ރާއްޖެ ވެސް ހިމެނޭހެން ދުނިޔޭގެ 93 ގައުމަކުން ތައިލެންޑަށް ވިސާއާ ނުލައި ދަތުރުކުރާ ފަތުރުވެރިންނަށް އެ ގައުމުގައި ތިބެވޭ މުއްދަތު 60 ދުވަހުން 30 ދުވަހަށް ކުރުކުރުމަށް ތައިލެންޑް ސަރުކާރުން ރާވަމުންދާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ސިހަސަކް ޕުއަންކެޓްކާއޯ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.
މި ބަދަލު ގެންނަން ނިންމީ ކުށްކުރުން ހުއްޓުވުމަށާއި ވިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ފަރާތްތައް މަދުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ދަށުންނެވެ.
މި ހުށަހެޅުން ފާސްކުރުމަށްޓަކައި އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަރަށް އަވަހަށް ކެބިނެޓަށް ހުށަހަޅާނެ އެވެ. ނަމަވެސް، މި ބަދަލަށް އަމަލުކުރަން ފަށާނެ ސީދާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ތައިލެންޑުގެ ފަތުރުވެރިކަން އަލުން ކުރިއެރުވުމަށްޓަކައި، ރާއްޖެ ހިމެނޭހެން 93 ގައުމަކަށް 60 ދުވަހުގެ ވިސާ-ފްރީ އުސޫލު ތައާރަފްކުރީ ޖުލައި 2024ގަ އެވެ. ނަމަވެސް، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ބުނަމުންދަނީ، މިގޮތަށް ދިން ދިގު މުއްދަތުގެ ބޭނުން ހިފައިގެން ބައެއް ފަތުރުވެރިން ގާނޫނާ ހިލާފު އަމަލުތައް ހިންގުމާއި ވިސާގެ އިނާޔަތްތަކުގެ ނަހަމަ ބޭނުން ހިފަމުންދާ ކަމަށެވެ.
ފޮރިން މިނިސްޓަރު ސިހަސަކް ވިދާޅުވި ގޮތުގައި، އެހެނިހެން ބާވަތްތަކުގެ ވިސާތަކުގައި އެތެރެވާ ފަރާތްތަކުން ވެސް ވިސާގެ ބޭނުން ކުރަނީ ކަނޑައެޅިފައިވާ މަގްސަދުގައިތޯ ބެލުމަށްޓަކައި ކުރާ ޗެކްކުރުންތައް ކަމާބެހޭ އިދާރާތަކުން ވަރުގަދަކުރާނެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޖެނުއަރީން މި މަހުގެ 10އާ ހަމައަށް ތައިލެންޑަށް 12.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %3.43ގެ ދަށްވުމެކެވެ.
ތައިލެންޑުގެ އިގްތިސާދުގައި ފަތުރުވެރިކަމަކީ އެންމެ މުހިންމު އެއް ސިނާއަތެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން، 2019ގައި އެ ގައުމަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ގާތްގަނޑަކަށް 40 މިލިއަނަށް އަރާފައިވެ އެވެ.
ދިވެހިން ހިމެނޭހެން ތައިލެންޑުގައި ވިސާއާ ނުލާ ތިބެވޭ މުއްދަތު 30 ދުވަހަށް ކުރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ