ސައުދީއަރަބިއްޔާގައި އަންހެނުން ކާރު ދުއްވުން މަނާކުރުމާއި ހުއްދަކުރުން

ގުނަމުންދިޔައީ ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރެވެ.
ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކާ ހިލާފަށް ސައުދީ އަރަބިއްޔާގައި ވަނީ
އަންހެނުން ކާރު ދުއްވުން މަނާކޮށްފަ އެވެ. މިކަން ކޮށްފައި އޮންނަނީ ހަމަ
އެއްވެސް ގާނޫނަކުން މަނާކޮށްގެންނެއް ވެސް ނޫނެވެ. އެހެންވެ މިކަމާ ދެކޮޅަށް އެކި
ގޮތްގޮތަށް އިހުތިޖާޖުތައް ކުރެވެ އެވެ. އެ އަހަރުގެ ނޮވެމްބަރު މަހުން
ދުވަހެއްގައި މިކަމާ ދެކޮޅަށް ބޭއްވުނު އެންމެ އަސަރުގަދަ އެއް ހަރަކާތަކީ ސާޅީސް
ހަތް އަންހެނަކު ސަތާރަ ކާރެއްގައި އެ ގައުމުގެ ވެރިރަށް ރިޔާޒުގެ މަގުތަކުގައި ކާރު ދުއްވަން
ނުކުތުމެވެ. މިކަން ކުރީ "އަންހެނުން ޑްރައިވަރުކަން ކުރުމުގެ މުޒާހަރާ"
ގެ ނަމުގަ އެވެ.
މިކަން ނިމުނީ، އެ މުޒާހަރާގައި ބައިވެރިވި ކަނބަލުންތައް
ހައްޔަރުކުރެވި ފުރުން މަނާކުރެވި އޭގެ ތެރެއިން ވަޒީފާގައި އުޅޭ މީހުން
ވަޒީފާއިން ވެސް ވަކިކުރެވިގެންނެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ފިރިން،
ފިރިންނެތް މީހުންގެ ބައްޕައިންވެސް ހައްޔަރުކޮށް ތަހުގީގުކުރެވުނެވެ. އެމީހުންގެ އަނބިން ކިޔަމަންތެރިކޮށްގެން ނުގެންގުޅެވުނުކަމުގެ
ތުހުމަތުގަ އެވެ. ސައުދީ އަރަބިއްޔާގެ ހޯމް މިނިސްޓްރީން އަންހެނުން ކާރު ދުއްވުން
މަނާކޮށް ބަޔާނެއް ނެރުނީވެސް މި މުޒާހަރާއާ ގުޅިގެންނެވެ. އެހާތަނަށް ވެސް އެކަން
ހުއްޓުވަމުން އައީ ގާނޫނެއް ނެތްތާނގައި މިފަދަ ބަޔާނެއް ވެސް ނެތި އެވެ.
Enterprise Development Industrial Pvt Ltd
MU STORE
Yes Maldives Pvt Ltd
MU STORE
ކުރިންވެސް ސައުދީގައި މަނާވެފައި އޮތް މި ކަންތަކަށް
މަނާކަމުގެ ސިއްކަ އެއްކޮށް ޖެހިގެން ދިޔައީ މިދެންނެވުނު މުޒާހަރާއާއެކު
ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރުގެ ނޮވެމްބަރުމަހުގަ ތެރޭގަ އެވެ. ދެން މިކަމުގައި
ދީނީ އިލްމުވެރިން އަމަލުކުރެއްވި ގޮތަށް ބަލާލުން ވަރަށް ވެސް މުހިންމެވެ.
އޭރު ސައުދީ އަރަބިއްޔާގެ ފަތުވާދޭ މަޖިލީހުގެ ރައީސަކަށް ހުންނެވީ
އަލްޢައްލާމާ އައްޝައިޚް އިބްނު ބާޒް ރަޙިމަހު ﷲ އެވެ. އިބްނު ބާޒަކީ ސައުދީ އަރަބިއްޔާގެ އޭރުހުރި އެންމެ ނުފޫޒުގަދަ އިލްމުވެރިޔާވެސްމެ އެވެ. އިބްނު ބާޒަކީ ލޯފަން ބޭފުޅަކަށްވުމާއެކުވެސް ވަރަށް ތަފާތު ބޭފުޅެކެވެ. ސައުދީ އަރަބިއްޔާގެ މުފްތީ އާންމުކަމުގެ މަގާމު ހުސްވެފައި އޮންނަތާ ސައުވީސް އަހަރުފަހުން، 1993 ވަނަ އަހަރު އެމަގާމަށް އިބްނު ބާޒް އައްޔަންކުރެއްވި ކުރެއްވުން ވެސް އޭނާގެ ނުފޫޒުގަދަކަމުގެ މައްޗަށް ދަލާލަތުކުރެ އެވެ. މިފަހުން ހުރިހާ އިސްލާމީ ގައުމެއްގައި، ސައުދީ އަރަބިއްޔާއިން ފެތުރި ފުޅާވަމުންދާ އިސްލާމީ ފިޤުހުގެ ސަލަފީ ސްކޫލުގެ އެއް ބާނީ އަކީ ވެސް އިބްނު ބާޒްކަމުގައި ދެންނެވިދާނެ އެވެ.
އިބްނު ބާޒްގެ ރަސްމީ
ފަތުވާ ބުނާގޮތުން، އަންހެނުން ޑްރައިވަރުންގެ ގޮތުގައި
ކާރުދުއްވުމަކީ، ދީނީ ގޮތުން ހަރާންކަމެކެވެ. ދަލީލަކަށް ބަޔާންކުރައްވަނީ އިސްލާމީ ފިޤުހުގައި އޮންނަ 'ސައްދުއްޒަރާއިޢު'
ގެ އުސޫލެވެ. މިއީ ވަކި ކަމެއް ކުރުމުން އެކަމުގެ ނަތީޖާއިން ފަސާދަތަކެއް
ނުކުންނަނަމަ، އެކަމެއް ހަރާންވުމުގެ އުސޫލެވެ. އެފަތުވާގައި ބުނާ ގޮތުން
އަންހެނުން ކާރު ދުއްވުމުން، ހިލޭ ފިރިހެނުންނާއި އަންހެނުން މަސްހުނިވުމާއި
ބުރުގާ ނޭޅުމާއި މަހުރަމަކާ ނުލައި ދަތުރުކުރުމާއި، މިނޫންވެސް ނުބައި ކަންކަމަށް
މަގުފަހިވެގެންދެ އެވެ.
އިބްނު ބާޒްގެ މި ފަތުވާއަކީ އެއްގޮތަކަށް ވެސް ސައުދީ
ސަރުކާރު ދިފާއުކުރަން ނެރުނު ފަތުވާއެއް ނޫނެވެ. އިބްނު ބާޒްގެ ވިސްނުންފުޅު އެހެން
ފަތުވާތަކުގައި ގެންގުޅުއްވާފައި ހުރި ގޮތް އެނގޭ ކޮންމެ މީހަކަށް، މިހާލަތު
މެދުވެރިވެއްޖެކަމުގައި ބުނެ، އެ ވަގުތު ފަތުވާއަކަށް އަހައިފިނަމަ ނުކުންނާނީ މި
ޖަވާބުކަން އެނގޭނެ އެވެ. މި ފަތުވާއަކީ އިބްނު ބާޒް އެހެން ކަންކަމުގައި
ގެންގުޅުއްވި ވިސްނުންފުޅުތަކާ ހަމަ ރަނގަޅަށް ދިމާވާ ފަތުވާއެކެވެ. އިބްނު ބާޒް
ދެކެވަޑައިގަންނަވާ ގޮތުގައި، އަންހެނުން މަހުރަމަކާ ނުލައި ދަތުރުކުރުމަކީ ވެސް ހަރާން ކަމެކެވެ. އެއީ ކިތަންމެ އަމާންކަން ލިބިގެންވާ މާހައުލެއް އޮތަސްމެ އެވެ. އިބްނު ބާޒް ދީނީ ގޮތުން ހަރާންކަމުގައި ދެކެވަޑައިގެންނެވި ކަންކަމުގެ ތެރޭގައި ފަލަކީ ހިސާބަށް ހަނދު ސާބިތުކުރުމާއި، އަންހެނުންނާއި ފިރިހެނުން އެއްތާކަށް އެއްވުމާއި މިބާވަތުގެ ކިތަންމެ ކަމެއް ހިމެނެ އެވެ. އެހެންވީމާ މިއުސޫލުން ބަލާއިރު އިބްނު ބާޒްގެ ހަވާލާދެވޭ ފަތުވާއަކީވެސް ހަމަ އިބްނު ބާޒްގެ މަޒުހަބާ ރަނގަޅަށް ދިމާވާ ފަތުވާއެކެވެ.
ސައުދީ ސަރުކާރުން އަންހެނުން ކާރު ދުއްވުން މަނާކޮށް،
އަދި އެކަމަކީ ދީނީ ގޮތުން ވެސް ހަރާންކަމެއްކަމުގައި ހައްދަވައިގެން އުޅުއްވާ
އުޅުއްވުމާ ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވި އެއް އިލްމުވެރިޔަކީ، މިފަހު
ޒަމާނުގެ މުޖައްދިދު ޑރ ޔޫސުފުލް ޤަރަޟާވީ އެވެ. އޭނާ އެތައް ފަހަރަކު ސައުދީ
ސަރުކާރަށް މިކަމަށްޓަކައި ފާޑުވިދާޅުވެފައިވެ އެވެ. 2011 ވަނަ އަހަރު ސައުދީގެ ރަސްގެފާނު
ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒަށް އަމާޒުކުރައްވާ އާންމު ތަނެއްގައި، ހަރާންވާނީ ﷲ
ތައާލާ ސާފުކޮށް ހަރާންކުރައްވާފައިވާ ކަންކަންކަމަށާއި، އަންހެނުން ކާރުދުއްވުން
މަނާކުރާ ދަލީލެއް ނެތްކަމަށް ވިދާޅުވެ އަންހެނުން ކާރުދުއްވުމަށް އެކަނބަލުންނަށް
ހުއްދަދިނުމަށް ޑރ ޤަރަޟާވީ ގޮވާލެއްވި އެވެ.
މިހާ ފާޅުކަން ބޮޑުގޮތުގައި ޤަރަޟާވީ މިގޮތަށް
ވިދާޅުވުމުން ސައުދީ އަރަބިއްޔާގެ އިލްމުވެރިން، މިަކަމާ ވަރަށް ކޯފާވި އެވެ. މަޝްހޫރު އިލްމުވެރިޔާ
އައްޝައިޚް ޞާލިޙުލްފައުޒާންއާއި އައްޝައިޚް ޢަބްދުއްރަޙްމާން ބުނުލްބަރާކް ފަދަ ބޭފުޅުން، ވަރަށް ހަރުކަށިކޮށް ޤަރަޟާވީއަށް ރައްދުދެއްވި އެވެ. އަދި އެބޭފުޅުން
ޤަރަޟާވީގެ މި އަމަލުފުޅު ސިފަކުރެއްވީ ސައުދީ ސަރުކާރުގެ ދާޚިލީ ކަންކަމުގެ
ތެރެއަށް ވަދެގަތުންކަމަށާއި، ސައުދީގެ ދެ ހަރަންފުޅުގެ އިލްމުވެރިންގެ އިޖުމާއުގެ
މައްޗަށް އަރައިގަތުންކަމަށެވެ. ހެއްވާކަމަކީ، މިކަމުގައި އުންމަތަށްވުރެ ގައުމިއްޔަތުވެސް
އިސްވެގެންދިޔަކަމެވެ. 
26 ސެޕްޓެމްބަރު 2017 ވަނަ ދުވަހު ސައުދީ ރަސްގެފާނު
ސަލްމާން ބިން ޢަބްދުލް ޢަޒީޒް ވަރަށް ތާރީހީ ރަސްކަމުގެ އަމުރުފުޅެއް ނެރުއްވި އެވެ.
މިއަމުރުފުޅުން އަންހެނުން ކާރުދުއްވުން ހުއްދަކުރެއްވި އެވެ. އެކަމަކު އެހާތަނަށް
ސައުދީ އަރަބިއްޔާގެ ދެ ހަރަންފުޅުގެ އިލްމުވެރިންގެ އިޖުމާއުން ދީނީ ގޮތުން ވެސް އެކަން
އޮތީ ހަރާންކަމެއްގެ ގޮތުގަ އެވެ. ދެން އެޔާ ވިދިގެން ސައުދީ އަރަބިއްޔާގެ ބޮޑެތި
އިލްމުވެރިންގެ މަޖިލީހުގެ ފަތުވާއެއް ނެރެވުނެވެ. އެމަޖިލީހުގެ އަގުލަބިއްޔަތުން
ކުރިން އެކަމުގައި އޮތް ދީނީ ވިސްނުން މުރާޖައާކުރެވިއްޖެކަމަށާއި، އިސްލާމްދީނުގައި
ކަންކަމުގައި އަސްލަކީ ހުއްދަވުންކަމަށް ބަޔާންކުރައްވައި، އަންހެނުން ކާރު
ދުއްވުމަކީ ހުއްދަކަމެއްކަމަށް ބަޔާންކުރައްވާފައިވެ އެވެ.
މިއީ އެންމެ މިސާލެކެވެ. ފިގުހީ ވަރަށް ގިނަ ކަންކަމުގެ ހުކުމް
ބަޔާންކުރެއްވުމުގައި، ސައުދީގެ ސަލަފީ ސްކޫލްގެ ފިގުހާއި އެހެން ބޮޑެތި
އިލްމުވެރިންގެ ވިސްނުމާއި ތަފާތުތަކެއް އެބަހުއްޓެވެ. މިދެންނެވި އެހެން ބޮޑެތި
އިލްމުވެރިންގެ ތެރޭގައި ސައުދީގެ އިލްމުވެރިންވެސް ހިމެނެއެވެ. ހުރީ މިބާވަތުގެ "އިބުރަތްތެރި"
އަދި "އަޖައިބުކުރުވަނިވި" ތަފާތުތަކެވެ. ނަމަވެސް އިސްލާމީ ދުނިޔެއަށް
ފެތުރި މަޝްހޫރުވެފައިވަނީ ސަލަފީ ސްކޫލްގެ ވިސްނުމެވެ. މިކަމާ ހުރެ ދިވެހިންގެ ތެރޭގައި ވެސް އުފެދެން ނުޖެހޭ އެތައް އަރާރުމަކާއި ދެބަސްވުމެއް ހިނގަމުންދެ އެވެ.
މިވާހަކަތައް މި ހިއްސާކޮށްލީ ހަރުދަނާ އަސާސްތަކެއް ނެތް ފިގުހީ ސްކޫލްތަކާއި، އިސްލާމީ ފިކުރުގެ
ހަރުދަނާ މުޑިތަކެއްގެ މައްޗަށް ބިނާކުރެވިފައި ހުންނަ ފިޤުހީ ސްކޫލްތަކުގެ ތަފާތު
ވިސްނައިދިނުމަށްޓަކަ އެވެ. އަހުރެން އެދެނީ އިސްލާހުކުރުމާއި އިސްލާހުވުންކަމާއި
އެނޫން އެހެން ނިޔަތެއް ނެތްކަން މާތް ﷲ ދެނެވޮޑިގެންވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ