އަލަވޭސްގެ އަތްދަށުވެ ޗެމްޕިއަން ބާސެލޯނާ އަށް 100 ޕޮއިންޓް ހަމަކުރުމުގެ ފުރުސަތު ގެއްލިއްޖެ

ބާސެލޯނާ (މެއި 14) - ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ޔަގީންކޮށްފައިވާ ބާސެލޯނާ އިން ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް އަތުން 1-0 އިން ބަލިވެ، 100 ޕޮއިންޓާ އެކު ލީގު ސީޒަން ނިންމާލުމަށް ކަނޑައެޅި ޓާގެޓް ހާސިލްވުމުގެ ފުރުސަތު ގެއްލިއްޖެ އެވެ. 
އެންމެ ފަހުން ކުޅުނު މެޗުގައި ވާދަވެރި ރެއާލް މެޑްރިޑް ބަލިކުރުމަށް ފަހު، ލީގުގެ ޗެމްޕިއަންކަން ޔަގީންކުރި ބާސެލޯނާ އަށް ދެން އެންމެ ގިނަ ވެގެން ވެސް މި ފަހަރުގެ ލީގުގައި ހަމަކުރެވޭނީ 97 ޕޮއިންޓެވެ. ބާސެލޯނާ އަށް ބާކީ ދެ މެޗު އޮތްއިރު، އެ ޓީމު މި ވަަގުތު އެއް ވަނައިގައި އޮތީ 36 މެޗުން 91 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 35 މެޗުން ވަނީ 77 ޕޮއިންޓް ލިބިފަ އެވެ. 
އަލަވޭސް އިން ގާޑް އޮފް އޮނާ އެއް ދީގެން ފެށި މި މެޗަށް ބާސެލޯނާ އިން ނުކުތީ ބަދަލުތަކަކާ އެކު އެވެ. އަލަވޭސް އިން އަމިއްލަ ދަނޑުގައި ވަރުގަދަކޮށް ފެށި މި މެޗުގައި، އަބްދޭ ރަބަކް ޖެހި ޝޮޓެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އަދި، ފަކުންޑޯ ޓަނާގްލިއާ ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު ވޮޒްޝިއޭ ޝެޒްނީ އަތަށެވެ. 
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އަލަވޭސް އަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ޑިއަބާޓޭ އެވެ. މިއީ، ކޯނަރެއްގައި އޭރިއާތެރެއިން ބާސެލޯނާގެ ޑިފެންޑަރުންނަށް ސަލާމަތްނުކުރެވިދިޔަ ބޯޅައަކަށް އަރައި، ޑިއަބާޓޭ ހަމަޖެހިލައިފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. 
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ފަސް މިނިޓް ތެރޭ ޑިއަބާޓޭ އަށް ވަނީ އަލަވޭސްގެ ލީޑުފުޅާކުރަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އެ ގޮތުން، އޭރިއާތެެރޭގައި ހުސްކޮށް ހުރެފައި ޑިއަބާޓޭ ބޮލުން ޖެހި ބޯޅަ ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފަ އެވެ. 
ބާސެލޯނާގެ އެޓޭކް އާދައިގެ ގޮތަކަށް ފެނިގެންދިޔަ މި މެޗުގައި އެ ޓީމަށް އަލަވޭސްގެ ކީޕަރު އެންޓޯނިއޯ ސިވޭރާ ޓެސްޓް ކޮށްލެވޭ ވަރުގެ ހަމަލާއެއް ވެސް ފޮނުވާލެވޭ ގޮތެއްނުވި އެވެ. އެ ގޮތުން، މުޅި މެޗުގައި ވެސް ބާސެލޯނާގެ ފަސް ޝޮޓެއް ފެނުނުއިރު، އޭގެއިން އެއް ބޯޅަ. ވެސް ގޯލާ ސީދާ ވާގޮތެއްނުވި އެވެ. 
ރޭގެ ނަތީޖާ އަށް ފަހު އަަލަވޭސް އޮތީ 36 މެޗުން 40 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގަ އެވެ. މިއީ، އަަލަވޭސް އިން ރެލިގޭޝަނުން ސަލާމަތްވާން ކުރާ މަސައްކަތުގައި ލިބުނު މުހިންމު މޮޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ