިޓަލީގެ ފަސް މީހަކު މަރުވެފައިވާކަމަށް އިޓަލީގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ރޯމްގައި ހުންނަ އިޓަލީގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ޑައިވަރުން މަރުވީ ކަނޑުގެ 50 މީޓަރު (164 ފޫޓު) އަޑީގައި ހުރި ހޮހަޅުތަކެއް ބަލަން އުޅުމުގެ ތެރޭގައި ކަމަށް ބެލެވެއެވެ. މި ހާދިސާ ހިނގާފައިވަނީ ވ. އަތޮޅުގައެވެ.
މަރުވި މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިޓަލީގެ ޔުނިވަރސިޓީ އޮފް ޖެނޯއާގެ ޓީމަކަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރޭގައި އެކޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި، އޭނާގެ ދަރިފުޅުގެ އިތުރުން ދެ ރިސާޗަރުން ހިމެނެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ހާމަކުރި ގޮތުގައި، ކަނޑުގެ 60 މީޓަރު އަޑީގައި އޮތް ހޮހަޅެއްގެ ތެރެއިން މިހާތަނަށް އެކެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އަދި ބާކީ ތިބި ހަތަރު ޑައިވަރުންގެ ހަށިގަނޑުވެސް އެ ތަނުގައި ވާނެ ކަމަށް ބެލެވެއެވެ. ސިފައިން ސިފަކުރި ގޮތުގައި މި ހަށިގަނޑުތައް ހޯދުމަށް ހިންގާ އޮޕަރޭޝަނަކީ ނުރައްކާތެރި އޮޕަރޭޝަނެކެވެ. އެ ސަރަހައްދުގައި ހާއްސަ އިކުއިޕްމަންޓްތަކާއެކު ޑައިވަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އިޓަލީގެ ފޮރިން މިނިސްޓްރީން ހުކުރު ދުވަހު ބުނި ގޮތުގައި، މަރުވި މީހުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތުގައި އެ ގައުމުގެ އޮފިޝަލުން ދިވެހި އިދާރާތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ފަސް މީހުން ދަތުރުކުރި 'ޑިއުކް އޮފް ޔޯކް' ސަފާރީގައި ތިބި އިޓަލީގެ އެހެން 20 މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، ސްްރީލަންކާގެ ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީން އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. މޫސުން ރަނގަޅުވިހާ އަވަހަކަށް އެ އުޅަނދު މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ރާއްޖޭގެ ތާރީހުގައިވެސް އެއްފަހަރާ މިހާ ގިނަ ޑައިވަރުން މަރުވި އެންމެ ނުރައްކާތެރި ހާދިސާ ކަމަށް ބެލެވެއެވެ. ރާއްޖޭގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފަސް މީހުން މޫދަށް ފޭބީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. އެ މީހުން އަނބުރާ މައްޗަށް ނޭރުމުން އުޅަނދުގެ ފަޅުވެރިން ވަނީ އެ މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި އެ ސަރަހައްދުގެ މޫސުން އޭރު ގޯހެވެ. އަދި މާލެއާ 100 ކިލޯމީޓަރު ދުރުގައި އޮތް އެ ސަރަހައްދުގެ ދަތުރުވެރިންނާއި މަސްވެރިންނަށް ސަމާލުވުމަށް ރީނދޫ ސަމާލުވެސް އޮތީ ނެރެފައެވެ.
ޔުނިވަރސިޓީ އޮފް ޖެނޯއާއިން ފަހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ ޕްރޮފެސަރ މޮންޓެފަލްކޯން އާއި، އޭނާގެ ދަރިފުޅު އަދި އެ ޔުނިވަރސިޓީގެ ދަރިވަރެއް ކަމަށްވާ ޖިއޯޖިއާ ސޮމަކާލް އާއި، ރިސާޗް ފެލޯ މުރިއެލް އޮޑެނީނޯ އަދި މެރިން ބަޔޮލޮޖީން ގްރެޖުއޭޓްވެފައިވާ ފެޑެރީކޯ ގުއަލްޓިއޭރީއެވެ. ފަސްވަނަ މީހަކީ ބޯޓު އޮޕަރޭޝަންސް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ ޖިއަންލޫކާ ބެނެޑެޓީއެވެ.
ޔުނިވަރސިޓީ އޮފް ޖެނޯއާއިން އެކްސް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި، މަރުވި މީހުންގެ އާއިލާތަކަށް ވަނީ ވަރަށް ފުން ހިތާމައަކާއެކު ތައުޒިޔާ ފޮނުވާފައެވެ.
ސްްރީލަންކާއަށް ކަނޑައަޅާފައި ހުންނަ އިޓަލީގެ ސަފީރު ދަމިއާނޯ ފްރެންކޮވިޗް "ސްކައި ޓީޖީ24" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާތަނަށް އެކެއްގެ ހަށިގަނޑު ފެނިފައިވީ ނަމަވެސް، ބާކީ ތިބި ހަތަރު މީހުން އަދި ފެނިފައިނުވާ ކަމަށެވެ.
އިޓަލީގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ފަސް ޑައިވަރުން ވަދެފައިވާ ހޮހަޅަކީ ހަނި މަގުތަކަކުން ގުޅިފައިވާ ބޮޑު ތިން ކޮޓަރި ފަދަ ހުސް ސަރަހައްދުތަކެއް އެކުލެވިގެންވާ ތަނެކެވެ. ކޯސްޓްގާޑުގެ ޑައިވަރުން ހުކުރު ދުވަހު ކުރި ޑައިވްގައި މި ތަނުން ދެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި ތިންވަނަ ސަރަހައްދު ބެލުމަށްޓަކައި ހޮނިހިރު ދުވަހު އިތުރު ޑައިވްއެއް ކުރުމަށް ވަނީ ރޭވިފައެވެ.
މަރުވި މޮންޓެފަލްކޯންގެ ފިރިމީހާ ކާލޯ ސޮމަކާލް އިޓަލީގެ ނޫހެއް ކަމަށްވާ "ލާ ރިޕަބްލިކާ" އަށް ބުނި ގޮތުގައި، އޭނާގެ އަންހެނުންނަކީ ދުނިޔޭގެ ފެންވަރުގެ އެންމެ މޮޅު ޑައިވަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާއަކީ ކަންކަމަށް ވަރަށް ބޮޑަށް ތައްޔާރުވާ އަދި ފަރުވާތެރި މީހެއް ކަމަށާއި، އަންހެނުންނަކީ އޭނާގެ ދަރިފުޅުގެ ނުވަތަ އެހެން މީހެއްގެ ފުރާނަވެސް ނުރައްކަލަށް ހުށަހަޅާނެ މީހެއް ނޫން ކަމަށް އޭނާ ބުންޏެވެ. "ފަހަރެއްގައި އޮކްސިޖަން ޓޭންކަށް މައްސަލައެއް ދިމާވީ ކަމަށްވެސް ވެދާނެ، އަދި ސީދާ ވީގޮތެއް ނޭނގެ،" އޭނާ އިތުރަށް ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ކަށަވަރު ނުވި ނަމަވެސް، ޑައިވް މާސްޓަރ މައުރީޒިއޯ އުރާސް ލަފާކުރާ ގޮތުގައި މިއީ "އޮކްސިޖަން ޓޮކްސިސިޓީ" ނުވަތަ އޮކްސިޖަން ޒަހަރަކަށްވުމުގެ ސަބަބުން ދިމާވި ކަމަކަށް ވެދާނެއެވެ. އޭނާ އިޓަލީގެ "އަގީ" ނިއުސް އެޖެންސީއަށް ކިޔައިދިން ގޮތުގައި، ވަރަށް ފުނަށް އަޑިއަށް ޑައިވް ކުރާއިރު، އޮކްސިޖަން މިކްސްޗަރ ރަނގަޅު ނޫންނަމަ، ވަކި ހިސާބަކުން އޮކްސިޖަންއަކީ ހަށިގަނޑަށް ވިހަ އެއްޗަކަށް ވެދާނެއެވެ.
މީގެ އިތުރުން މޫސުމީ ހާލަތަކީވެސް މުހިންމު ކަމެއް ކަމަށާއި، މެދުތެރޭ ކަނޑާ (މެޑިޓެރޭނިއަން ސީ) އާ ހިލާފަށް އިންޑިއާ ކަނޑަކީ ވަރަށް އޮއިގަދަ އަދި ނުރައްކާތެރި ކަނޑެއްކަން އޭނާ ފާހަގަކުރިއެވެ.
ރާއްޖޭގައި ޑައިވިން އަދި ސްނޯކްލިން ހާދިސާތައް ހިނގުމަކީ ނިސްބަތުން މަދު ކަމެއް ނަމަވެސް، ފާއިތުވި އަހަރުތަކުގައި ބައެއް ނުރައްކާތެރި ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެއްލައިދޫ ރިސޯޓު ކައިރީގައި ޑައިވް ކުރަން އުޅުނު އިނގިރޭސިވިލާތުގެ ތަޖުރިބާކާރު ޑައިވަރަކު ވަނީ މަރުވެފައެވެ. އަދި 2024 ވަނަ އަހަރުގެ ކުރީކޮޅު ޅ. އަތޮޅުގައި ސްނޯކްލިންއަށް ގޮސް އުޅުނު ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކުވެސް ވަނީ މަރުވެފައެވެ.
ޑައިވަރުންގެ މަރު: ދުނިޔޭގެ ފަލަ ސުރުހީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ