ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅޭ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ފައިނަލަށް އަމިއްލަ ބާރުގައި ދިއުމުގެ އުންމީދު ދެމެހެއްޓުމަށްޓަކައި، ނަތީޖާ ނެރުން ހުރިހާ ގޮތަކުން ވެސް މުހިންމު މެޗަކަށް މިއަދު ގައުމީ ފުޓްބޯޅަ ޓީމުން ޕާކިސްތާނާ ދެކޮޅަށް ނުކުންނާނެ އެވެ.
ހަތަރު ގައުމު ވާދަކުރާ ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ޕާކިސްތާނުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ބަންގްލްދޭޝްގެ އޮލިމްޕިކް ޓީމު (23 އަހަރުން ދަށުގެ ޓީމު)އާ 0-0 އިން އެއްވަރުވެފަ އެވެ. ރާއްޖޭން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި، އަފްގާނިސްތާނާ ވާދަކޮށް، ވަނީ 1-0 އިން ބަލިވެފަ އެވެ.
މުބާރާތުގެ ފޯމެޓް ރޭވިފައި އޮތްގޮތުން، ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެއް ފައިނަލަށްދާނެ އެވެ. މި ވަގުތު ލީގު ބުރުގެ ޕޮއިންޓް ތާވަލުގައި، ޕޮއިންޓެއް ނުލިބި އޮތް ހަމައެކަނި ގައުމަކީ ރާއްޖެ އެވެ. އަފްގާނިސްތާނުން ތިން ޕޮއިންޓާ އެކު އެންމެ ކުރީގައި އޮތްއިރު، ބަންގްލަދޭޝް އާއި ޕާކިސްތާނަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
މި ވަގުތުގެ ހާލަތަށް ބަލާއިރު، ރާއްޖެ އަށް ޕާކިސްތާން ބަލިކުރުން މަޖުބޫރެވެ.
ޕާކިސްތާންގެ ގައުމީ ޓީމު އެންމެ ފަހުން ރާއްޖެ އަތުވެފައިވަނީ، 2023 ވަނަ އަހަރު މާޗް މަހުގައި. ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު އެކުވެރިކަމުގެ މެޗަކަށެވެ. އެ މެޗުން ރާއްޖެ ވަނީ 1-0 އިން މޮޅުވެފަ އެވެ. އޭގެ ކުރިން، ޕާކިސްތާނުން ވަނީ 2013 ވަނަ އަހަރު ވެސް އެކުވެރިކަމުގެ މެޗުތަކަކަށް ރާއްޖެ އައިސްފަ އެވެ. އަދި، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް، ރާއްޖެ އާއި ލަންކާގައި ހޯސްޓްކުރިއިރު ވެސް ޕާކިސްތާނުން ވަނީ ރާއްޖެ އަތުވެފަ އެވެ.
ނިއުކާސަލް ޔުނައިޓެޑާއި ޕެރޫ ގައުމީ ޓީމަށް ކުރިން ކުޅުނު ނޮލްބާޓޯ ސޮލާނޯގެ ކޯޗުކަމުގައި މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ޕާކިސްތާނުން ކުރިއެރުންތަކެއް ވަނީ ހޯދައިފަ އެވެ. އެެހެން ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ނެރުމުގައި ޕާކިސްތާނަށް އަދިވެސް ތަފާތެއް ނުދެއްކޭތީ، އެ ޓީމަށް އަމާޒުވާ ފާޑުކިޔުން އިތުރެވެ. އަދި، ޑައިމަންޑް ޖުބިލީ މުބާރާތުގެ ފުރަތަމަ މެޗުގައި، އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ފަހު ބައިގަޑިއިރެއްހާއިރު، ކުޅުނު ބަންގްލަދޭޝްގެ ޒުވާން ޓީމު އަތުން ޕާކިސްތާނަށް މޮޅުނުވެވުމުން ސޮލާނޯގެ ނިންމުންތަކަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
ބަންގްލަދޭޝް މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ސޮލާނޯ ވަނީ އެ މެޗު ދިޔަ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މައިގަނޑު ގޮތެއްގައި، ގޯލު ޖަހަން ލިބޭ ފުރުސަތުތަކުގައި، ފަރުވާ ބަހައްޓައިގެން ކަން ކުރަން އުޅުމުގެ ބަދަލުގައި، ފަސޭހައިން ނިންމާލަން ހަދައިގެން ގެއްލުނު ފުރުސަތުތަކަކީ ސޮލާނޯ އަށް ނުތަނަވަސްކަން ކުރިމަތިވި ކަމެކެވެ.
އޭޝިއަން ކަޕް ކޮލިފައިން އާއި ވޯލްޑް ކަޕް ކޮލިފައިންގައި ރަނގަޅު ހިސާބަކަށް ދިއުމަށް ޕާކިސްތާނާ އެކު އަމާޒުހިފާފައިވާ ސޮލާނޯ އަށް މިއަދު އެ ޓީމު ގޮވައިގެން ނުކުންނަން ޖެހިފައި މި ވަނީ ޕްރެޝަރު މެޗަކަށެވެ. އެއީ، ލީގު ބުރުގެ ފަހު މެޗުގައި، އަފްގާނިސްތާނާ ކުޅެން ޖެހޭއިރު، މޮޅެއް ހޯދައިގެން އެ މެޗާ ކުރިމަތިލުމަށެވެ. އެކަމަކު، އެކަން ކުރަން ޕާކިސްތާނުން ޖެހޭނީ އަދި މިހާތަނަށް އެ ޓީމުން ނުކުރާ ކަމެއް ހާސިލްކުރާށެވެ. އެއީ، ރާއްޖޭގެ ހޯމް މެޗަކުން އެ ޓީމުގެ މައްޗަށް ކުރިހޯދައިގެންނެވެ.
ތިން ވަނަ ފަހަރަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވި ހަންގޭރީގެ އިސްތަވާން އުރްބާނީގެ ކޯޗުކަމުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން މި ފަހަރު ދެ މެޗެއް މިހާތަނަށް ކުޅެފި އެވެ. އެ ގޮތުން، ފުރަތަމަ މެޗަކީ، މާޗް 31 ވަނަ ދުވަހު، އޭޝިއަން ކަޕް ކޮލިފައިންގައި ގަލޮޅު ދަނޑުގައި ޓިމޯ ލެސްޓޭ އަތުން އުނދަގުލުން ނަމަވެސް ފަހަތުން އަރައި މޮޅުވި މެޗެެވެ. އެއީ، ތިން އަހަރަށް ފަހު، ރާއްޖޭން އަމިއްލަ ދަނޑުގައި މޮޅުވި ފުރަތަމަ މެޗެވެ.
ޓިމޯ ލެސްޓޭ މެޗުން މޮޅުވިޔަސް، އެ މެޗުގެ ކުޅުމާ މެދު ގިނަ ބަޔަކު ހިތްހަމަނުޖެހުނީ، ރޭންކިންގެ ގޮތުން އެތައް ދަރަޖައެއް ފަހަތުގައި އޮތް ޓީމެއް އަތުން ރާއްޖެ އަށް އަމިއްލަ ދަނޑުގައި ކުޅެ ފަސޭހަ މޮޅެއް ނުހޯދުނުއިރު، ފެނުނު ކުޅުމަކީ ވެސް ހަގީގަތުގައި ރާއްޖޭގެ ކުޅުންތެރިންގެ ލެވަލް ކަމަށް ނުވުމެވެ.
އެކަމަކު، މީގެ ދެ ދުވަސް ކުރިން، ޑައިމަންޑް ޖުބިލީ މުބާރާތުގައި އަފްގާނިސްތާން އަތުން 1-0 އިން ރާއްޖެ ބަލިވި މެޗުގައި، ގައުމީ ޓީމުގެ ފަރާތުން ކުރިއެރުން ފެނުނެވެ. މުސްތަގުބަލުގައި ރާއްޖޭން، އުރްބާނީގެ ކޯޗުކަމުގައި ހާސިލްކުރަން މަސައްކަތްކުރަނީ ކޮން ކަމެއްތޯ، އޭގެ ކޮންމެ ވެސް މިންވަރެއްގެ ކަންތައްތަކެއް އެ މެޗުގައި ފެނިގެންދިޔަ އެވެ. އަފްގާނިސްތާނުން ރަނގަޅަށް ފުރަތަމަ ހާފުގައި ކުޅުނު ކަމުގައި ވިޔަސް، ދެ ވަނަ ހާފުގައި ރާއްޖޭން ވަރަށް ރަނގަޅަށް މަސައްކަތްކުރިކަން، އަފްގާނިސްތާންގެ ކޯޗު، ބްރެޒިލްގެ ހޯސޭ އެންޓޯނިއޯ ނޮގޭރާ ވަނީ ފާހަގަކޮށްފަ އެވެ.
އުރްބާނީ، އެ މެޗަށް ފަހު ބުނީ، ބަލިވީ ހެދުނު "ކުޑަ ގޯހަކުން" ކަމަށާއި މެޗުގައި ކުޅުންތެރިން ކުރި މަސައްކަތާއި ކަންކަމަށް ބަލާއިރު، ކުރިއަށް ފިޔަވަޅުތަކެއް އެޅޭ ކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ. މެޗަށް ފަހު ކުޅުންތެރިން އެކުވެ ދެއްކި ވާހަކަތަކުގައި، ފައިނަލަށް ދިއުމަށްޓަކައި ކުރަން ޖެހޭ ކަންކަމަށް އަމިއްލަ އަށް އިސްނަގައިގެން ހިތްވަރުލާނެ ކަމަށް ބުނެ، އެ ރޫހު ފެނިގެންދިއުމަކީ އުރްބާނީ އަށް އޮތް ހިތްހަމަޖެހުމެކެވެ.
ގައުމީ ޓީމުގެ ފުރަތަމަ އެގާރައގައި ހިމެނިގެން، ޑިފެންޑަރު، ހަސަން އީނާޒް (ބަކާ) ދެއްކި ކުޅުން އުރްބާނީ ވަނީ ފާހަގަކޮށްފަ އެވެ. އަދި، ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަަހު، ގައުމީ ޓީމަށް އެނބުރި އައިސް، އަމްދާން އަލީ (އެންޑީ) ކުރި މަސައްކަތް ވެސް ފާހަގަކުރަންޖެހެ އެވެ. ހަމްޒާ މުހައްމަދު (ހަމްޕު)ގެ ކެޕްޓަންކަމުގައި ކުޅުނު ރާއްޖޭން، ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ކުޅުންތެރިން ކުރި ހިތްވަރު ވެސް ފާހަގަކުރަންޖެހެ އެވެ.
ދެ އަހަރެއްހާ ގިނަ ދުވަސް ވަންދެން، ރާއްޖޭގެ މައި ފުޓްބޯޅަ "ހުއްޓިފައި" އޮވެ، މިދިޔަ އަހަރު އަލުން ފުޓްބޯޅަ ފަށައިގެން މި ކުރެވޭ މަސައްކަތުގައި، ރާއްޖޭގެ ގައުމީ ޓީމު އޮތީ ސަރަހައްދުގެ އެހެން ގައުމުތަކުގެ ފުޓްބޯޅައިގެ ދުވެލި އޮތް ހިސާބާ ބަލާއިރު، ކޮންމެ ވެސް ވަރަކަށް ފަހަތުގައިކަން ގަބޫލުކުރަންޖެހެ އެވެ. އެކަމަކު، ދުނިޔޭގެ ފުޓްބޯޅައިގައި މިހާރު މަސައްކަތް ކުރާނަަމަ އަވަހަށް ބޭނުންވާ ހިސާބަށް ދެވޭނެ އެވެ. އެ ކަންކަމަަށް ބޭނުންވަނީ ގުޅިގެން ކުރެވޭ ރަނގަޅު މަސައްކަތެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގައި މިއަދު ހަވީރު 4 ޖަހާއިރު ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ، ރާއްޖޭގެ ގައުމީ ޓީމުން ކުރިއަށް ފިޔަވަޅެއް އަޅަން ލިބޭނެ ފުރުސަތެކެވެ. އެއީ، އިދިކޮޅަށް އޮތް ޕާކިސްތާން ޓީމަކީ، ޔޫރަޕާއި އޭޝިއާގެ އެކި ގައުމުތަކުގެ އެކި ޑިވިޝަންތަކުަގައި ކުޅޭ ކުޅުންތެރިންގެ މައްޗަށް އެކުލަވާލައިފައި އޮތް ޓީމެއް ކަމަށްވާއިރު، އެ ފަދަ ޓީމެއް އަތުން މޮޅުވުމަކީ، ގައުމީ ޓީމުގެ ކޮންފިޑެންސަށް ވަރަށް މުހިންމު ކުރިއެރުމެއް ގެނެވޭނެ ކަމަކަށްވާތީ އެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގެ ބޮޑު މެޗަކަށް ރާއްޖޭން ޕާކިސްތާނާ ދެކޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ