ޒިއުރިކް، ސްވިޒަލެންޑް (ޖޫން 4) - ފީފާ ވޯލްޑް ކަޕްގެ މެޗުތައް ބަލަން ދަނޑަށް ވަންނަ ސަޕޯޓަރުންނަށް އަމިއްލަ ފެންފުޅިއެއް ހިފައިގެން ނުަވަދެވޭނެކަމަށް އަންގައި، ސަޕޯޓަރުންގެ ގައިޑްލައިން ފީފާ އިން ފަހު ވަގުތު ބަދަލުކޮށްފި އެވެ.
މީގެ ތިން ހަފްތާ ކުރިން ފީފާގެ އޮފިޝަލް ސްޓޭޑިއަމް ކޯޑް އޮފް ކޮންޑަކްޓްގައި ހިމަނާފައިވާ އެއް މާއްދާ އަކީ، ރީޔޫޒަބަލް (އެއް ފަހަރަށް ވުރެން ގިނަ ފަހަރަށް ބޭނުންކުރެވޭ) ޕްލާސްޓިކް ފުޅިއެއް، 1 ލިޓަރުގެ ކެޕޭސިޓީ ހިމެނޭ ގޮތަށް، ކޮންމެ ސަޕޯޓަރަކަށް ދަނޑަށް ވެއްދޭނެ ކަމަށެވެ.
އެހެން ނަމަވެސް، ފީފާ ވެބްސައިޓުގައި އެ މާއްދާއާ އެކު މީގެ ކުރިން، އޮފިޝަލް ސްޓޭޑިއަމް ކޯޑް އޮފް ކޮންޑަކްޓް މި ވަނީ ފަހު ވަގުުތު ބަދަލުކޮށްފަ އެވެ. އެ ގޮތުން، ޖޫން 2 ވަނަ ދުވަހު ވަނީ، ކޯޑް އޮފް ކޮންޑަކްޓް އިން އެ މާއްދާ ނަގައިފަ އެވެ. އަދި، ޓިކެޓް ގެނަފައިވާ ސަޕޯޓަރުންނަށް ފީފާ އިން ފޮނުވާފައިވާ އީމެއިލެއްގައި ބުނެފައިވަނީ، ރީޔޫޒަބަލް ޕްލާސްޓިކް ފެންފުޅިތައް މިހާރު ދަނޑަށް ވެއްދުމުގެ ހުއްދައެއް ނެތް ކަމަށެވެ.
ޕްލާސްޓިކް ނޫނަސް އެއްވެސް ޒާތެއްގެ ފުޅިއެއް ދަނޑަށް ވައްދަން ހުއްދައެއް ނެތް ކަމަށް ވެސް އެ މެއިލްގައި ހިމަނާފައިވާއިރު، ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ހަމަނުޖެހުން ހިނގާ ވަގުތުތަކުގައި ދަނޑަށް އެއްޗެހި އުކުން ފަދަ ކަންކަމަށް ފުރުސަތު އޮންނާތީވެ އެކަންކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށެެވެ.
އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕްގައި ސަޕޯޓަރުންނަށް ގިނަ ފިންތުންތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. އެ ގޮތުން، ދަތުރުފަތުރު ކުރުމުގެ ހަރަދާއި މެޗު ޓިކެޓްގެ އަގުތައް އިންތިހާ އަށް މަތިވެފައިވާއިރު، ފެންފުޅިއެއް ދަނޑަށް ވެއްދުން ފަދަ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ވެސް އުނދަގޫތަކެއް މިހާރު މިވީ ގޮތުން އަންނާނެ އެވެ. އަދި، ފީފާ ވޯލްޑް ކަޕް ކުޅޭ ދަނޑުތަކުގައި މި ފަަހަރު، ހުސް ފުޅި އަށް ފެން ރީފިލް ކުުރުމުގެ އިންތިޒާމް ވެސް ނުހުންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިދިޔަ އަހަރު އެމެރިކާގައި ބޭއްވި ކްލަބް ވޯލްޑް ކަޕްގެ މެޗުތަކުގެ ތެރެއިން ދަނޑުތަކުގައި ފެންފުޅި އެއް ވިއްކާފައިވަނީ، ހަތަރު ޑޮލަރާއި ހަ ޑޮލަރާ ދެމެދުގެ އަގުތަކަށެވެ. އަދި، މި ފަހަރުގެ ވޯލްޑް ކަޕްގައި، ފީފާ އިން ސޮފްޓް ޑްރިންކާއި ފެން ވިއްކާނީ ކޮން އަގުތަކެއްގައިކަން ހާމަކޮށްފައިނުވާއިރު، މި ފަހަރުގެ ވޯލްޑް ކަޕް ދުވަސްވަރު، ކެނަޑާ އާއި މެކްސިކޯ އަދި އެމެރިކާ އަށް ވަރަށް ހޫނުގަދަވާނެ ކަމަށް މޫސުމާ ބެހޭ އެކި އިދާރާތަކުން ވަނީ މައުލޫމާތު ދީފަ އެވެ.
ފީފާ އިން ވަނީ އެކި މުބާރާތްތައް ކުރިއަށްދާ ސްޓޭޑިއަމްތަކުގައި، ރީޔޫޒަބަލް ފެންފުޅި ބޭނުންކުރަން ހުއްދަ ދޭ ދިނުމަށް އަމަލުކުރުމުގައި ސީދާ އުސޫލެއް ނެތް ކަމަށް ބުނެ، އޭގެ ފިޔަވަޅު އަޅަނީ ހާލަތަށް ބެލުމަށް ފަަހު ކަމަށް ބުނެފަ އެވެ.
ވޯލްޑް ކަޕް މެޗުތަކަށް ސަޕޯޓަރުން ދަނޑަށް ފެންފުޅި ވެއްދުން ފަހު ވަގުތު މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ