ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫގެ މައްޗަށް 1-0 އިން ކުރިހޯދައި، ނޯތު ރީޖަން ލީގު ޗެމްޕިއަންކަން ހޯދި، ހދ. ދިއްދޫން ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ. '
ކޮލިފިކޭޝަނުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު، ފުރަތަމަ ޑިވިޝަނުގެ ކްލަބް ގްރީން ސްޓްރީޓްސް އާއި އެފްއޭއެމް ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން، ކ. ހުރާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ގަލޮޅު ދަނޑުގައި މިރޭ ގައްދޫ އާއި ދިއްދޫ ބައްދަލުކުރި މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމުން ވެސް ގޯލު ޖަހާނެ ފުރުސަތުތަކެއް ހޯދާފައިވެ އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދިއްދޫން ކާމިޔާބުކުރީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، އެ ޓީމުގެ ލަނޑު ކާމިޔާބުކުރީ މެޗުގެ 68 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖަހައިދިނީ، ގާނާގެ ކުޅުންތެރިޔާ ޔުސިފް އަފުލް އެވެ. މިއީ، ދިއްދޫގެ ހުސެއިން ސިފާހު (ސިފަޓީ) އޭރިއާތެރެއިން ނަގައިދިން ހުރަަހަކަށް އަރައި އަފުލް ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެެވެ.
މެޗަކުން ބަލިނުވެ ނޯތު ލީގުގެ ޗެމްޕިއަންކަން ހޯދި ދިއްދޫން ދެ ވަނަ ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ނާކާމިޔާބުވީ، ގައްދޫގެ ކީޕަރު، ބޯޖާން ވުކްމިރޯވިޗްގެ ހުށިޔާރުކަމުންނެވެ. އޭނާ ވަނީ ރަނގަޅު ހަމަލާތަކެއް ހުއްޓުވައިފަ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑެއް އެކުލަވާލާފައިވާ ގޮތުން ވަނީ ހަތަރު ރީޖަން އަކަށް ބެހިފަ އެވެ. އެ ގޮތުން، ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަން އަދި މާލެ ރީޖަން އަށް ބަހާލައިފައިވާއިރު، މާލެ ރީޖަނަކީ ކުރީގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާެރާތެެވެ.
މާލެ ރީޖަނުގެ ޗެމްޕިއަނުންގެ ގޮތުގައި ބިސް ބުރު ސްޕޯޓްސް އިން ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނެ އެވެ، އަދި، ނޯތު ރީޖަނުން ލިބޭ ޖާގައިގައި ދިއްދޫން ވާދަކުރާއިރު، ސެންޓްރަލް ރީޖަނަލް ލީގުގެ ޗެމްޕިއަންގެ ގޮތުގައި ކޮލިފިކޭޝަނުން ފެންނާނީ ހުރާ އެވެ. ކޮލިފިކޭޝަންގެ ފަހު ޖާގަ ހޯދީ ސައުތު ލީގު ކާމިޔާބުކުރި ގައްދޫ އެވެ.
ދެން، ކޮލިފިކޭޝަނުގައި ކުޅެން ޖެހިފައިވަނީ، ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ އަށް ދިޔަ، ޓީސީ ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓްސް އެވެ.
ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި މި ހަ ޓީމު ވާދަކުރާއިރު، ހަތަރު ޓީމެއް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ.
މި މަހު 25 ވަނަ ދުވަހުގެ ނިޔަލަށް ކުޅޭ ކޮލިފިކޭޝަންގައި މާދަމާރޭ ކުޅޭ މެޗުގައި ބިސް ބުރުން ކުޅޭނީ ޓީސީއާ އެވެ.
ގައްދޫ ބަލިކޮށް ދިވެހި ޕްެރިމިއާ ލީގު ކޮލިފިކޭޝަންގެ ފުރަތަމަ މޮޅު ދިއްދޫ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ