48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން މަސްވެެރިންނަށް 1.1 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން މި ހިނގާ ޖޫން މަހާ ހަމައަށް 1.1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، 2023 ވަނަ އަހަރު މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދީ 250 މިލިއަން ރުފިޔާ ހުރި ކަމަށެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދައްކަމުން އަންނަ އިރު، މިހާތަނަށް ޖުމްލަ 1,175,803,626.60 (އެއް ބިލިއަން އެއް ލައްކަ ހަތްދިހަ ފަސް މިލިއަން އަށްސަތޭކަ ތިންހާސް ހަސަތޭކަ ސައްބީސް ރުފިޔާ ފަސްދޮޅަސް ލާރި) ދޫކޮށްފައިވެއެވެ. 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފައިވާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ދެ އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅަކުން މިހާރު އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށެވެ. ލ. އަތޮޅާއި މ. އަތޮޅުން ކޮންމެ ދުވަހަކު އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްނުދެވޭތީ، އެކަމަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ މަސް ފިނިކޮށް ބެހެއްޓޭނެ ކެޕޭސިޓީ މިހާރު ހުރި 9,500 އާއި 11,000 ޓަނާ ދެމެދުގެ މިންވަރުން 25,000 ޓަނަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިގޮތުން ހަތް ރަށެއްގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ފެލިވަރު ކޯލްޑް ސްޓޯރޭޖް މިއަހަރު ނިމޭއިރު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށާއި، ކޫއްޑޫގައި 4,000 ޓަނުގެ ފެސިލިޓީއެއް ގާއިމުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ތިނަދޫ ސިޓީގައި ގާއިމުކުރާ 1,000 ޓަނުގެ ކޯލްޑް ސްޓޯރޭޖް މިއަހަރުގެ ފަހު ކުއާޓަރުގައި ނިންމުމަށް މަސައްކަތް ކުރަމުންދާ އިރު، އިހަވަންދޫ، މުލަކު، ކަނޑުއޮތްގިރި އަދި ހިރިލަންދޫގައިވެސް މިފަދަ މަޝްރޫއުތައް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަންނަ އަހަރު މުލަކުގެ ކޯލްޑް ސްޓޯރޭޖާއި އައިސް ޕްލާންޓުގެ ހިދުމަތް ފެށޭނެ ކަމަށް ލަފާކުރެވެއެވެ.
ރާއްޖެއިން ބޭރުކުރާ މަހުގެ 85 އިންސައްތައަކީ ރޯ މަސްކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ އަގު އެއްކޮށްގެން މަސް ބޭރުކުރެވޭނަމަ އިތުރު ވަޒީފާތަކާއެކު މަހަށް ހަމަ އަގު ލިބޭނެ ކަމަށެވެ. އެގޮތުން ފެލިވަރު ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ކެޕޭސިޓީ 100 ޓަނަށް އިތުރުކުރުމާއި، ފިޔޯރީ އަދި ނިލަންދޫގައި އާ މަސް ކާރުހާނާތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ