މެންޗެސްޓާ (މެއި 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ކްރިސްޓަލް ޕެލަސް 3-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީން ލީގު ޗެމްޕިއަންކަން ހޯދުމުގެ އުންމީދު ދަމަހައްޓައިފި އެވެ.
ލީގުގައި ބާކީ ދެ މެޗު އޮތްއިރު، އެއް ވަނައިގައި އޮތް އާސެނަލާއި ދެ ވަނައިގައި އޮތް ސިޓީގެ ދެމެދުގެ ޕޮއިންޓުގެ ފަރަގަކީ ދެ ޕޮއިންޓެވެ. އާސެނަލަށް 36 މެޗުން 79 ޕޮއިންޓް ލިބިފައިވާއިރު، ސިޓީން ދެ ވަނައިގައި އޮތީ 36 މެޗުން 77 ޕޮއިންޓާ އެކު އެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ސިޓީން ފުރަތަމަ ހާފުގައި ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެ ގޮތުން، 32 ވަނަ މިނިޓްގައި ސިޓީން ލީޑުނެގީ އަންޓުއާން ސެމެންޔޯ ޖެހި ގޯލުންނެވެ. މިއީ ފިލް ފޯޑެން ދިން ހިތްގައިމު ބޯޅައަކަށް އަރައި ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ސެމެންޔޯ ޖެހި ގޯލެކެވެ.
ޕެލަސް އަށް އެއްވަރުކޮށްދޭން އެ ޓީމުގެ ފުލްބެކް، ޓައިރިކް މިޗެލް ޖެހި ޝޮޓް ސިޓީގެ ކީޕަރު ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ. ސިޓީން މެޗުގެ 40 ވަނަ މިނިޓްގައި ލީޑުފުޅާކުރިއިރު، އެ ޓީމުގެ ލަނޑު ޖެހީ އޮމަރު މާމޫޝް އެވެ. މިއީ، އޭރިއާތެރެއިން ފޯޑެން ޖައްސާލި ބޯޅައެއް ހޯދައި، ހަމަޖެހިލައިފައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން މާމޫޝް ޖެހި ގޯލެކެވެ.
ސިޓީން ތިން ވަަނަ ލަނޑު ޖެހީ މެޗުގެ ފުރިހަަމަ ވަގުުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށެވެ. އެ ގޮތުން، މެޗުގެ 84 ވަނަ މިނިޓްގައި ސިޓީގެ ރަޔާން ޗާކީ ދިން ބޯޅައެއް އެ ޓީމުގެ ސަވީނިއޯ ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. ސަވީނިއޯ އަކީ ރޭގެ މެޗުގައި ބަދަލަކަށް ކުޅެން އެރި ކުޅުންތެރިއެކެވެ.
މި ސީޒަނުގައި ސިޓީ އަށް ދެން ބާކީ އޮތީ ތިން މެޗެވެ. އެއީ، އެފްއޭ ކަޕް ފައިނަލުގައި ޗެލްސީއާ ބައްދަލުކުރާ މެޗާއި އިނގިރޭސި ޕްރިމިއާ ލީގުގައި ރަށުންބޭރުގައި ބޯންމައުތާ ކުޅޭ މެޗުގެ އިތުރުން، އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗެވެ.
ސިޓީން ޕެލަސް ބަލިކޮށް ލީގުގެ އުންމީދު ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ