އައްޑޫ ސިޓީގެ އެކި ހިސާބުތަކުން 1 ގަޑިއިރަށް ކަރަންޓް ކަނޑަނީ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އިންޖީނަކަށް ދިމާވި މައްސަލަ ހައްލުވަންދެން، އެކި ހިސާބުތަކުން 1 ގަޑިއިރަަށް ކަރަންޓް ކެނޑޭނެ ކަމަށް، ފެނަކައިން ބުނެފިއެވެ.
ފެނަކައިން މިއަދު ގެތަކަށް ފޮނުވި ލިޔުމެއްގައި ވަނީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އިންޖީނަކަށް ޓެކްނިކަލް މައްސަލަ ދިމާވެފައިވާ ކަމަށާއި، އެ މައްސަލަ ހައްލުވަންދެން މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް އެކި ހިސާބުތަކުން 1 ގަޑިއިރަށް ކަރަންޓް ކެނޑޭނެ ކަމަށެވެ.
އަދި މި ދުވަސްތަކުގައި ވީހާވެސް މަދުން ކަރަންޓް ބޭނުންކުރެއްވުމަށާއި، ކަރަންޓް ހިދުމަތް މެދުކެނޑިފައި އޮންނަ ވަގުތުތަކުގައި ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށްވެސް، ފެނަކައިން ބުންޏެވެ.
ކަރަންޓް ކަނޑާނެކަމުގެ އެންގުމެއް ފެނަކައިން މިއަދު ފޮނުވާފައިވާއިރު، ފާއިތުވި 2 ދުވަހު ވެސް ކުރިން އެންގުމަކާ ނުލާ އައްޑޫ ސިޓީގެ އެކި އަވަށްތަކުން 1 ގަޑިއިރަށް ކަރަންޓް ކަނޑާލާފައިވާކަން ފާހަގަކޮށްލެވެއެވެ.
އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ގެނެވިފައިނުވާއިރު، އެކަން ހައްލުކުރުމަށްޓަކާ ޖުލައިމަހުގެ ތެރޭގައި 2 އިންޖީނެއް ވެސް ވަނީ ގެނެސްފައެވެ. ނަމަވެސް ފެނަކައިން ފަހުން ވަނީ، މާލޭގައި ކުރިއަށްދިޔަ މިނިވަން50 ގެ ހަރަކާތްތަކަށް އެ 2 އިންޖީނު ވެސް މާލެ ގެންގޮސްފައެވެ.
އޭގެފަހުން އެ އިންޖީނުތަށް އަލުން އަނބުރާ އައްޑޫއަށް ގެނެސްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ