އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް، މުޙައްމަދު ޝަކީލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި، މުޙައްމަދު ޝަކީލް ވަނީ ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
ޝަކީލަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމެވެ. ހުވާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަކީލަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުންގެ މެންބަރުކަމުގެ މަޤާމަށް ޝަކީލް ޢައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މުހައްމަދު ޒާހިރު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނވެ.
މުޙައްމަދު ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2014 އިން 2018 އަށް ކޮމިޝަންގެ މެންބަރުކަން ކުރައްވާފައިވާއިރު، އޭގެ ކުރިން އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވާނީ ފުރިހަމަ މިނިވަންކަމާއެކު ކަމަށެވެ. އަދި ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކޮށް މަޝްވަރާކުރުމުގެ ފުރުސަތު ހަމަހަމަކަމާއެކު ހޯދައިދެއްވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
އިލެކްޝަންސް ކޮމިޝަނަކީ ޖުމްލަ 5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މުއައްސަސާއެކެވެ. ޝަކީލް ޢައްޔަންކުރެއްވުމާއެކު ކޮމިޝަންގެ މެންބަރުންގެ ޢަދަދު މިހާރު ވަނީ ހަމަވެފައެވެ. ދެން އޮންނާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ރައީސަކާއި ނައިބު ރައީސެއް އިންތިޚާބު ކުރުމުގެ މަރުޙަލާއެވެ.
އީސީގެ މެންބަރުކަމަށް ޝަކީލް ޢައްޔަންކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ