ޕެރިސް (މެއި 14) - ލޯންސްގެ މައްޗަށް 2-0 އިން ކުރިހޯދައި، ޕީއެސްޖީން ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ، ޕީއެސްޖީން ފްރެންޗް ލީގު ކާމިޔާބުކުރި 14 ވަނަ ފަހަރު އެވެ. އެ ގޮތުން، 18 ޓީމުން ވާދަކުރާ ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީން ހޯދާފައި މި ވަނީ ބާކީ އެއް މެޗު އޮއްވަ އެވެ. ޕީއެސްޖީ އަށް 33 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ލޯންސްގެ އޮތީ 33 މެޗުން 67 ޕޮއިންޓެވެ.
ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ ވަނީ މި ފަހަރުގެ ލީގުގެ ރޭހުުގައި ލޯންސް ދެއްކި ހިތްވަރަށް ތައުރީފުކޮށްފަ އެވެ.
"މިއީ ލޯންސްގެ މަސައްކަތް ރަނގަޅު ސީޒަނެއް، އަހަރެމެންނަށް ފަސޭހައިން ކުރެވުނު ކަމެއް ނޫން މިއީ،" އެންރީކޭ ބުންޏެވެ.
ތިން ވަނައިގައި އޮތް ލިލް އަށް 33 މެޗުން 61 ޕޮއިންޓް އަދި ހަތަރެއްގައި އޮތް ލިޔޯނަށް ވަނީ 33 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ. އަދި، ފަސް ވަަނައިގައި އޮތް ރެން އަށް 33 މެޗުން 59 ޕޮއިންޓް އޮތްއިރު، ހަ ވަނައިގައި މާސޭ އޮތީ 33 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ.
ލޯންސް ދަނޑުގައި ރޭ ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ ކޮންމެ ހާފެއްގައި ގޯލެއް ޖަހައިގެންނެވެ. އެ ގޮތުން، އެ ޓީމުން މެޗުގައި ލީޑުނެގި ލަނޑު ޖެހީ 29 ވަނަ މިނިޓްގަ އެވެ. މިއީ، އޮސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކްވިޗާ ކްވަރަޝްކޭލިއާ ޖެހި ގޯލެކެވެ.
އެ ގޯލުގެ ލީޑެއްގައި މެޗުގެ ބޮޑުބައި ހިފެހެއްޓި ޕީއެސްޖީން ދެ ވަަނަ ލަނޑެއް ޖަހަން ކުރި މަސައްކަަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. އެ ގޮތުން، ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖަހައިދިނީ އިތުރު ވަގުތުގެ ތިން ވަަނަ މިނިޓްގައި އިބްރާހިމް އެމްބާއޭ އެވެ. އެމްބާއޭ މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މި ސީޒަނުގައި ޕީއެސްޖީ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ފްރާންސްގެ ފޯވާޑް، ޑެޒެއާ ޑޫއޭ އެވެ.
ޕީއެސްޖީން އެ ކްލަބްގެ ތާރީހުގައި ހޯދި 59 ތަށީގެ ތެރެއިން، 41 ޓްރޮފީ ލިބިފައިވަނީ، 2011 ވަނަ އަހަރު ގަތަރުގެެ ސްޕޯޓްސް އިންވެސްޓްމަންޓްސް (ކިއުއެސްއައި) އިން އެ ކްލަބް ގަތް ފަހުންނެވެ. އޭގެ ފަހުން، ފްރެންޗް ލީގުގައި ކުޅުނު 15 ސީޒަނުގެ ތެރެއިން ތިން ފަހަރު ފިޔަވައި ހުރިހާ ފަހަރެއްގައި ލީގު ޗެމްޕިއަންކަން ހޯދީ ޕީއެސްޖީންނެވެ.
ލޯންސް ބަލިކޮށް ޕީއެސްޖީން ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ