ހަ ރައީސުންގެ އަރިހުގައި މުލީއާގޭގައި ހިދުމަތް ކުރެއްވި އިބްރާހިމް ހަލީމް އަވަހާރަވެއްޖެ

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރެއްވި ހަ ބޭފުޅުންގެ އަރިހުގައި މުލީއާގޭގައި ހިދުމަތް ކުރެއްވި މ. ފަތްކޯނި، އިބްރާހިމް ހަލީމް މިއަދު އަވަހާރަވެއްޖެ އެވެ. 
އޭނާ އަވަހާރަވީ އުމުރުން 76 އަހަރުގަ އެވެ. މިރޭ 23:00 ގައި ހަލީމްގެ މައްޗަށް ކުރާ ކަށުނަމާދު އާސަހަރާ މިސްކިތުގައި އޮންނާނެ އެވެ. 
ދިވެހި ދައުލަތަށް 50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ހަލީމަށް 2021 ވަނަ އަހަރު ވަނީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފަ އެވެ. 
ހަލީމް އަވަހާރަވުމުގެ ހިތާމައިގައި ކުރީގެ ވެރިކަން ކުރެއްވި ބައެއް ރައީސުން ވަނީ ހިތާމަ ފާޅުކުރައްވާފަ އެވެ. ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ ހަލީމްގެ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ. 
ދިވެހި ސަރުކާރަށް ހަލީމް ހިދުމަތް ކުރައްވަން ފެއްޓެވީ ޖުލައި ފަހެއް، 1971 ގަ އެވެ. އެޓާނީ ޖެނެރަލްގެ އޮފީހުގެ ޕިޔޯނެއްގެ ވަޒީފާއިން ގައުމީ ހިދުމަތް ފެއްޓެވި ހަލީމް ވަނީ އޭގެފަހުން، ޕްރައިމް މިނިސްޓަރުގެ އޮފީހާއި، ގަވަމަންޓް ހޮސްޕިޓަލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕިޔޯނުކަން ކުރައްވާފަ އެވެ. 
ހަލީމްގެ އެންމެ ދިގު ހިދުަމަތެއް އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގެއާ ގުޅިފަ އެވެ. އޭނާ މުލީއާގޭގައި ހިދުމަތް ކުރައްވަން ފެއްޓެވީ ފެބްރުއަރީ 12، 1977 ގަ އެވެ. 
މުލީއާގޭ ފަރީއްކޮޅު ބަހައްޓާ ކަމާއި، ރިޔާސީ ގަނޑުވަރުގެ ސުޕަވައިޒަރު ކަމާއި، ޖެނެރަލް ސާވިސަސް އޮފިސަރު ކަމާއި، ޖެނެރަލް ސާވިސަސް ސުޕަވައިޒަރު ކަމާއި، ހެޑް ވީއައިޕީ ވެއިޓަރު ކަމާއި، ޗީފް ވީއައިޕީ ވެއިޓަރުކަން އޭނާ ކުރެއްވި އެވެ. 
ހަލީމް ވަނީ ރައީސް އިބްރާހިމް ނާސިރު، ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް މުހައްމަދު ނަޝީދު، ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު، ރައީސް އަބްދުالله ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހހުގެ ދައުރުގައި ހިދުމަތް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ