ކޯޓުން ބޭރުގައި ކުރާ ކައިވެނިން ކުދިންގެ ހައްގުތައް ދަނީ ގެއްލެމުން: އާޒިމާ
ކޯޓުން ބޭރުގައި ކުރާ ކައިވެނިތަކުގެ ސަބަބުން ދަރިންގެ ހައްގުތައް ގެއްލެމުންދާ ކަމަށާއި އެކަމާ މެދު އަންހެނުން ވިސްނުމަށް ޖެންޑާ މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު މިއަދު ގޮވާލައްވައިފި އެވެ.ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ށ. ކަނޑިތީމުގައި ބޭއްވި ޖަލްސާގައި އާޒިމާ ވިދާޅުވީ ބައެއްް ކަހަލަ ގަބޫލުކުރުންތަކުގެ ސަބަބުން "ކޯޓުން ބޭރުގައި ކުރާ ކައިވެނިތަކުގެ ނަތީޖާ ވަރަށް ހިތި" ކަމަށާއި އެފަދަ އެ ކައިވެނިތަކަށް ލިބޭ ކުދިންގެ ގާނޫނީ ހައްގުތައް ގެއްލެމުންދާ ކަމަށެވެ.އެފަދަ ކުދިން ގާނޫނީ ގޮތުން ރަޖިސްޓްރީ ނުކުރެވި އެ ކުދިންނަށް އައިޑީކާޑުގެ ހައްގާއި ނަސަބުގެ ހައްގު ގެއްލެމުންދާ ކަމަށް އާޒިމާ ވިދާޅުވި އެވެ."އަޅުގަނޑުމެންގެ އަމިއްލަ ގަބޫލުކުރުންތަކުގެ ތެރެއިން ކުދިންނަށް މިދެވެނީ ގެއްލުން،" އާޒިމާ ވިދާޅުވި އެވެ. އަންހެނުންނާއި ފިރިހެނުން ތަފާތެއް ނެތް ކަމަށް ބައެއް މީހުން ބުނާއިރު ސުކޫލްތަކުންނާއި ޔުނިވާސިޓީތަކުން ނިންމާ އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ނަތީޖާގައި ތަފާތެއް ނެތަސް ސިޔާސަތު އެކުލަވާލާ ހިސާބުގައި ރާއްޖޭގައި އަންހެނުން މަދުކަމަށް އާޒިމާ ވިދާޅުވި އެވެ.އަންހެނުންގެ ތަރައްގީ އަށް ވަރަށް ބޮޑެތި ހުރަސްތައް ވެސް އެބަހުރި ކަމަށާއި 58 ރަށެއްގެ އަންހެނުން ކޮމިޓީ އިންތިހާބުކޮށްފައި ނެތް ކަމަށް އާޒިމާ ވިދާޅުވި އެވެ. ރާއްޖޭގެ 90 ޕަސެންޓް އަންހެނުންގެ ކޮމިޓީ އަށް އެލަވަންސެއް ނުލިބޭ ކަމަށާއި 75 ޕަސެންޓް ކޮމިޓީ އަށް މަސައްކަތްކުރާ ތަނެއް ނެތް ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އަދި ގިނަ އަދަދެއްގެ އަންހެނުންގެ ކޮމިޓީތަކަށް އެ ކޮމިޓީތަކުން ކުރިން މަސައްކަތްކޮށްގެން ހޯދި މުދާ ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ."މުދާ ނުލިބުނީ ހަމައެކަނި އަންހެނުންގެ ކޮމިޓީ އަށް. މިއީ ތަފާތުކުރުމެއް ނޫންތޯ" އާޒިމާ ވިދާޅުވި އެވެ. ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާ ރާއްޖޭގައި ވަރަށް ސީރިއަސްކަމަށާއި ކޮންމެ ތިން އަންހެނުންގެ ތެރެއިން އެކަކީ އުުުމުރުގެ ކޮންމެވެސް ހިސާބެއްގައި އަނިޔާ ލިބިފައިވާ މީހެއް ކަމަށް ދިރާސާތަކުން ދައްކާ ކަމަށް އާޒިމާ ވިދާޅުވި އެވެ."ގެވެށި އަނިޔާ ދަނީ މައްޗަށް. މިއީ ހަމައެކަނި އަންހެނަކަށް ލިބޭ އަނިޔާއެއް ނޫން ކަމަށާއި އެއީ މުޅި އެ އާއިލާގައި ލާނެ ލަކުނެއް،" ކަމަށް އޭނާ ވިދާޅުވި އެވެ.ޖިންސީ އަނިޔާ ލިބޭ އަންހެން ކުދިން ތައުލީމުން ވެސް މަހްރޫމުވަމުންދާ ކަމަށާއި އެފަދަ ކުދިން ސްކޫލަށް ދިއުމަށް އެހެން ބެލެނިވެރިން ނުރުހޭ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އެގޮތުން މިހާރު ވެސް 11 އަހަރުގެ އަންހެނުން ކުއްޖަކު ރަސްމީ ތައުލީމުން މަހްރޫމުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.އަންހެން ކުދިންނަށް ޖިންސީ އަނިޔާ ލިބެނީ ކުދިންގެ ސަބަބުން ނޫން ކަމަށާއި އެ އަނިޔާގެ އަސަރު އިހްސާސް ކުރެވޭނީ ތިމާގެ އަމިއްލަ ދަރިޔަށް އެފަދަ އަނިޔާއެއް ލިބުމުން ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.ގައުމީ ތަރައްގީގައި މަސައްކަތްކުރާ އަންހެނުންނަށް "ރެހެންދި" އެވޯޑްގެ ނަމުގައި ހާއްސަ އެވޯޑެއް މިއަދުގެ ޖަލްސާގައި ވަނީ ތައާރަފުކޮށްފަ އެވެ. ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަކީ މާޗް 8 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ