ބައްޕަގެ ވަޒީފާ ގެއްލުވާލުމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަގާމުން އަޒާން އަހްމަދު ޒުހައިރު އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - އަޒާންގެ ބައްޕައަކީ މި ސަރުކާރުން އުފެއްދި މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެމްޓީއެސްބީ)ގެ ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި އަހްމަދު ޒުހައިރު އެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ 27 ޖޫން 2025ގަ އެވެ.
އެވިއޭޝަން ދާއިރާގެ ތަޖުރިބާ ހުންނެވި ޒުހައިރު ވަނީ މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.
ތަފްސީލު - އޭއައިއޭގެ ޗެއާމަނަކަށް ހުންނެވި އަޒާން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބައްޕަ ޒުހައިރަކީ އަބަދުވެސް އެމްޑީޕީގެ ސަޕޯޓަރެއް ކަމަށެވެ.
އަޒާން ވިދާޅުވި ގޮތުގައި:
ޒުހައިރު އެމްޓީއެސްބީގެ ޑިރެކްޓަރަކަށް އައްޔަންކުރީ އިންޓަވިއު ކުރުމަށްފަހު، އޭނާގެ ތަޖުރިބާއަށް ވެސް ބެލުމަށްފަހު
އެ މަގާމަށް އައްޔަންކުރިއިރު ޕީއެންސީއަށް ސަޕޯޓުކުރަން ޝަރުތުކޮށްފައި ނުވޭ؛ އެފަދަ ޝަރުތެއް ކުރި ނަމަ، ޒުހައިރު އެ މަގާމާ ހަވާލު ވެސް ނުވާނެ
އިހުތިރާމް އަދާކުރުމުގެ ގޮތުން އެ މަގާމަށް އައްޔަންކުރި ފަހުން މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޑީޕީގެ އެއްވެސް ހަރަކާތެއްގައި ޒުހައިރު ބައިވެރިނުވޭ
އެހެން ނަމަވެސް، އަޒާން ވިދާޅުވީ މިފަހުން ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގުގެ ހަރަކާތެއްގައި ޒުހައިރު ބައިވެރިވި ކަމަށާއި އެއީ ސޯދިގަކީ އާއިލީ ގުޅުން އޮންނަ ބޭފުޅަކަށް ވާތީ ކަމަށެވެ. އަދި އެ ހަރަކާތުގައި ބައިވެރިވީ އޭގެ 15 ދުވަސް ކުރިން މިނިސްޓްރީއަށް އެކަން އެންގުމަށްފަހު ކަމަށް ވެސް އަޒާން ވިދާޅުވި އެވެ.
"އެހެން ނަމަވެސް ސަރުކާރުގެ އެތެރެއިން ބައެއް މީހުން ބައްޕަ މަގާމުން ވަކިކުރަން މަސައްކަތްކުރި. އެއީ ސިޔާސީ މަގާމަކަށް ނުވިޔަސް، ކޮންޓްރެކްޓު ވަޒީފާއަކަށް ވާތީ އެކަން ކުރަން ވެގެން [ބައްޕަ ވަޒީފާއިން ވަކިކުރަން ވެގެން] މިއަދު އެ މަގާމު އުވާލީ،" އަޒާންގެ ޕޯސްޓުގައި ވިދާޅުވި އެވެ.
"މިކަހަލަ ގޮތްގޮތަށް އަމަލުކުރާ ސަރުކާރެއް ތަމްސީލެއް ނުކުރެވޭނެ. އެހެންކަމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދިނުމަށް ވާނީ ހުށަހަޅާފައި."
އަޒާން ވަނީ އޭނާ އެ މަގާމުގައި ހުންނެވިއިރު އޭއައިއޭގެ ޓީމުން ލިބުނު އެއްބާރުލުން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.
ބައްޕަގެ ވަޒީފާ ގެއްލުވާލުމުން އައްޑޫ އެއާޕޯޓު ކުންފުނީގެ ބޯޑު ޗެއާމަން އިސްތިއުފާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ