ސިޔާސީ ކަންކަމަށް ފަނޑިޔާރުގެތައް ބޭނުންކުރެވިގެން ނުވާނެ: މައުމޫނު

ސިޔާސީ މަޤްސަދުތައް ހާސިލް ކުރަން ފަނޑިޔާރުގެތައް ބޭނުން ކުރުމަކީ، ޤާނޫނުތަކާއި އަދި ޤާނޫނުއަސާސީ އާއި ވެސް މުޅިން ހިލާފު ކަމެއް ކަމަށް ވިދާޅުވެ އެކަންކަން ވަގުތުން ހުއްޓާލުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޛު މައުމޫނު އަބުދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
ރައީސް މައުމޫނު މިކަމަށް ގޮވާލެއްވީ، ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ހުޅުއްވާފައިވާ އޮފީސް ބަންދުކުރުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް، މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް މައުމޫނުގެ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ޝަރުއީ ދާއިރާ މެދުވެރިކޮށް، ސިޔާސީ މަޤްސަދުތައް ހާސިލްކުރުމަކީ ޤާނޫނުތަކާއި ޤާނޫނުއަސާސީވެސް ތަންދޭކަމެއް ނޫންކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ކުރުން ވަގުތުން ހުއްޓާލުމަށް ވަނީ ގޮވާލައްވާފަ އެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ހުޅުއްވާފައިވާ އޮފީސް ބަންދުކުރުމަށް ސިވިލް ކޯޓުން އަމުރެއް ނެރުނީ ރޭގެ ވަގުތެއްގަ އެވެ.
ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރުގައި ބުނެފައި ވަނީ، ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް އަބުދުﷲ ޔާމީނާއި ކޯޓް މެދުވެރިކޮށް ހަވާލްކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ސިވިލްކޯޓުން ކުރި އެ ހުކުމުގައި ކަނޑައަޅާފައިވާގޮތާއި ޚިލާފަށް ޕީޕީއެމްގެ ރައީސްގެ ނަމުގައި އޮފީހެއް ހަދާ، ޕީޕީއެމްގެ ދިދައާއި ލޯގޯ ބޭނުންކޮށްގެން އަދި ޕީޕީއެމްގެ ނަމުގައި ޖަލްސާ ބާއްވައި އެއްވެސް ހަރަކާތެއް ހިންގާނަމަ އެކަމެއް ހުއްޓުވުމަށް ވަނީ ފުލުހުންނަށް އަންގާފައެވެ.
ސިވިލް ކޯޓުން މި އަމުރު ނެރެފައިވާއިރު، ޕީޕީއެމްގެ މުސްތަޝާރު ރައީސް އަށް ތާއިދުކުރާ ސުލޫކީ ކޮމެޓީން ވަނީ ރައީސް މައުމޫން ޕީޕީއެމްގެ މެންބަރުކަމުންވެސް ވަކި ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ