އޮމާން ސަރުކާރާ މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެގޮތުން ބައިވެރިވެވަޑައިގެންނެވި ރައީސް މައުމޫން ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް މައުމޫން ރާއްޖެ ވަޑައިގެންނެވިއިރު، އެމަނިކުފާނަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ދެދަރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ގައްސާން މައުމާންގެ އިތުރުން ޕީޕީއެމްގެ ބައެއް އިސްވެރިންނެވެ.
ރާއްޖެ ވަޑައިގެންނެވުމަށްފަހު އެއާޕޯޓްގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް މައުމޫން ވިދާޅުވީ މިދަތުރަކީ އޮމާންގެ ރަސްގެފާނަށް ރައީސް ޔާމީންގެ ފޮނުވި ސިޓީފުޅެއް ރައްދުކޮށްދެއްވުމަށް ކަމަށާއި އެގައުމުން ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ.
"ދިވެހިރާއްޖެއާއި އޮމާނާއި ދޭތެރޭގައި އޮންނަ ގުޅުމަކީ ކުރީއްސުރެ ވަރަށް ވަރުގަދަ އުހުއްވަތްތެރި ގުޅުމެއް. އެގޮތުން އެބޭފުޅުން އަޅުގަނޑުމެންނަށް ވަރަށް ފުރިހަމަ ގޮތެއްގައި މެހެމާންދާރީ އަދާކޮށްދެއްވި. ވަރަށް ގިނަ މަތީ ފެންވަރުގެ ބޭފުޅުންނާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ދެއްވި،" އެމަނިކުފާން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ ފަރާތުން ރަސްގެފާނަށް ވަރަށް އިހުލާސްތެރި ތަހުނިޔާ ދަންނަވާ ކަމަށާއި އޮމާންގެ ރަސްގެފާނު އާލާސްކަންފުޅަކާ އުޅުއްވާ ކަމަށެވެ.
"އޮމާންގެ ރަސްގެފާނު އާލާސްކަންފުޅާ އުޅުއްވާތީ އަވަސް ޝިފާއަކަށް އެދި ދުއާކުރާ ކަމަށް ދަންނަވަން. ދިވެހިރާއްޖޭގެއާއި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ ހެޔޮ އެދުންތައް ރަސްގެފާނަށާއި ސަރުކާރަށް ރައްދުކުރިން. ދެގައުމުގެ ދޭތެރޭގައި ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މަސައްކަތްކުރަން ބޭނުންވާ ވާހަކަ އަޅުގަނޑު ދަންނަވަން. ދެފަރާތުން ވެސް އެގޮތަށް އެއްބަސްވެގެން ވާހަކަތައް ކުރިއަށް ގެންދެވުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އިގްތިޞާދީ ގޮތުން އޮމާންގެ އިންވެސްޓަރުން ރާއްޖެ އައިސް ރާއްޖޭގައި އިންވެސްޓްކުރުމާއި ވިޔަފާރީގެ ގޮތުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި ވާހަކަދެކެވުނު ކަމަށާއި އިންވެސްޓްކުރުމަށް ކަންތައްތައް ބެއްލެވުމަށްޓަކައި ބައެއް ބޭފުޅުން ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
އޮމާންއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މައުމޫން އެނބުރި ރާއްޖެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ