އިންޑިއާގައި އަގު އުފުލުމާ ގުޅިގެން ހަކުރު އެކްސްޕޯޓުކުރުން މަނާކޮށްފި

އިންޑިއާގެ ބާޒާރުގައި ހަކުރުގެ އަގުތައް އުފުލެމުންދާތީ އާއި ހަކުރު ލިބުމުގައި ކުރިމަތިވެދާނެ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، އެ ގައުމުން ބޭރަށް ހަކުރު އެކްސްޕޯޓްކުރުން ވަގުތުން ހުއްޓާލުމަށް އިންޑިއާ ސަރުކާރުން އިއްޔެ ނިންމައިފި އެވެ.
މި ނިންމުން އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ނުވަތަ ވަކި ގޮތެއް އަންގަންދެން ދެމިއޮންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ވެސް ބޭރުކުރުމުގެ މަރުހަލާގައި ހުރި އަދި ކަނޑައެޅިފައިވާ ވަކި ޝަރުތުތަކެއް ފުރިހަމަވާ ޝިޕްމަންޓްތައް ފޮނުވުމުގެ ހުއްދަ ދޭނެ ކަމަށް ބުނެފައިވެ އެވެ. އެގޮތުން، އިންޑިއާއިން ރާއްޖެއަށް ވެސް ހަކުރު އެކްސްޕޯޓުކުރަނީ، އަވަށްޓެރި ގައުމަކަށްވާތީ ދޭ ވަކި ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ ވަނީ މިދިޔަ މަހު އާކޮށްފަ އެވެ.
އިންޑިއާއަކީ ބްރެޒިލްއަށް ފަހު ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ހަކުރު އުފައްދާ އަދި އެންމެ ގިނައިން ހަކުރު އެކްސްޕޯޓްކުރާ ގައުމެވެ. މީގެ ކުރިން އިންޑިއާގެ ކާރުހާނާތަކަށް 1.59 މިލިއަން މެޓްރިކް ޓަނުގެ ހަކުރު ބޭރުކުރުމުގެ ހުއްދަ ދީފައި އޮތް ނަމަވެސް، ހަކުރު އުފައްދާ މައިގަނޑު ސަރަހައްދުތަކުގައި ދަނޑުވެރިކަން ދަށްވުމުގެ ސަބަބުން، ވިދިވިދިގެން ދެވަނަ އަހަރަކަށް އުފެއްދުންތެރިކަން ދަށްވާނެ ކަމަށް މިހާރު ބެލެވެ އެވެ.
ފަރުތަކަށް ލިބޭ ގެއްލުން ނުވަތަ 'އެލް ނީނޯ' މޫސުމީ ބަދަލާ ގުޅިގެން މޫސުމީ ވިއްސާރައަށް ބުރޫއަރައި ކުރިއަށް އޮތް މޫސުމުގައި ވެސް ހަކުރު އުފެއްދޭ މިންވަރު އިތުރަށް ދަށްވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
ވިޔަފާވެރިން ބުނާ ގޮތުގައި، ގާތްގަނޑަކަށް 800،000 ޓަނުގެ ހަކުރު ބޭރުކުރުމަށް މީގެ ކުރިން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު، އޭގެ ތެރެއިން 600،000އަށް ވުރެ ގިނަ ޓަނު މިހާރު ވަނީ ފޮނުވާފަ އެވެ. މުމްބާއީގެ ވިޔަފާވެރިއަކު ފާހަގަކުރި ގޮތުގައި، މި ނިންމުމުގެ ސަބަބުން ކުރިން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ހަކުރު ފޮނުވުމުގައި ވިޔަފާވެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ.
އިންޑިއާގެ މި ނިންމުމާ އެކު ދުނިޔޭގެ ބާޒާރުގައި ހަކުރުގެ އަގު ވަނީ އުފުލެން ފަށާފަ އެވެ. އެގޮތުން، ނިއުޔޯކް މާކެޓުގައި ހަކުރުގެ އަގު %2އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ލަންޑަންގެ މާކެޓުގައި ހަކުރުގެ އަގު ވަނީ %3 މައްޗަށް ޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ