އިނގިރޭސި ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށް، ކޭންގެ އަމާޒު ބެލޮންޑިއޯ އެވޯޑަށް

އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމަށް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިދީ، ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ’ބެލޮންޑިއޯ‘ އެވޯޑު ހޯދުމަކީ އަމާޒެއް ކަމަށް އިނގިރޭސި ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.
މިއަހަރު ބަޔާން މިއުނިކްގައި މޮޅު ކުޅުމެއް ދައްކައި، ހުރިހާ މުބާރާތަކުން 61 ގޯލު ކާމިޔާބުކޮށްފައިވާ ކޭން ބުނީ، ވޯލްޑް ކަޕް ކާމިޔާބުކުރެވިއްޖެނަމަ އެ އެވޯޑު ހޯދުމުގެ ފުރުސަތު އޭނާއަށް ބޮޑު ކަމަށެވެ.
”މި ސީޒަނުގައި ހޯދި ކާމިޔާބީތަކާއި ޖެހި ގޯލުތަކަށް ބަލާއިރު، އިނގިރޭސި ޓީމު ވޯލްޑް ކަޕް އުފުލައިފިނަމަ، އެ އެވޯޑު ލިބޭނެ އެންމެ ވަރުގަދަ އެއް ކެންޑިޑޭޓަކީ އަހަރެން ކަމަށް ގަބޫލުކުރެވޭ،“ ފްރާންސްގެ ’ލެކިޕް‘ ނޫހަށް ދިން އިންޓަވިއުއެއްގައި ކޭން ބުންޏެވެ.
އިނގިރޭސި ޓީމުގެ އާ ކޯޗު ތޯމަސް ޓޫޗެލްގެ އިރުޝާދުގެ ދަށުން، 1966 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއް ކާމިޔާބުކުރުމުގެ އުންމީދުގައި ޓީމު މިހާރު ތައްޔާރުވަމުން އަންނަނީ ފްލޮރިޑާގައި ކުރިއަށްދާ ޓްރެއިނިން ކޭމްޕްގައެވެ. ކޭން ވަނީ ޓޫޗެލްގެ ކޯޗިން ސްޓައިލަށް ފުރިހަމަ އިތުބާރު އޮތްކަން ހާމަކޮށް، ޓީމުގެ އަމާޒަކީ ވޯލްޑް ކަޕް ކާމިޔާބުކުރުން ކަމަށް ބުނެފައެވެ.
އިނގިރޭސި ޓީމު މިހާތަނަށް ޔޫރޯގެ ދެ ފައިނަލަކާއި، ވޯލްޑް ކަޕްގެ ސެމީ ފައިނަލަކާއި ކުއާޓާ ފައިނަލަކަށް ގޮސްފައިވީ ނަމަވެސް، މިފަހަރުގެ މުބާރާތަކީ އާ ކޯޗަކާއެކު އާ އުންމީދުތަކެއް ގެނުވާ މުބާރާތެއް ކަމަށް ކޭން ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ