ފެނަކަ އެމްޑީގެ ކުރީގެ ކޮރަޕްޝަންގެ މައްސަލައެއް އަލުން ފެންމަތިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ އާ މެނޭޖިން ޑިރެކްޓަރު، މުހައްމަދު އަފީފް ހުސެއިންގެ މައްޗަށް ކުރިން ކުރެވިފައި އޮތް ކޮރަޕްޝަންގެ ތުހުމަތެއް އަލުން ފެންމަތިވއްޖެ އެވެ.  
އެއީ މީގެ ފަސް އަހަރު ކުރިން އޭސީސީއަށް ހުށަހަޅާފައި އޮތް މައްސަލައެކެވެ. މައްސަލަ ހުށަހަޅާފައި ވަނީ މާލެ ސިޓީގެ ކުރީގެ ކައުންސިލަރު، ސައިފް ފާތިހު އެވެ. އޭނާ ހުށަހެޅީ މިނިސްޓްރީއެއްގެ ގަރާޖަކަށް އަފީފްގެ ޕްރައިވެޓް ވެހިކަލެއް ރެޖިސްޓްރީ ކުރި މައްސަލައެކެވެ. އޭރު އަފީފް ހުންނެވީ ޕަބްލިކް ވޯކްސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.
ބުދަ ދުވަހު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ސައިފް ވިދާޅުވީ އެ މައްސަލައިގައި އަފީފްއާ ދެކޮޅަށް ހެކި ހުރި ނަމަވެސް، ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށެވެ. އެ ޕޯސްޓާއެކު ސައިފް ވަނީ އޭސީސީން މައްސަލަ ބަލައި ނިންމިކަމުގެ ލިޔުން ވެސް ހިއްސާކުރައްވައިފަ އެވެ.
"ދެންނެވިފައިވާ މައްސަލަ މި ކޮމިޝަނުން ތަހުގީގުކޮށް ބެލި ބެލުމުން، ޖިނާއީ ކުށެއް ސާބިތުވާ މިންވަރަށް ތަހުގީގަށް ހެކި ގަރީނާ ލިބިފައި ވާތީ، މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ކޮރަޕްޝަންގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް، މި މައްސަލައަކީ އެ އޮފީހުން ދައުވާ ނުކުރުމަށް ނިންމާފައިވާ މައްސަލައެއް ކަމަށް ވާތީ، މި މައްސަލަ ފައިލް ކުރުމަށް ނިންމީ،" އޭސީސީގެ ލިޔުމުގައި ބުނެފައިވެ އެވެ.
ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ގާނޫނުން ލާޒިމުކޮށްފައި އޮންނަނީ އޭސީސީއަށެވެ. އެ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކުގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ފެންނަ ނަމަ، އެ މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވަ އެވެ. ދައުވާ ކުރުމާމެދު ގޮތެއް ނިންމަނީ އެ އޮފީހުންނެވެ.
ސައިފް ވިދާޅުވީ އެ މައްސަލައިގައި ޕީޖީ އޮފީހުން ނިންމީ ދައުވާ ނުކުރަން ކަމަށެވެ. އެކަމަކު މި ހަބަރު ޕަބްލިޝް ކުރިއިރު އެ އޮފީހުގެ ބަހެއް ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ