8،000 މުވައްޒަފުން ތިބި ފެނަކައިން، ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ކެނޑުމުގެ ފުރުސަތު ދީފި

ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން, ހަތަރު މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު މުވައްޒަފުންނަށް މިއަދު ހުޅުވާލައިފިއެވެ. އެ ކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހަސަން ސޮއިކުރެއްވުމަށް ފަހު, ހުރިހާ ޑިޕާޓްމަންޓަކަށް ވަނީ އެކަމާ ގުޅޭ މެމޯއެއް ފޮނުއްވައިފައެވެ. އެ މެމޯގައިވާ ގޮތުން މުވައްޒަފުން އެދިގެން އަދާކުރަމުން އަންނަ ވަޒީފާއިން ވަކިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ފުރުސަތު ދެނީ އެ ކުންފުނިން މުވައްޒަފުން މަދުކުރުމަށް ކުރަމުންއަންނަ މަސައްކަތުގެ ތެރެއިންކަމަށް، މެމޯގައި ވަނީ ބުނެފައެވެ. އެހެންކަމުން ކަމަށް އެދުމުގެ ފުރުސަތު މާދަމާއިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ 15:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުން އެކަން ހުށަހަޅަން އަންގާފައިވަނީ ފެނަކައިގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށެވެ. އެ މެމޯގައި ވަނީ، އަމިއްލައަށް އެދިގެން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ފެނަކައަކީ ގެއްލުމުގައި ހިންގާ ކުންފުންޏެއް ކަމަށްވާއިރު، އެ ކުންފުންޏަށް ފާއިތުވި އަހަރުތަކުގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވެއެވެ. އެގޮތުން، އިންތިޚާބުތަކާ ދިމާކޮށް ކޮންމެ ސަރުކާރެއްގައި ގިނަ އަދަދަކަށް މުވައްޒަފުން ނަގާ ކަމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފް ހުސައިން މީގެ ކުރިން ވަނީ ފެނަކައިގައި މިހާރު ވެސް 8000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަވެ. ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާއިރު އެންމެ އެކަށޭނެ ގޮތެއްގައި މަސައްކަތްކުރާ މުވައްޒަފުންނާ އެކަށޭނެ ގޮތެއްގައި މަސައްކަތް ނުކުރެވޭނެ މުވައްޒަފުން ތިބޭނެކަމަށާއި އެ ކަންކަން ބަލައި އިސްލާހުކުރާނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. https://sun.mv/220814 ދައުލަތުގެ ކުންފުނިތަކަށް ބޮޑު ޚަރަދެއް ކޮންމެ އަހަރަކު ވެސް ކުރަމުން އަންނައިރު، ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު ވަނީ، ސަރުކާރު ކުންފުނިތަކުން 33 މުވައްޒަފުން މަދުކުރަން އަންގަން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަންގައިފައެވެ. އޭގެ ފަހުން ކުންފުނިތަކުން މުވައްޒަފުން މަދު ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ. ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ މި ގައުމުގެ ސިވިލް ސާވިސްގައި 30،312 މުވައްޒަފުން ތިބި ކަމަށް ފަހުގެ ތަފާސްހިސާބުން ދައްކާއިރު، އެ އަދަދާއި ކުންފުނިތަކުގެ މުވައްޒަފުންގެ އަަދަދު އެއް ކުރުމުން ޖުމްލަ 72،312 އަށް އަރައެވެ. https://sun.mv/220647 ބާދީގެ ނިސްބަތުން އެހާ ގިނަ އަދަދެއްގެ މީހުން ސަރުކާރުގެ ވަޒީފާތަކުގައި މަސައްކަތް ކުރުމަކީ ދުނިޔޭގެ ތަރައްގީ ވެފައިވާ އަދި ރަނގަޅު އިގްތިސާދެއް އޮތް ގައުމުތަކުގައި އެކަން އޮންނަ ގޮތެއް ނޫންކަން މާހިރުން ފާހަގަކުރައްވައެވެ. އަދި ސަރުކާރުން ޚަރަދުކުރާ މަގާމުތައް އިތުރުވުމުން، ދައުލަތުގެ ފައިސާގެ ބޮޑު ބައެއް މުސާރައަށް ޚަރަދު ކުރަން ޖެހި، ގައުމު ދެރުމާއި ތަރައްގީ މަޑު ޖެހުމުގެ ނުރައްކާ އޮންނަ ކަމަށް އިގުތިސާދީ މާހިރުން ވިދާޅުވެއެވެ. ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން ނަގާ ދަރަނި ފުނިޖެހެމުން ގޮސް، ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ބޭރުގެ އިދާރާތަކުން ގޮވާލާތާ އަހަރުތަކެއް ވަނީ ވެފައެވެ. އެފަދަ އިސްލާހުތައް ގެންނަން މި ސަރުކާރުން ވެސް ވައުދުވެފައިވީ ނަމަވެސް، ޕެންޝަނާއި ސަބްސިޑީ ނިޒާމު އިސްލާހު ކުރުން ފަދަ އިސްލާހުތައް ވަނީ މަޑުޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ